06 May 2013, 15:23
ރާއްޖޭގައި ނޫސްވެރީންގެ އަގު ވަޒަން ކުރެވިފައި ނުވާ ކަމަށާއި ނޫސްވެރިންނަށް ލިބޭ އުޖޫރައަކީ އެކަށީގެންވާ އުޖޫރައެއް ނޫން ކަމަށް ގަބޫލުކުރައްވާ ކަމަށް ކުރީގެ އިންފޮމޭޝަން މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ދިޓީވީގެ ހަބަރު ތެރެއިން ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ނަޝީދު ރޭ ވިދާޅުވީ ރާއްޖޭގެ ދިގު ތާރީހުގައި ނޫސްވެރިންގެ އަގު އެހާ ބޮޑަށް ވަޒަން ކުރެވިފައި ނުވާ ކަމަށާއި އެމީހުން ބިނާކުރެވިފައި ނުވާ ކަމަށާއި ހައްގު މަގާމު ދެވިފައި ނުވާ ކަމަށެވެ.
".. ރާއްޖޭގެ ދިގު ތާރީހުގައި، ނޫސްވެރިކަން ކުރާ މީހުންގެ ވެލިއު އެހާ ބޮޑަކަށެއް ބަލައި ގަނެވިފައެއް ނެތް، އެމީހުންގެ އަގު އެހާ ބޮޑަށް ވަޒަން ކުރެވިފައެއް ނެތް. އެހާވަރަކަށް އެމީހުން ބިނާކުރެވިފައެއް ނެތް، އެމީހުންނަށް އެމީހުންގެ ހައްގު މަގާމު ހޯދައި ދެވިފައެއް ނެތް،" ނަޝީދު ވިދާޅުވި އެވެ.
އޭނާ އަދި ވިދާޅުވީ ކެރިއާއެއްގެ ގޮތުގައި ނޫސްވެރިކަން ކުރިއަށް ގެންދިއުމުގެ ވެއްޓެއް ވެސް ބިނާކުރެވިފައެއް ނެތް ކަމަށެވެ. އަދި ވިދާޅުވީ މިހާރު ރާއްޖޭގައި ނޫސްވެރިކަން ކުރާ މީހުންނަކީ ޝައުގެއްގެ ގޮތުން އެ މަސައްކަތް ކުރާ މީހުން ކަމަށާއި އެމީހުން އެކަން ކުރަނީ އާމްދަނީ ލިބޭ ވަސީލަތެއްގެ ގޮތުގައި ނޫން ކަމަށެވެ.
".. ޝައުގެއްގެ ގޮތުން ކުރާ މީހުން ގިނައީ، އާމްދަނީ ލިބޭ ވަސީލަތަކަށް ކުރާ މީހުންނަށް ވުރެ ބޮޑަށް، އެއީ އެވަސީލަތެއް ނުވެސް ލިބޭ، އަނެއްކާ މީޑިއާގެ ވެށި މިއޮންނަ ގޮތުން، ހުންނަ ޖޮބް އޮޕޮޗުނިޓީސްތައް (ވަޒީފާގެ ފުރުސަތުތައް) ވެސް ވަރަށް ހަނިވެފައި މިހުންނަނީ. ވަކި ކަހަލަ ވިސްނުންތަކަކުން މައިގަނޑު ގޮތެއްގައި މީޑިއާތައް މިކޮންޓްރޯލް ކުރަނީ. ދެން މިއޮންނަނީ ދައުލަތުގެ މީޑިއާ، އެ ތަނުގައި ވެސް ހަމަ އެމީހުންގެ އަމިއްލަ މައްސަލަތައް އެބަހުރި. އެހެން ވީމާ ދަންނަވަން މިއުޅޭ ވާހަކައަކީ ނޫސްވެރީންނަށް ލިބޭ އުޖޫރައަކީ ރަނގަޅު އުޖޫރައެއް ކަމަށް، އަދި އެކަށީގެންވާ ދިރިހުރި އުޖޫރައެއް ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަމޭ،" ނަޝީދު ވިދާޅުވި އެވެ.
ނޫސްވެރީންނަށް ލިބެންވާ އުޖޫރައާއި އެހެނިހެން އިނާޔަތްތަކުގެ ވާހަކައަކީ ޑިމޮކްރަސީ އާއި މީޑިއާގެ މިނިވަންކަމުގެ ވާހަކަ ދައްކާ އިރު ދައްކަން ޖެހޭ ވާހަކައެއް ކަމަށާއި މީޑިއާގެ މިނިވަންކަން ދެމެހެއްޓޭނީ އެކަމުގައި ބަޔަކު ދިރިވެސް އުޅެގެން ކަމަށެވެ.
".. އެމީހުންނަށް އެލިބެންވާ އުޖޫރަ އާއި މާލީ އިނާޔަތްތަކަކީ އެމީހުން އެ އަދާކުރާ މަސައްކަތްތުގެ ނާޒުކު ކަމާ ހާއްސަ ކަމަށް ބަލާފައި އަޅުގަނޑުމެން ޑިމޮކްރަސީގެ ވާހަކަ ދައްކާ އިރު އަދި މީޑިއާގެ މިނިވަންކަމުގެ ވާހަކަ ދައްކާ އިރު ހަމަ އެއާ އެކު ދައްކަން ޖެހޭ ވާހަކައެކޭ. އެއީ މީޑިއާގެ މިނިވަންކަން ވެސް ދެމެހެއްޓޭނީ އޭގައި ބަޔަކު ދިރިވެސް އުޅެގެން ދެއްތޯ،" ނަޝީދު ވިދާޅުވި އެވެ.