އަމްސްޓަޑަމްގައި ރޭ އަޔެކްސް އާއި ވިލެމް ޓޫ ޓިލްބާގު ބައްދަލުކުރި މެޗު 5-0 ން ކާމިޔާބުކޮށް ޑަޗް ލީގުގެ ޗެމްޕިއަންކަން ޖެހިޖެހިގެން ތިން ވަނަ ފަހަރަށް އަޔެކްސް އިން ހޯދައިފި އެވެ.

ލީގުގައި ބާކީ އެއް މެޗު ކުޅެން އޮތް އިރު ރޭގެ މެޗުން މޮޅުވުމުން އަޔެކްސް އަށް ވަނީ ދެވަނައިގައި އޮތް ޕީއެސްވީ އެއިދޮވަން އަށްވުރެ ހަތަރު ޕޮއިންޓު އިތުރަށް ލިބިފަ އެވެ.

"އަހަރެމެން އަތުން ޕޮއިންޓުތަކެއް ގެއްލުނު ކަމުގައި ވީނަމަވެސް މިފަހަރުގެ ލީގު އަހަރުމެންނަށް ލިބުން ހައްގުވޭ،" 32 ވަނަ ފަހަރަށް ލީގު ޗެމްޕިއަންކަން ހޯދި ޓީމުގެ ކޯޗު ފްރޭންކް ޑި ބޯއާ ބުންޏެވެ. "މުޅި މުބާރާތުގައި ވެސް އެންމެ ހަމަހަމަ ކުޅުމެއް ދައްކާފައިވަނީ އަހަރެމެން. އަދި އަޔެކްސްއިން ވަނީ މުޅި ސީޒަންގައި ވެސް ރަނގަޅު ކުޅުމެއް ދައްކާފައި،"އޭނާ ބުންޏެވެ.

މެޗުގެ 12 ވަނަ މިނިޓުގައި އަޔެކްސްގެ ފުރަތަމަ ލަނޑު ކާމިޔާބު ކޮށްދިނީ ކޮލްބީން ސިގްޕޯސަން އެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން ކްރިސްޓިއަން އެރިކްސަން ވަނީ އަޔެކްސްގެ ދެވަނަ ލަނޑު ކާމިޔާބު ކޮށްދީފަ އެވެ. އަޔެކްސްގެ ފަހު ތިން ލަނޑު ފަހު ހާފުގައި ކާމިޔާބު ކޮށްދިނީ ވިކްޓާ ފިޝާ، ކެޕްޓަން ސީމް ޑި ޖޯން އަދި ޑެނީ ހޯސެން އެވެ.

"އަހަރެމެން މިއަދު ކުޅުނީ ވަރަށް ހިތް އަވަސްވެ ތިބެ. މެޗެއް ކުޅުމުގެ ފުރިހަމަ ޕްރެޝަރު މިއަދު އިހުސާސް ކުރެވުނު،" އަޔެކްސްގެ ކެޕްޓަން ބުންޏެވެ.

ރޭގެ މެޗުން ބަލިވުމުން ޓިލްބާގް ވަނީ ރެލިގޭޓް ވެފަ އެވެ. އަދި އެންއީސީ ނިޖްމެގަން 4-2ން ބަލިކޮށް ޕީއެސްވީ ވަނީ ލީގުގެ ދެވަނަ ހޯދައި ޗެމްޕިއަންސް ލީގުގެ ޕްރިލިމިނަރީ ބުރުން ޖަގައެއް ހޯދާފަ އެވެ.