ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު އަދި ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު މަރާލި މައްސަލާގެ ޝަރީއަތް ރަނގަޅަށް ފަށައިގަތުމުން ރައްޔިތުން ހޯދަން ބޭނުންވާ ވަރަށް ގިނަ ސުވާލުތަކަކަށް، ޖަވާބު ލިބިގެންދާނެ ކަމަށް ހޯމް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

ޑރ. އަފްރާޝީމް އަލީގެ މަރާ ގުޅިގެން މި ފަހަކަށް އައިސް މާލެ ތެރޭގައި ގައުމީ އިއްތިހާދުން ބާއްވަމުން ގެންދާ އެއްވުންތަކުގައި އެކަމުގެ އަޑީގައި ތިބި ބަޔަކު ހާމަކުރުމަށް ގޮވާލާ ޝުއޫރުތައް ގެންދަނީ ފާޅުކުރަމުންނެވެ.

ސަންއަށް ދެއްވި އިންޓަވިއެއްގައި ހޯމް މިނިސްޓަރު ވިދާޅުވީ ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި ބަޔަކު މިއަދު ހޯދައި ޝަރީއަތުގެ މަރުހަލާއާ ހަމައަށް ގެންދެވިފައިވާ ކަމަށާއި އެއީ އެ މައްސަލާގައި ލިބިފައިވާ ވަރަށް ބޮޑު ކުރިއެރުމެއް ކަމުގައި ދެކެވަޑައިގެންނަވާ ކަމަށެވެ. އަދި އެއީ އެއްވެސް ބަޔަކު ސިޔާސީ ކަމެއްގެ ގޮތުގައި ހަދައިގެން އުޅެންޖެހޭ ވަރަށް ވުރެ ނާޒުކު މައްސަލައެއް ކަމަށް ވެސް ޖަމީލް ވިދާޅުވި އެވެ.

"އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ ރާއްޖޭގެ މިފަދަ އެއްވެސް ކަމަކީ އެއްވެސް ބަޔަކު ސިޔާސީ ކަމެއްގެ ގޮތުގައި ހަދައިގެން ވާނެ ކަމެއް ކަމަށް. ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއް ސިޔާސީ ބޭފުޅެއް އަދި ދީނީ އިލްމުވެރިއެއް ބަޔަކު މަރާލާނީ އެކަމުގެ އަޑީގައި ބަޔަކު ތިބެގެންކަން، އެއީ އަޅުގަނޑުމެން އެންމެ ފުރަތަމަ ވެސް ދެއްކި ވާހަކައަކީ. އެކަން ތަހުގީގަށް ވެސް ހާމަވޭ. ޝަރީއަތުގެ މަރުހަލާ ރަނގަޅަށް ހިނގަން ފެށުމުން ރައްޔިތުން ހޯދަން ބޭނުންވާ ގިނަ ވާހަކަތަކުގެ ޖަވާބު ލިބިގެންދާނެ،" ޖަމީލް ވިދާޅުވި އެވެ.

އަފްރާޝީމް ދިރިއުޅުއްވަމުން ގެންދެވި ހ. ފުންވިލު ގޭގެ ސިޑިކައިރީގައި އޭނާ މަރައިލައިފައި އޮއްވައި ފެނުނު މައްސަލައިގައި ދައުލަތުން ވަނީ ހ. ލޮބީ ހުސައިން ހުމާމް އަހްމަދު އަދި ހ. ހިކޯސްޓް އަލީ ޝާންގެ މައްޗަށް ގަސްދުގައި މީހަކު މަރާލާފައިވާ ކަމުގެ ދައުވާ އުފުލާފަ އެވެ. ނަމަވެސް އެ ދެ މީހުން ވެސް ވަނީ ދައުވާއަށް އިންކާރުކޮށްފަ އެވެ.

އެ މައްސަލާގައި ދައުލަތުން ވަނީ ކުޑަ ކުއްޖެއްގެ މައްޗަށް ވެސް ދައުވާ އުފުލައިފަ އެވެ. އޭނާގެ މައްޗަށް ދައުލަތުން ދައުވާ ކުރަނީ ތަހުގީގަށް ދޮގު މައުލޫމާތު ދީފައިވާ ކަމުގެ ކުށުގެ ދައުވާ އެވެ.