06 May 2013, 13:39
އިޓާލިއަން ލީގުގައި ރޭ އަމިއްލަ ދަނޑުގައި ޕަލޭމޯއާ ދެކޮޅަށް ކުޅުނު މެޗު އެކެއް ސުމަކުން ކާމިޔާބުކޮށް ހުސްވި އަހަރުގެ ލީގު ޗެމްޕިއަން ޔުވެންޓާސް ލީގު ދިފާއު ކޮށްފިއެވެ.
ލީގު ޗެމްޕިއަން ކަން 29 ވަނަ ފަހަރަށް ޔުވެންޓާސް އަށް ކަށަވަރު ކޮށްދިން ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މެޗުގެ 56 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީއަކުން އެ ޓީމުގެ 23 އަހަރުގެ ޗިލީ މިޑްފީލްޑަރު އާޓޫރޯ ވިޑާލް އެވެ. ރޭގެ މޮޅާއެކު ބާކީ ހަތަރު މެޗު ކުޅެން އޮތްއިރު ޔުވެންޓާސްއަށް ވަނީ ލީގުގެ ދެވަނައިގައި އޮތް ނަޕޯލީއަށްވުރެ 14 ޕޮއިންޓު އިތުރަށް ލިބިފައެވެ. މެޗުގެ 83 ވަނަ މިނިޓުގައި މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ މިޑްފީލްޑަރު ޕައުލް ޕޮގްބާއަށް ރަތްކާޑެއް ދެއްކުމާ ގުޅިގެން މެޗުގެ ބާކީބައި ޔުވެންޓާސް އިން ކުޅެފައިވަނީ 10 ކުޅުންތެރިންނާ އެކުގައެވެ.
މެޗު ފިކްސިންގެ އަދަބެއްގެ ގޮތުގައި 2005 އަދި 2006 ވަނަ އަހަރު ޔުވެންޓާސްއަށް ލިބުނު ލީގު ޗެމްޕިއަންކަން އިޓަލީގެ ފުޓްބޯޅައިގެ މައި އިދާރާއިން އަތުލާފައިވާއިރު އެދެފަހަރު ނުހިމަނައި ވޭތުވެ ދިޔަ ދިހަވަރަކަށް އަހަރު ތެރޭގައި އެޓީމަށް ޖެހިޖެހިގެން ލީގު ޗެމްޕިއަންކަން ލިބުނު މިއީ ފުރަތަމަ ފަހަރެވެ. އެފަހަރުގެ މެޗު ފިކްސިންގެ މައްސަލައިގައި އިޓާލިއަން ފުޓްބޯޅަ ފެޑެރޭޝަނުންވަނީ ޔުވެންޓާސްއާއި ލާޒިއޯ، އަދި ފިއޮރެންޓީނާ ދެވަނަ ޑިވިޝަނަށް ޑީމޯޓްވެސް ކޮށްފައެވެ.
މެޗު ނިމުމާއެކު ޔުވެންޓާސްގެ ސަޕޯޓަރުންނާއި ކުޅުންތެރިންނާއި އޮފިޝަލުންވަނީ 31 ޖަހާފައިވާ ބެނާތަކާއި ބޯޑުތަކެއް ދަނޑުމަތީގައި ދައްކާފައެވެ. އެއީ ރަސްމީ ހިސާބު ތަކުން ދައްކާ 29 ފަހަރުގެ ލީގު ޗެމްޕިއަން ކަމާއި އަދި ކުރިން އެ ޓީމުއަތުން އަތުލާފައިވާ ދެ ފަހަރު އެއްކޮށް ޖުމުލަ 31 ފަހަރު ލީގު ޗެމްޕިއަންކަށް ހޯދާފައިވާކަން ރަމްޒު ކޮށްދިނުމުގެ ގޮތުންނެވެ.
ކުރީގެ ދެފަހަރެއްގެ ލީގު ޗެމްޕިއަންކަން އަތުލާފައިވީ ނަމަވެސް މިފަހަރު ޗެމްޕިއަންކަން ލިބުމުން ޔުވެންޓާސްއިން ވަނީ އެހެން ޓީމުތަކަށްވުރެ 11 ފަހަރު އިތުރަށް ލީގު ޗެމްޕިއަންކަން ހޯދާފައެވެ.