އިންޑިއާގެ އަސްކަރިއްޔާގެ ހަ ޑޮކްޓަރުންގެ މައްޗަށް އެކުލެވޭ ޓީމެއް ރާއްޖޭގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް އިންޑިއަން ހައި ކޮމިޝަނުން ބުނެފި އެވެ.

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މިހާރު އަތޮޅުތަކުގައި ހިންގަމުން އަންނަ "މަދަދު" މެޑިކަލް ކޭމްޕުގައި އެހީވުމަށް، އެމްއެންޑީއެފްގެ ދައުވަތަކަށް ކުރަމުންދާ ދަތުރުގައި ބައިވެރިވާ އިންޑިއާގެ އަސްކަރިއްޔާގެ ޓީމުގައި ހިމެނެނީ ތަޖުރިބާކާރު ހަ ޑޮކްޓަރުން ކަމަށެވެ.

އިންޑިއާގެ އަސްކަރިއްޔާގެ ކާނަލް ޑޮކްޓަރު ސުކްރިތީ ބަވޭޖާގެ ދަށުން މަސައްކަތްކުރާ މިޓީމުގައ ހިމެނެނީ އެތެރެ ހަށީގެ ބަލިތަކާއި ހަމުގެ ބަލިތަކާއި ދަތުގެ ފަރުވާއާއި ލޮލުގެ ބަލިތަކާއި ކުޑަކުދިންގެ ބަލިތަކުގެ އިތުރުން ކަރުން މަތީގެ ބަލިތަކާ ބެހޭ ސްޕެޝަލިސްޓުން ކަމަށް އިންޑިއާއިން ބުނެ އެވެ.

މިހާތަނަށް އެމްއެންޑީއެފްގެ މެޑިކަލް ކޭމްޕް ވޭމަންޑޫ އަދި ހިރިލަންދޫގައި ހިންގާފައިވާއިރު، ލ. އަތޮޅާއި ތ. އަތޮޅުގައި ވެސް ކޭމްޕު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފްއިން ބުނެ އެވެ.

އިންޑިއަން ހައި ކޮމިޝަނުން ބުނީ މިކޭމްޕަކީ ރާއްޖޭގެ ރައްޔިތުންނަށް އޭގެ ސަބަބުން ފައިދާ ވެގެންދާނެ ކޭމްޕެއް ކަމަށާއި ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ގުޅުންތައް ވެސް އިތުރަށް ބަދަހިވެގެންދާނެ ކަމަށެވެ.

އިއްޔެ ރާއްޖެ އައި އިންޑިއާގެ ޓީމު މި މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގައި ހަރަކާތްތެރިވާނެ އެވެ.