06 May 2013, 11:53
ދުންފަތުގެ އިސްތިއުމާލުކުރުމުގެ ސަބަބުން ފިރިހެނުންނަށް ލިބޭ ގެއްލުމަށް ވުރެ، އަންހެނުންނަށް ލިބޭ ގެއްލުން ބޮޑުކަމަށް ދިރާސާއަކުން ދައްކައިފި އެވެ.
ނޯވޭގެ ޔުނިވާސިޓީ އޮފް ޓްރޮމްސޯގެ ޓީމަކުން ހެދުމަށް ފަހު، ކެންސާ އެޕީޑިމިއޮލޮޖީ ބަޔޯމާކާސް އެންޑް ޕްރެވެންޝަން ޖާނަލްގައި ޝާއިއުކޮށްފައިވާ ދިރާސާއިން ދައްކާ ގޮތުގައި ފިރިހެނުންނަށް ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން ކެންސަރަށް މަގުފަހިވުމުގެ ފުރުސަތު ފިރިހެނުންނަށް ނުވަ ޕަސެންޓްގައިވާ އިރު އަންހެނުންނަށް އެ ނުރައްކާ އޮތް މިންވަރު ދެގުނަ މައްޗެވެ.
ދުންފަތުގެ އިސްތިއުމާލުކުރާ އަންހެނުންނަށް ކެންސަރު ޖެހުމުގެ ފުރުސަތު އުޅެނީ 19 ޕަސެންޓްގަ އެވެ.
މިދިރާސާ ހެދުމަށް ޓަކައި ނޯވޭގެ ޓީމުން ވަނީ ކެންސަރު ޖެހިފައިވާ 600،000 ބަލިމީހުންގެ ރެކޯޑުތައް އަޅައި ކިޔައިފަ އެވެ.
މިދިރާސާގައި ބަލާފައިވާ ރެކޯޑުތަކުގެ ތެރެއިން 4،000 މީހުންނަކީ ގޮހޮރުގެ ކެންސަރަށް ފަރުވާ ހޯދާފައިވާ މީހުންނެވެ.
މިރެކޯޑުތައް ދައްކާ ގޮތުން އުމުރުން 16 އަހަރުގައި ދުންފަތުގެ އިސްތިއުމާލުކުރަން ފަށާ އަންހެނުންނާއި ދިގު މުއްދަތަކަށް ދުންފަތުގެ އިސްތިއުމާލުކޮށްފައިވާ އަންހެނުންނަށް ގޮހޮރުގެ ކެންސަރު ޖެހުމުގެ ފުރުސަތު ބޮޑެވެ.
މިދިރާސާގެ ބައިވެރިން ބުނެފައި ވަނީ ދިރާސާގެ ނަތީޖާތަކަށް ބަލާ އިރު، އުފެދިފައިވާ ގޮތުގެ ސަބަބުން ދުންފަތުގެ ވިހަ ދުމުގެ އަސަރު ފިރިހެނުންނަށް ވުރެ ބޮޑަށް އަންހެނުންނަށް ކުރާ ކަން ސާބިތުވާ ކަމަށެވެ.