06 May 2013, 11:40
ސަރުކާރާއި ރައްޔިތުން ހިއްސާވާ ޓޫރިޒަމް ކުންފުނި، އެމްޓީޑީސީ އަށް މި އަހަރުގެ ފުރަތަމަ ކުއާޓާގައި ހިއްސާއަކަށް 0.06 (92 ލާރީގެ) ޑޮލަރުގެ ފައިދާއެއް ވެފައިވާ ކަމަށް އެ ކުންފުނީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
މިދިޔަ އަހަރުގެ ފަހު ކުއާޓާގައި އެ ކުންފުނީގެ ހިއްސާއަކުން 0.41 ޑޮލަރުގެ (6.32 ރުފިޔާގެ) ގެއްލުމެއް ވަނީ ލިބިފަ އެވެ.
އެމްޓީޑީސީ އިން އާންމުކޮށްފައިވާ މި އަހަރުގެ ފުރަތަމަ ކުއާޓާގެ ތަފާސްހިސާބުތަކަށް ބަލާއިރު މި އަހަރުގެ ފުރަތަމަ ކުއާޓާގައި އެ ކުންފުންޏަށް 5.9 (90.97 މިލިއަން ރުފިޔާ) މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވާ އިރު ދެ ލައްކަ ޑޮލަރުގެ ފައިދާއެއް ވަނީވެފަ އެވެ. އެ ކުންފުއްޏަށް މިދިޔަ އަހަރުގެ ފަހު ކުއާޓާގައި ވަނީ 1.2 މިލިއަން ޑޮލަރު (19.5 މިލިއަން ރުފިޔާ)ގެ ގެއްލުމެއް ވެފައިވެ އެވެ.
މިދިޔަ އަހަރުގެ މާލީ ބަޔާން އާންމުކޮށްފައި ނުވާތީ ކެޕިޓަލް މާކެޓް ޑިވަލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ޖޫރިމަނާކޮށްފައިވާ އިރު އެ ކުންފުނިން މިދިޔަ އަހަރު ވަނީ ގެއްލުމާ ކުރިމަތިވެފަ އެވެ.
ދެހާސް އެގާރަ ވަނަ އަހަރުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ހިއްސާދާރުންނަށް ހިއްސާގެ ފައިދާގެ ގޮތުގައި އެއްވެސް އެއްޗެއް ނުލިބެ އެވެ. އެމްޓީޑީސީ އަށް 2011 އަހަރު ނިންމާލަން ޖެހުނީ 3.8 މިލިއަން ޑޮލަރު (58.5 މިލިއަން ރުފިޔާގެ) ގެއްލުމާ އެކު އެވެ. އެއީ ހިއްސާއަކަށް 1.21 ޑޮލަރު، (18.7ރ)ގެއްލުމެކެވެ. އަދި ވޭތުވެ ދިޔަ ތިން އަހަރު ވެސް އެ ކުންފުނީގެ ހިއްސާދާރުންނަށް އެއްވެސް ފައިދާއެއް ނުލިބުނެވެ.