06 May 2013, 11:03
މީގެކުރިން އެތައް ބައެއްގެ ގަޔަށް ވަޅި ހަރައި ބައެއް މީހުން މަރައިލައިފައި ވާނެ ކަމަށާއި ނަމަވެސް ޑރ. އަފްރާޝީމް އަލީ މަރައިލައިފައި ނުވާނެ ކަމަށް ހ. ލޮބީ ހުސައިން ހުމާމް އަހްމަދު ބުނެފި އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ހުމާމް ބުނީ މާލެ ތެރެއަށް ނުކުމެ މާރާމާރީ ހިންގުމުގައި އޭނާ އަމަލީ ގޮތުން ބައިވެރި ވާން ފެށީ 2006 ވަނަ އަހަރުން ފެށިގެން ކަމަށެވެ.
މިއަދުގެ ޝަރީއަތުގައި ހުމާމް ވަނީ މީގެ ކުރީން އޭނާ ހިންގައިފައިވާ ލާއިންސާނީ ޖަރީމާތަކުގެ ވާހަކަތައް ޝަރީއަތަށް ކިޔައިދީފައެވެ.
ޖަނަވަރީ މަގުގައި މީހެއްގެ ބޮލަށް ހަމަލާ ދީ ޒަޚަމް ކޮށްލައިފައިވާނެ ކަމަށާއި އެއަށް ފަހު އެހެން ދުވަހެއްގައި ކާނިވާ ތެރޭގައި "ހާބަރޭ" ކިޔާ މީހަކު ހުއްޓައި، ތޫނު ހަތިޔާރު ބޭނުން ކޮށްގެން އޭނާއަށް ހަމަލާ ދީފައިވާނެ ކަމަށް ވެސް ހުމާމް ބުންޏެވެ.
ހުމާމް ބުނީ ރާއްޖެއިން ބޭރުގެ ބޯޓަކުން އައި ސިފައިންގެ މީހެއްގެ ބަނޑަށް ވަޅި ހަރައި ޒަޚަމް ކޮށްލައިފައިވާނެ ކަމަށާއި އޭގެ ފަހުން ޑޯލްފިން ތެރެއިން ވެސް މީހެއްގެ ގަޔަށް ވަޅި ހަރައިފައިވާނެ ކަމަށެވެ. އަދި އޭގެ ފަހުން ކާނިވާ ތެރެއިން ދެ ދުވަހަކު ދެ މީހެއްގެ ގަޔަށް ވަޅި ހަރައި ޒަޚަމް ކޮށްލައިފައިވާނެ ކަމަށް ވެސް ހުމާމް ބުންޏެވެ.
ހެންވޭރު ބޯޅަދަނޑު ކައިރީ ހުންނަ އިރުދަށު ހޮޓާ ކައިރިން އަންހެނަކާ އެކު ދިޔަ މީހަކަށް ހަމަލާ ދިނުމުގެ އިތުރުން ފޭރުމުގެ ބޮޑެތި އަމަލުތަކެއް ވެސް މީގެކުރިން ހިންގައިފައިވާނެ ކަމަށާއި މިހާރު ބޭނުންވަނީ ކުރީން ކުރެވިފައިވާ އެފަދަ ކުށްތަކަށް މައާފަށް އެދި ތައުބާ ވުމަށް ކަމަށް ވެސް ހުމާމް ވަނީ ބުނެފައެވެ.
މީގެ ކުރީން ބައެއް މީހުން މަރައިލައިފައިވާނެ ކަމަށާއި ނަމަވެސް އަފްރާޝީމް މަރައިލައިފައި ނުވާނެ ކަމަށް ވެސް ހުމާމް ބުންޏެވެ. އަދި އޭނާގެ ގައިން އަފްރާޝީމްގެ ލޭގެ އަސަރު ފެނިފައި ނުވާނެ ކަމަށް ވެސް ހުމާމް ވަނީ ބުނެފަ އެވެ.
"އަޅުގަނޑު އަފްރާޝީމް މަރައިލައިފައެއް ނޯންނާނެ. އަޅުގަނޑުގެ ގައިން [އަފްރާޝީމްގެ] ލޭ [ގެ އަސަރެއް] ނުފެނޭ،" ހުމާމް ބުންޏެވެ.
ހުމާމް އެގޮތަށް ބުނުމުން ގާޒީ އޭނާއާ ކުރި ސުވާލަކީ އަފްރާޝީމްގެ މަރާގުޅޭ އެއްވެސް މައުލޫމާތެއް އެނގިފައި ވޭތޯ އެވެ.
ޖަވާބުގައި ހުމާމް ބުނީ އެކަމާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގިފައި ނުވާ ކަމަށެވެ.
"[އަފްރާޝީމްގެ މަރާ ގުޅޭ އެއްވެސް މައުލޫމާތެއް] އަޅުގަނޑަކަށް ނޭނގޭ އިއްޒަތްތެރި ގާޒީ،" ހުމާމް ބުންޏެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ހުމާމް ބުނީ އެ މައްސަލަ ކުރިއަށް ގެންދާން ބޭނުން ވަނީ ގާނޫނީ ވަކީލަކާ ނުލައި ކަމަށެވެ.
ހުމާމްގެ މައްޗަށް ދައުލަތުން ކޮށްފައިވާ ގަސްތުގައި މީހަކު މަރައިލުމުގެ ކުށުގެ ދައުވާއަށް އޭނާ އިންކާރު ކޮށްފައި ވާތީ ހެކި ހުށަހެޅުމަށް ދައުލަތަށް ފުރުސަތު އެރުވުމުން ދައުލަތުގެ ވަކީލު ވިދާޅުވީ ބޭނުން ވަނީ ލިޔުމުން ހެކި ހުށަހަޅާން ކަމަށެވެ.
"ދައުލަތުން ބޭނުންވަނީ ލިޔުމުން ހެކި ހުށަހެޅުމަށް،" ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.
ކްރިމިނަލް ކޯޓުގެ ގާޒީ މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލެއްވީ ލިޔުމުން ހެކި ހުށަހަޅާން 10 ދުވަހުގެ ފުރުސަތެއް ދައުލަތަށް އެރުވުމަށް ފަހުއެވެ.
ހުމާމުގެ މައްޗަށް ގަސްދުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ ކޮށްފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހުގެ ރޭ 11:30 އާއި ދަންވަރު 2:00 އާ ދެމެދުގެ ވަގުތެއްގައި ޑރ. އަފްރާޝީމް ދިރިއުޅުއްވާ ހ. ފުންވިލުގެއަށް އިތުރު ބަޔަކާ އެކު ގޮސް ތޫނު އެއްޗަކުން ހަމަލާ ދީ އޭނާ މަރައިލައިފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އެވެ.
އޭނާގެ އިތުރުން ހ. ހިކޯސްޓް އަލީ ޝާންގެ މައްޗަށް ވެސް ދައުލަތުން ވަނީ ގަސްދުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ ހަމަ މި މައްސަލައިގައި އުފުލައިފައެވެ. އޭނާގެ މައްޗަށް ދައުވާ ސާބިތު ކުރާން ހެކި ހުށަހެޅުމަށް ކޯޓުން އިއްޔެ ވަނީ ދައުލަތަށް ފުރުސަތު ދީފައެވެ.
އަފްރާޝީމް ދިރިއުޅުއްވަމުން ގެންދެވި ހ.ފުންވިލު ގޭގެ ސިޑިކައިރީގައި އޭނާ މަރައިލައިފައި އޮއްވައި، ފެނުނު މައްސަލައިގައި ފުލުހުން ބުނެފައިވަނީ އެ އަމަލަކީ ދުރާލައި ބަޔަކު ރާވައިގެން ހިންގައިފައިވާ ޖަރީމާއެއް ކަމަށާއި އެކަމުގެ އަޑީގައި ވަނީ ސިޔާސީ ބަޔަކު ކަމަށެވެ. ނަމަވެސް އެމައްސަލައިގެ ތަހުގީގު އަދިވެސް ކުރިއަށް ދާތީ އެއީ ކޮން ބަޔަކު ކަމެއް ފުލުހުން މިހާތަނަށް ހާމަ ކޮށްފައެއް ނުވެއެވެ.
ޑރ. އަފްރާޝީމް މަރައިލައިފައި ވަނީ މާލޭގައި ހަރަކާތްތެރި ވާ ގޭންގް ގްރޫޕަކަށް ހަތަރު މިލިއަން ރުފިޔާ ހުށަހަޅައިގެން ކަމަށް ފުލުހުން ބުނެފައި ވާ އިރު އެ ކަމަށް ފައިސާ ޚަރަދު ކުރި ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ. އެ މައްސަލައިގައި ހައްޔަރު ކުރި މީހުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ އިއްޒަތްތެރި މެންބަރު އަދި އެމްޑީޕީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކުގެ ދަނބިދަރިކަލުން އަބްދުﷲ ޖާވިދު އާއި ސިފައިންގެ މީހަކު ހިމެނެއެވެ. އެ ދެ މީހުން ވެސް ވަނީ މިހާރު ދޫކޮށްލައިފައެވެ. އެ ދެ މީހުން ހައްޔަރު ކުރީ ޑޜ. އަފްރާޝީމްގެ މަރުގެ މައްސަލައިގައި ކަމަށް ވިޔަސް އެ ދެ މީހުން ހައްޔަރު ކުރީ އެ މައްސަލައާ ގުޅޭ ސީދާ ކޮން ކަމެއްގައި ކަމެއް ފުލުހުން މިހާތަނަށް ވެސް ހާމަ ކޮށްފައެއް ނުވެއެވެ.
މީގެ ކުރީން ބައެއް މީހުން މަރައިލައިފައިވާ ކަމަށް މިއަދުގެ ސަރިޔަތުގައި ހުމާމު ބުނި ނަމަވެސް މީގެ ކުރީން މަރުގެ އެއްވެސް މައްސަލައެއް ހުމާމުގެ މައްޗަށް ސާބިތު ކުރެވިފައެއް ނުވެއެވެ.