06 May 2013, 10:43
ފާއިތުވެގެން ދިޔަ އަހަރަކީ ރާއްޖޭގައި މަރުގެ ތަފާތު ބިރުވެރި ހާދިސާތަކެއް ހިނގައިދިޔަ އަހަރެކެވެ. މިދިޔަ އަހަރު ގާތްގަނޑަކަށް 11 މީހުން މަރާލާފައިވާ އިރު ގިނަ މީހުން މަރާލާފައި ވަނީ ވަރަށް ވެސް އަނިޔާވެރި ގޮޮތަކަށް ތޫނު ހަތިޔާރުން ދިން ހަމަލާތަކެއްގަ އެވެ.
މިދިޔަ އަހަރު ހިނގި މަރުގެ މައްސަލަތަކުގެ ތެރެއިން ގިނަ މައްސަލަތަކެއްގައި ބޮޑު ކުރިއެރުމެއް ވަނީ ލިބިފަ އެވެ. އޭގެތެރެއިން ބައެއް މައްސަލަތަކުގައި މަރަަށް މަރު ހިފަން ކޯޓުން ހުކުމް ކޮށްފައިވާ އިރު އަނެއް ބައި މައްސަލަތައް މިހާރު ހުރީ ކޯޓު މަރުހަލާގަ އެވެ. ނަމަވެސް މިދިޔަ އަހަރު ހިނގައި ދިޔަ އެފަދަ މަރުގެ ހާދިސާތަކުގެ ތެރެއިން މުޅި ގައުމު ސިއްސުވާލި އެންމެ ބޮޑު އެއް ހާދިސާއަކަށް ވެގެން ގޮސްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު އަދި ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ އެމަނިކުފާނު ދިރިއުޅުއްވާ ހ. ފުންވިލުގޭގެ ތެރޭގައި ވަރަށް ވެސް އަނިޔާވެރި ގޮތަކަށް އަވަހާރަކޮށްލާފައި އޮއްވާ ފެނުނު ހާދިސާ އެވެ.
ޑރ. އަފްރާޝީމް އަލީގެ މަރާ ގުޅިގެން ފުލުހުން ހިންގި ތަހުގީގަށް ފަހު އާއްމުކޮށްފައިވާ މައުލޫމާތުތަކުގައި ބުނެފައި ވަނީ ޑރ. އަފްރާޝީމްގެ މަރަކީ ސިޔާސީ މަގުސަދެއްގައި ބަޔަކު ހިންގާފައިވާ ބޮޑު ޖަރީމާއެއް ކަމަށެވެ. އަދި އެކަން ބަޔަކު ކޮށްފައި ވަނީ ދޫރާލައި ރާވައިގެން ބަޔަކަށް ހަތަރު މިލިޔަން ރުފިޔާ ހުށަހަޅައިގެން ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ. މަރުގެ އެ ހާދިސާގައި އަމަލީ ގޮތުން ބައިވެރިވެފައިވާ މީހުންގެ މައުލޫމާތު އާއްމުކުރުމަށް ފުލުހުންގެ ތަހުގީގަަށް ގާތްގަނޑަކަށް ދެ މަސް ދުވަސް ނެގި އެވެ. ނަމަވެސް އެކަން ރާވާއި ހިންގި ބަޔަކު އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.
އެމެރިކާގެ އެފްބީއައިގެ މާހިރުންގެ ވެސް އެހީތެރިކަމާ އެކު ރެއާ ދުވާލު ގާތްގަނޑަކަށް ދެ މަސް ދުވަހު ފުލުހުން މެދުނުކެނޑި ކުރިއަށް ގެންގޮސްފައިވާ ތަހުގީގަށް މައްސަލައާ ގުޅިގެން ހުރި 200 އަށް ވުރެ ގިނަ ހެއްކާއި ގަރީނާ ހޯދިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އަދި 500 އަށް ވުރެ ގިނަ ގަޑިއިރުގެ ވީޑިއޯ ފޫޓޭޖް ދިރާސާކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އަދި 13،000 އަށް ވުރެ ގިނަ ފޯން ކޯލް އެމައްސަލާގައި ފުލުހުން އެނަލައިސްކޮށްފައިވެ އެވެ. އެ މައްސަލައަކީ މިހާތަނަށް ފުލުހުން ކުރިއަށް ގެންގޮސްފައިވާ އެންމެ ބޮޑު އެއް ތަހުގީގު ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.
އެ މައްސަލައިގެ ތަހުގީގަށް ފަހު ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒު ވިދާޅުވެފައި ވަނީ މަރުގެ އެ ހާދިސާ ބަޔަކު ހިނގާފައި ވަނީ އެކަން ކުރުމުން އެކަން ކުރި މީހުންނަށް ހަތަރު މިލިޔަން ރުފިޔާ ދޭނެ ކަމަށް ފައިނޭންސް ކުރި ފަރާތުން ބުނެގެން ކަމަށް ތަހުގީގަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
ޑރ. އަފްރާޝީމް އަލީގެ މަރުގެ ތުހުމަތުގައި 11 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ. އޭގެތެރޭގައި 18 އަހަރުން ދަށުގެ ތިން ކުޑަ ކުދިން ވެސް ހިމެނެ އެވެ. އަދި އެކަމުގައި އަމަލީ ގޮތުން ބައިވެރިވި ދެ މީހެއްގެ މަައުލޫމާތު ފުލުހުން އާއްމުކޮށްފައިވާ އިރު އެކަމުގައި ބައިވެރިވި ކުޑަ ކުއްޖަކު ހިމެނޭ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ. އެ ކުޑަ ކުއްޖާގެ މައްސަލައާ އެކު އެ ދެ މީހުންގެ މައްސަލަ ވެސް މިހާރު ވަނީ ކޯޓު މަރުހަލާގަ އެވެ.
ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލާފައި ވަނީ ސިޔާސީ މަގުސަދެއްގައި ކަމުގައި ބުނާއިރު މިހާތަނަށް އެ ޖަރީމާ ހިންގައި ރޭވުމުގައި ބައިވެރިވި އެއްވެސް ފަރާތެއްގެ މައުލޫމާތު ފުލުހުން އާއްމުކޮށްފައި ނުވާ ކަމަށް ބުނެ ގައުމީ ހަރަކާތުން މާލޭގައި މިފަހަކަށް އައިސް ތަފާތު އެއްވުންތައް ގެންދަނީ ބާއްވަމުންނެވެ. އަދި އެކަމުގެ އަޑީގައި ތިބި ބަޔަކު ހާމަކުރުމަށް އެ އެއްވުމުގެ ބައިވެރިން ގެންދަނީ ތަކުރާރުކޮށް ގޮވާލަމުންނެވެ.
ހޯމް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލް އަހުމަދު "ސަންއޮންލައިން" އަށް ދެއްވި އިންޓަވިއެއްގައި ވިދާޅުވީ މިސަރުކާރު ވެރިކަމާ ހަވާލުވި ހިސާބުން ފެށިގެން ވެސް ރާއްޖޭގައި ހިނގަމުން ގެންދިޔަ ބޮޑެތި ކުށްތައް ހުއްޓުވިފައިވާ ކަމަށެވެ. އަދި ބޮޑެތި ކުށްތައް ހުއްޓުވައި އެފަދަ ކުށްތައް ކުރާ ފަރާތްތަކަށް އެކަށީގެންވާ އުގޫބާތެއް ދިނުމަށް ޙާއްސަ ސަމާލު ކަމެއް ދީފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ކުރިއާ އަޅާބަލާއިރު މިހާރު މާލެއަކީ ވަރަށް ބޮޑަށް އަމާންތަނެއްގެ ގޮތުގައި ހެދިފައިވާ ކަަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެހެން ކަމުގައިވާއިރު އެއީ ވެސް ވަރަށް ބޮޑު ކުރިއެރުމެއް ކަމުގައި ވެސް ޑރ. ޖަމީލް ވިދާޅުވި އެވެ. އަދި ޑރ. އަފްރާޝީީމްގެ މަރުގެ މައްސަލައަކީ މިހާތަނަށް ފުލުހުން އެންމެ ބުރަ މަސައްކަތެއް ކޮށްފައިވާ މަސައްކަތްތަކަށްވާއިރު އެކަމުގެ އަމަލީ ގޮތުން ބައިވެރިވި ބަޔަކު ހޯދި ޝަރީއަތާ ހަމައަށް ގެންދެވިފައިވާ ކަމީ ވެސް އެމައްސަލާގައި ލިބިފައިވާ ވަރަށް ބޮޑު ކުރިއެރުމެއް ކަމުގައި މިނިސްޓަރު ފާހަގަކުރެއްވި އެވެ.
"ދުނިޔޭގައި އަޅުގަނޑުމެންނަށް ވުރެ ބޮޑަށް ކުރިއަރާފައި ތިބި ގައުމުތަކުގައި އެބަހުރި ބޮޑެތި އެފަދަ އެތަކެއް މަރެއްގެ މައްސަލައިގެ ހަގީގަތް ނުހޯދި، އެކަން ކުރި ބަޔަކު ވެސް ނުހޯދި އެތަކެއް އަހަރުތަކެއް ވެފައި، އެހެން ނަމަވެސް ޑރ. އަފްރާޝީމްގެ މައްސަލާގައި އަޅުގަނޑުމެންނަށް އެކަން ކުރި ބަޔަކު ހޯދުމަކީ ވެސް ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް އަޅުގަނޑު ދެކެނީ،" ޖަމީލް ވިދާޅުވި އެވެ.
އެމައްސަލައަކީ އެއްވެސް ބަޔަކު ސިޔާސީ ކަމަކަށް ހަދައިގެން ރާއްޖޭގެ އަމަން އަމާން ކަން ނަގާލުމަށްޓަކައި މަސައްކަތްކުރާނެ ކަމެއް ކަމުގައި ދެކެވަޑައިނުގެންނަވާ ކަމަށް ޖަމީލް ވިދާޅުވި އެވެ.
"ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއް ސިޔާސީ ބޭފުޅެއް އަދި ދީނީ އިލްމުވެރިއެއް ބަޔަކު މަރާލާނީ އެކަމުގެ އަޑީގައި ބަޔަކު ތިބެގެންކަން، އެއީ އަޅުގަނޑުމެން އެންމެ ފުރަތަމަ ވެސް ދެއްކި ވާހަކައަކީ، އެކަން ތަހުގީގަށް ވެސް ހާމަވޭ، ޝަރީއަތުގެ މަރުހަލާ ފެށުމުން ރައްޔިތުން ހޯދަން ބޭނުންވާ ގިނަ ކަންތައްތަކެއް އެނގިގެންދާނެ. އެމައްސަލައިގެ އެންމެ ފުނަށް ދިއުމުގެ މަސައްކަތް އަދިވެސް އަޅުގަނޑުމެން މިގެންދަނީ ކުރަމުން. އެކަން ރޭވި ބަޔަކާއި އެކަމަށް ފައިސާ ހޭދަކުރި ބަޔަކު ހޯދުން އެއީ ވެސް ކުރަން ޖެހޭ ކަންތައްތައް، އެކަމާ ބެހޭ ގޮތުން ކޮންމެވެސް ވަރެއްގެ މައުލޫމާތެއް ލިބުނު ތަހުގީގަށް ވެސް، ނަމަވެސް އެކަމުގައި ކުރިއަށްދާނެ ގޮތެއް އެނގޭނީ ކަންތައްތައް ކުރިއަށްދާ ގޮތަކުން،" ހޯމް މިނިސްޓަރު ވިދާޅުވި އެވެ.
އެ މައްސަލާގައި ދައުލަތުގެ ފަރާތުން ކުޑަ ކުއްޖަކާ އެކު ދެ މީހެއްގެ މައްޗަށް ދައުވާކޮށްފައިވާ އިރު އެކުޑަ ކުއްޖާ ވަނީ ތަހުހީގަށް ދޮގު މައުލޫމާތު ދީފަ އެވެ. އަދި އެ މައްސަލާގައި އެކުއްޖާގެ މައްޗަށް ދައުލަތުން ދޮގު ހެކި ދީފައިވާ ކަމުގެ ދައުވާ ވެސް ވަނީ އުފުލައިފަ އެވެ. އަދި އެ މައްސަލާގައި ހިމެނޭ އިތުރު ދެ މީހަކު ވަނީ ދައުލަތުން އެ މީހުންގެ މައްޗަށް ކުރާ ގަސްދުގައި މީހަކު މަރާލި ކަމުގެ ކުށުގެ ދައުވާއަށް އިންކާރުކޮށްފަ އެވެ. އެހެން ކަމުގައިވާ އިރު ޝަރީއަތުގެ މަރުހަލާއިން އެކަމުގެ އަޑީގައި ތިބީ ކޮން ބައެއްކަން އެނގިގެން ދިއުމާ މެދު ސުވާލުތައް ވަނީ އުފެދިފަ އެވެ. ނަމަވެސް އެކަމުގެ އަޑީގައި ތިބި ބަޔަކު އެނގުމަކީ މިއަދު ގައުމުގެ މަސްލަހަތަށާއި އަމަންއަމާން ކަން ދެމެހެއްޓުމަށް ވަރަށް މުހިންމު ކަމެއްގައި ގިނަ ބަޔަކު ދެކެ އެވެ.