06 May 2013, 10:24
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލީގު ޗެމްޕިއަން މެންޗެސްޓާ ޔުނައިޓެޑާއި ޗެލްސީ ވާދަކުރި މެޗު، އެކެއް ސުމަކުން މޮޅުވެ ޗެލްސީ ތާވަލުގެ ތިންވަނަ މަގާމަށް ޖެހިލައިފިއެވެ.
މެޗުގެ ދެހާފުގައިވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ ފޯރިގަދަ މެޗުގައި ދެޓީމަށްވެސް ވަނީ ލަނޑު ޖަހާނޭ ފުރުސަތު ލިބި ބޭކާރު ވެފައެވެ. ރޭގެ މެޗުގައި ޗެލްސީއަށް ކާމިޔާބު ކުރެވުނު ހަމަ އެކަނި ލަނޑަކީ ޔުނައިޓެޑްގެ ފިލް ޖޯންސްގެ ގައިގައި ޖެހިފައި ބައިކޮޅަށް ވައިން ލަނޑެކެވެ. މެޗުގެ 87 ވަނަ މިނިޓުގައި ހުއާން މާޓާ ފޮނުވާލި ބާރު ހަމަލާ ދިފާއު ކުރަން އުޅުމުގެ ތެރޭގައި ޖޯންސްގެ ގައިގަ ޖެހިފައި "ޑިފްލެކްޓް"ވީ ގޯލްގެ ތެރެއަށެވެ.
ޗެލްސީ ލަނޑުކާމިޔާބު ކުރިތާ މިނިޓެއް ފަހުން ޑޭވިޑް ލުއިޒްއަށް ހަމަލާ ދިނުމާ ގުޅިގެން ރެފްރީ ވަނީ ޔުނައިޓެޑްގެ ރަފައެލް ޑިސިލްވާއަށް ރަތްކާޑެއް ދައްކައި ދަނޑުން ފޮނުވާލާފައެވެ.
ރޭގެ މެޗުގައި ޔުނައިޓެޑް ވަނީ ޗެލްސީގެ ގޯލަށް ދިހަ ހަމަލާ ފޮނުވާލައި އޭގެ ތެރެއިން ހަތަރު ހަމަލާ ގޯލަށް އަމާޒު ކޮށްފައެވެ. އަދި ދެ ކޯނަރު ލިބިފައިވާއިރު 14 ފައުލް ކޮށްފައި ވެއެވެ. ޗެލްސީ އިން ވަނީ ޔުނައިޓެޑްގެ ގޯލަށް 15 ހަމަލާ ފޮނުވާލައި އޭގެ ތެރެއިން ހަ ހަމަލާ ގޯލަށް އަމާޒުކޮށް އެއް ހަމަލާ ކާމިޔާބު ކޮށްފައެވެ. އަދި އެ ޓީމަށް ހަތް ކޯނަރު ލިބިފައިވާއިރު ނުވަ ފައުލް ކޮށްފައި ވެއެވެ.
ރޭގެ މެޗުން މޮޅުވުމުން ޗެލްސީއަށް ތާވަލުގެ ތިންވަނަ ލިބުނީ އާސެނަލްއަށް ވުރެ އެއް ޕޮއިންޓު އިތުރަށް ހޯދައިގެން ޖުމުލަ 68 ޕޮއިންޓާއެކުއެވެ.
ރޭގެ މެޗަށްފަހު ޔުނައިޓެޑްގެ ކޯޗު ސާ އެލެކްސް ފާގަސަން ބުނީ މެޗަށް ނުކުތީ މޮޅުވާން އުންމީދު ކޮށްގެން ކަމަށާއި އެހެން ނަމަވެސް އޭނާ ލަފާކުރިވަރާ ގާތަށްވެސް ކުޅުންތެރިން މަސައްކަތް ކޮށްފައި ނުވާކަމަށެވެ. އަދި ޗެލްސީއަށް ލަނޑު ކާމިޔާބު ކުރެވުނު އިރު އިތުރަށް މަސައްކަތް ކޮށްގެން ލަނޑެއް ކާމިޔާބު ކުރާނޭ ވަގުތު ޔުނައިޓެޑަށް ނެތް ކަމަށެވެ.
ޕްރިމިއާ ލީގުގައި ރޭ ތާވަލުގެ ހަތްވަނައިގައި އޮތް ލިވަޕޫލާއި ހަވަނައިގައި އޮތް އެވަޓަން ބައްދަލު ކުރިމެޗު އެއްވެސް ކޮޅަކަށް ލަނޑެއް ނުޖެހި ވަނީ އެއްވަރު އެވެފައެވެ.