06 May 2013, 10:23
ސްޕެނިޝްލީގުގައި ރޭ ބާސެލޯނާއާއި ރެއާލް ބެޓިސް ވާދަކުރި މެޗުގައި ލިއޮނަލް މެސީ ކާމިޔާބު ކޮށްދިން ދެލަނޑާއެކު ހަތަރެއް ދޭކުން ބެޓިސް ބަލިކޮށް ލީގު ތައްޓާއި އިންޗިއެއްހާ ގާތަށް ބާސާ ޖެހިލައިފިއެވެ.
ފުރަތަމަ އެގާރާއިގާ މެސީ ނުހިމަނައި ބާސާއިން ރޭކުޅުނު މެޗުގައި ފުރަތަމަ ފަހަރަށް ކުރިހޯދީ ބެޓިސްއެވެ. މެޗުގެ ދެވަނަ މިނިޓުގައި ބާސާގެ ގޯލް ހުޅުވާލަ ދިނީ ބެޓިސްގެ ޑޯލާން ޕަބޯން އެވެ. އެހެން ނަމަވެސް އޭގެ ހަ މިނިޓުފަހުން އެލެކްޒިސްވަނީ ލަނޑެއް ކާމިޔާބުކޮށް ބާސާއަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. ފުރަތަމަ ހާފުގެ ކުޅުން ނިމުމުގެ ކުރިން ބެޓިސްއިން ވަނީ ދެވަނަ ފަހަރަށް މެޗުގެ ކުރިހޯދައި ބާސާ ހާސްކަމުގެ ތެރެއަށް ދުއްވާލާފައެވެ. އެލަނޑު ކާމިޔާބުކޮށްދިނީ 42 ވަނަ މިނިޓުގައި ރޫބެން ޕެރޭޒްއެވެ.
ބާސާއަށް މެޗުގެ ނަތީޖާ ދެވަނަ ފަހަރަށް ހަމަހަމަ ކޮށްދިނީ ޑޭވިޑް ވިޔާއެވެ. 54 ވަނަ މިނިޓުގައި ޑެނީ އަލްވޭސް ނަގައިދިން ރީތި ހުރަސް، ވިޔާ ބެޓިސްގެ ގޯލްގެ ތެރެއަށް ފޮނުވާލީ ބޮލުން ޖަހައެވެ. ވިޔާ ލަނޑު ކާމިޔާބު ކުރިތާ ކުޑައިރު ކޮޅެއްގެ ތެރޭގައި ޓިޓޯ ވިލަނޯވާ ވަނީ ވިޔާގެ ބަދަލުގައި މެސީ ކުޅެން އަރުވާފައެވެ. އެއާއެކު ބާސާގެ ކުޅުމަށް ބޮޑު ބަދަލެއް އައިތަން ފެނިގެން ދިޔައެވެ.
ރޭގެ މެޗުގައި މެސީ ކާމިޔާބު ކޮށްދިން ފުރަތަމަ ލަނޑު ކާމިޔާބު ކުރީ 59 ވަނަ މިނިޓުގައި ލިބުނު ހިލޭ ޖެހުމަކުންނެވެ. ބެޓިސްގެ އޭރިޔާގެ ދެފޫޓެއްހާ ބޭރުން ލިބުނު ހިލޭޖެހުން ވަރަށް ފުރިހަމައަށް "އޮޅާލާފައި" ފޮނުވާލި ބޯޅަ ގޮސް ވަނީ ކީޕަރުގެ އަތުގައި ބީހިލާފައި ގޮސް ބެޓިސްގެ ގޯލްގެ މަތީ ކަނަށެވެ. ބާސާގެ ހަތަރުވަނަ ލަނޑު މެސީ ކާމިޔާބުކޮށްދިނީ އޭގެ 10 މިނިޓުފަހުންނެވެ. އަންދުރޭ އިނިއެސްޓާ ބެޓިސްގެ ގޯލްއޭރިޔާތެރެއަށް ދިން ރީތި ޕާސް އެހާމެ ރީތިކޮށް މެސީ ވަނީ ގޯލްގެ ތެރެއަށް ފޮނުވާލައިގެން ސީޒަންގައި އޭނާ ކާމިޔާބު ކުރި 46 ވަނަ ލަނޑު ކާމިޔާބު ކޮށްފައެވެ.
ލީގުގައި ބާސާ އަށް ބާކީ ހަތަރު މެޗު އޮތް އިރު ތާވަލުގެ ދެވަނައިގައި އޮތް ރެއާލްއާ ދެމެދު އެގާރަ ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ. އެހެން ކަމުން ހޯސޭ މޮރީނިއޯގެ ރެއާލް ބުދަ ދުވަހުގެރޭ މަލާގާއާ ދެކޮޅަށް ކުޅޭ މެޗުން ބަލިވެއްޖެ ނަމަ ބާސާއަށް ލީގު ކަށަވަރުވާނެ އެވެ.
ރޭގެ މެޗަށްފަހު ބެޓިސްގެ ކޯޗު ޕެޕޭ މެލް ބުނީ މެސީއާ ދެކޮޅަށް ކުޅުމަކީ ފަސޭހަ ކަމެއް ނޫން ކަމަށާއި، މެސީ ދަނޑުގައި ބޯޅަ ހިފައިގެން އުޅޭއިރު އެހެން ކުޅުންތެރިން ހީވަނީ ދަނޑުމަތީގައި އަތުރާފައި ހުންނަ "ކޯން" ތަކެއް ހެން ކަމަށެވެ. އަދި ރޭގެ މެޗުގައިވެސް މެސީގެ ފައިގައި ޖެހުނު ފުރަތަމަ ބޯޅަ ވަނީ ގޯލްގެ ކަނަށް ވައްދާލާފައި ކަމަށްވެސް ބެޓިސްގެ ކޯޗު ބުންޏެވެ.