ސިއްޙީ ދިރިއުޅުމެއް އިޚްތިޔާރު ކުރުމަކީ ހާޓް އެޓޭކް ޖެހުމާއި ސްޓްރޯކް ޖެހުމާއި ލޭމައްޗަށް ދިޔުން ފަދަ މިޒަމާނުގައި ޢާންމު ވަމުންދާ ނުރައްކާތެރި ބަލިތަކުން ސަލާމަތްވުމުގައި ޑޮކްޓަރީ ފަރުވާއާއި ބޭހަށްވުރެ އެތައް ގުނައެއް ރަނގަނޅު ކަމެއް ކަމަށް ހިތުގެ ބަލިތަކާއި ސްޓްރޯކާބެހޭ މެޑިކަލް ދިރާސާތައްކުރާ ޖަރުމަނުވިލާތުގެ ޖަމްޢިއްޔާއިން ބުނެފި އެވެ.

ޖަރުމަނުގެ ޑުސެލްޑޯފްގައި ހުންނަ މިޖަމްޢިއްޔާ އިން ނެރުނު ރިޕޯޓެއް ބުނާގޮތުން ހާޓް އެޓޭކް ޖެހުމާއި ސްޓްރޯކް ޖެހުމާއި ލޭމައްޗަށް ދިޔުންފަދަ ބަލިތައް ޖެހޭމިންވަރު އެންމެ ބޭސްގުޅައަކާވެސްނުލައި ހަމައެކަނި ސިއްޙީ ދިރިއުޅުމެއް އިޚްތިޔާރުކޮށްގެން ދެބައިކުޅަ އެއްބަޔަށް ދަށްކުރެވިދާނެ އެވެ. މިގޮތުން އެންމެ ސިގިރޭޓެއް ބޮއިނަމަވެސް އެމީހެއްގެ އުމުރުން 30 މިނިއްޓު ކުރުވާ މިންވަރަށް ހަށިގަނޑަށް ގެއްލުންލިބޭކަން ދިރާސާތަކުން ސާބިތުވެފައިވާ ކަމަށް މިރިޕޯޓް ބުނެ އެވެ.
މިރިޕޯޓްގައި ސިއްޙީ ދިރިއުޅުން ކަމަށް ސިފަކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި، ދުންފަތުގެ އިސްތިޢްމާލު ނުކުރުމާއި އެލްކަހޯލް ބޭނުންނުކުރުމާއި ކެއުމުގައި ތަރުކާރީއާއި މޭވާ އިތުރުކޮށް އެއްގަމުމަސް ކެއުން މަދުކޮށް ފެޓް މަދުކާނާއާ އެކު ބެލަންސް ޑައެޓެއް އިޚްތިޔާރުކުރުމާއި ތައްޔާރީ ކާނާއާއި ޖަންކް ފުޑް ބޭނުން ނުކުރުން ހިމެނެ އެވެ.

އަދި ހަފްތާއަކު 5 ދުވަހު ކޮންމެ ދުވަހަކު މަދުވެގެން 30 މިނިއްޓަށް ކަސްރަތުކުރުމާއި ގިނައިން ފެންބުއިމާއި އެނަރޖީ އަދި ފިޒީ ޑްރިންކްސް ފަދަ ބުއިންތަކުން ދުރުހެލިވުމުގެ އިތުރުން ދަޅުގައި ބަންދުކޮށްފައިވާ ކާނާ ކެއުން މަދުކޮށް ކެއުމުގައި ތާޒާ ކާނާ އިޚްތިޔާރު ކުރުމާއި ތެޔޮބޭނުންކުރުން މަދުކުރުމާއަދި ތެޔޮބޭނުންކުރާ ނަމަވެސް ޒައިތޫނި ތެޔޮ ބޭނުންކުރުން ސިއްޙީ ދިރިއުޅުމުގެ އެންމެ މުހިއްމު ބައިތަކުގެ ތެރޭގައި ހިމެނޭކަމަށް މިރިޕޯޓް ބުނެއެވެ. (ޖަރުމަނު ނޫސްއެޖެންސީ)