ކުއާލަލަންޕޫރު (މޭ 6): މީގެ ބައިގަރުނު ކުރިން ފެށިގެން މެލޭޝިޔާގައިވެރިކަންކުރާ ނެޝަނަލް ފްރަންޓް ކޯލިޝަނުން އެގައުމުގެ ޕާލަމެންޓްރީ އިންތިޚާބު އަނެއްކާވެސް ކާމިޔާބުކޮށްފި އެވެ.

މެލޭޝިޔާގެ އިލެކްޝަން ކޮމިޝަނުން ހާމަކުރާގޮތުގައި ބޮޑުވަޒީރު މުޙައްމަދު ނަޖީބު ޢަބްދުއްރައްޒާޤް ނިސްބަތްވެ ވަޑައިގަނަންވާ ވެރިކަންކުރާ ނެޝަނަލް ފްރަންޓް ކޯލިޝަން ބޮޑުއަޣްލަބިއްޔަތަކުން އިންތިޚާބު ކާމިޔާބުކޮށްފައިވާ ކަމުގަ އެވެ. މިގޮތުން ޕާލަމެންޓްގެ 222 ގޮނޑީގެ ތެރެއިން 133 ގޮނޑި، ނަޖީބު ޢަބްދުއްރައްޒާޤުގެ ނެޝަނަލް ފްރަންޓް ކޯލިޝަނުން ކާމިޔާބު ކޮށްފައިވާ ކަމަށް މެލޭޝިޔާގެ އިލެކްޝަން ކޮމިޝަނުން ވަނީ ހާމަކޮށްފަ އެވެ. މީގެކުރިން ބޭއްވި އިންތިޚާބުގައި ވެރިކަންކުރާ ކޯލިޝަނަށް ލިބިފައި ވަނީ 135 ގޮނޑިއެވެ. އިންތިޚާބު ކާމިޔާބު ކުރެއްވުމަށް ފަހު ބޮޑުވަޒީރު މުޙައްމަދު ނަޖީބު ޢަބްދުއްރައްޒާޤް ވަނީ އިންތިޚާބުގެ ނަތީޖާ ގަބޫލުކުރުމަށް ހުރިހާ ފަރާތްތަކަށް ގޮވާލައްވާފަ އެވެ.

އިއްޔެގެ އިންތިޚާބުގައި ނެޝަނަލް ފްރަންޓް ކޯލިޝަނާ ވާދަކުރި އިދިކޮޅު ކޯލިޝަނަށް ލިބިފައި ވަނީ ޕާލަމެންޓްގެ 89 ގޮނޑި އެވެ. މިއީ އެ ކޯލިޝަނަށް ކުރީގެ އިންތިޚާބުގައި ލިބުނު 75 ގޮނޑި އަށް ވުރެ 14 ގޮނޑި އިތުރު މިންވަރެކެވެ. ނަމަވެސް އިއްޔެ އިންތިޚާބުގައި އިދިކޮޅު ލީޑަރު އަންވަރު އިބްރާހީމްގެ ޒަޢާމަތުގައި ވާދަކުރި އިދިކޮޅު ކޯލިޝަން ލަފާކުރި ވަރާގާތަށް ވެސް އެ ކޯލިޝަނަށް ޕާލަމެންޓްގެ ގޮނޑި ކާމިޔާބު ކުރެވިފައެއް ނުވެ އެވެ.

މި ނާކާމިޔާބީ އާ ގުޅިގެން ދެއްވި ބަޔާނެއްގައި އަންވަރު އިބްރާހީމް ވަނީ ވޯޓު އޮޅުވާލާފައިވާ ކަމަށް ތުހުމަތު ކުރައްވާފަ އެވެ. އަންވަރު ވިދާޅުވީ މެލޭޝިޔާގެ އިންތިޚާބާ ބެހޭ މުޅި ނިޒާމް ކަމުނުދާ ކަމުގަ އެވެ. އެނިޒާމުގެ ތެރޭން ވޯޓު އޮޅުވާލުމަކީ ސަރުކާރު ހިންގާ ޕާޓީއަށް ޒަމާނުއްސުރެ ވަރަށް ފަސޭހައިން ކުރެވޭގޮތަށް އޮންނަ ކަމެއް ކަމަށާ ސަރުކާރުގެ ބާރާއި ނުފޫޒު އިލެކްޝަން ކޮމިޝަންގައި ވަރަށް ގަދަ ކަމަށް އޭނާ ވިދާޅުވި އެވެ. މިގޮތުން އިންތިޚާބު ކުރިޔަށްދިޔައިރުގަ އާއި ވޯޓު ގުނުމުގެ ތެރޭގައި ވެރިކަންކުރާ ޕާޓީ އަށް ފައިދާވާގޮތަށް ވޯޓު އޮޅުވާލުމުގެ ޢަމަލުތަކެއް ފުޅާދާއިރާއެއްގައި ހިންގާފައިވާ ކަމަށް އަންވަރު ތުހުމަތު ކުރެއްވި އެވެ. ނަމަވެސް މެލޭޝިޔާގެ އިންތިޚާބުތަކާ ބެހޭ ކޮމިޝަނުން ވަނީ މިކަން ދޮގުކޮށްފަ އެވެ.

މެލޭޝިޔާގެ ޕާލަމެންޓްރީ އިންތިޚާބު ކާމިޔާބު ކުރުމަށް ޓަކައި ޕާލަމެންޓްގެ 222 ގޮނޑީގެ ތެރެއިން މަދުވެގެން 112 ގޮނޑި ހޯދަންޖެހެ އެވެ. މިއީ މެލޭޝިޔާގައި ސަރުކާރެއް އުފެއްދުމަށް ބޭނުންވާ އެންމެ ކުޑަ މިންވަރު ކަމަށް އެގައުމުގެ އިންތިޚާބާބެހޭ ޤާނޫނު ބުނެއެވެ.

މެލޭޝިޔާގެ ވެރިކަންކުރާ ނެޝަނަލް ފްރަންޓަށް ކޯލިޝަނުން އެގައުމުގެ އިންތިޚާބު ކާމިޔާބުކުރުމުގެ ސަބަބުން ވަނީ މީގެ ފަންސާސް ހައަހަރު ކުރިންފެށިގެން މެލޭޝިޔާގައި އެކޯލިޝަނުން ކުރަމުންގެންދާ ވެރިކަން އިތުރަށް ދެމެހެއްޓުމުގެ ފުރްސަތު އަނެއްކާ ވެސް އެކޯލިޝަނަށްވަނީ ތަނަސްވެފަ އެވެ. (ނޫސްއެޖެންސީތައް)