މީޑިއާގެ ވަސީލަތްތަކުން ކުރާ ކަންތައްތަކާ މެދު އާއްމުން ހުށައަޅާ ޝަކުވާ ބެލުމުގެ ނިޒާމު އެއްގޮތަކަށް ވެސް ނުހިނގާ ކަމަށް ކުރީގެ އިންފޮމޭޝަން މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ނަޝީދު ރޭ ދި ޓީވީގައި ވިދާޅުވީ މީޑިއާގެ މިނިވަން ކަމުގެ ކަންތަކުގައި މީޑިއާ ކައުންސިލުން އުޅޭތަން މިހާރު ކޮންމެވެސް ވަރަކަށް ފެންނަ ކަމަށާއި އެހެން ނަމަވެސް މީޑިއާތަކާ ގުޅޭ ގޮތުން އާއްމުން ހުށައަޅާ ޝަކުވާ ބެލުމުގެ މަސްއޫލިއްޔަތު އަދާކުރުމަށް އެއްވެސް ކަމެއް ކުރާތަން ނުފެންނަ ކަމަށެވެ.

"..މީޑިއާ ކައުންސިލުގެ މައިގަނޑު ތިން މަސްއޫލިއްޔަތު މިއޮންނަނީ، ނޫސްވެރިކަމުގެ މިނިވަންކަން ދިފާއުކޮށް، އެކަށައެޅުމަށް މަސައްކަތް ކުރުމާއި މީޑިއާ ކައުންސިލް މެދުވެރިވެގެން މީޑިއާތަކުގެ މީޑިއާތަކުގެ އަސާސީ ސުލޫކީ މިންގަނޑުތައް އަމިއްލައަށް އެކަށަ އަޅައި އެ ދަމަހައްޓުމާ އެއާ އެއްގޮތައް އުޅޭކަން ކަށަވަރު ކުރުމާއި ދެން އާއްމު މީހަކާ ދޭތެރޭގައި މީޑިއާއަކުން ދައްކާ ވާހަކައަކުން އޭނާގެ ހައްގަކަށް އުނިކަމެއް އައިސްގެން އޭނަ އެހުށައަޅާ ޝަކުވާ ބަލައި، އެމައްސަލަ ހައްލުކޮށް، އޭނާ އަށް އެލިބެންވާ ފަރުވާ އެނިޒާމުގެ ތެރެއިން ހޯދައި ދިނުން. މިސާލަކަށް މި ފަންކްޝަން، މި ޝަކުވާ ބެލުމުގެ ނިޒާމު އެއްގޮތަކަށް ވެސް ހިނގާ ތަނެއް އަޅުގަނޑު އަދި ހަމަގައިމު ވެސް އަޑެއް ނާހަން،" ދިޓީވީގެ ހަބަރު ތެރެއިން ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ އެއް ގޮތަކަށް ވެސް ބޭނުން ނުކުރެވި ހުރި ފަންކްޝަންތަކެއް މީޑިއާ ކައުންސިލާއި މީޑިއާ ކައުންސިލްގައި ވެސް އެބަ ހުރި ކަމަށެވެ. އަދި ވިދާޅުވީ އެއީ ވިސްނާލަން ޖެހޭ ކަމެއް ކަމެއް ކަމަށެވެ.

"..ހަމަ ބްރޯޑްކާސްޓިން ކޮމިޝަން ވެސް އެފަދަ އިނގޭތޯ، ބްރޯޑްކާސްޓިން ކޮމިޝަނުގެ ގާނޫނުގައި ވެސް ވަރަށް ގިނަ މަސްއޫލިއްޔަތު ތަކެއް އެބަހުރި، އެ މީހުންގެ ކޮންޓެންޓް ހުންނަން ޖެހޭ އުސޫލުތަކެއް ވެސް ހުރޭ. މިންގަނޑުތަކެއް ވެސް ހުރޭ، އަޅުގަނޑު މިސާލަކަށް މިސާލަކަށް މިކަންތަކުގައި އުޅޭއިރު އެގާނޫނުގައި ހުރި އުސޫލުތައް ބަލާލައިފިން، ކޮންޓެންޓާ ބެހޭ ގޮތުން، ކޮންޓެންޓް ހުންނަން ޖެހޭ ގޮތާ ކޮންޓެންޓް ފޮނުވަން ޖެހޭ ގޮތާ، ދެން އަޅުގަނޑު ބަލާލައިފިން މިހާރު މީޑިއާގައި އަޅުގަނޑުމެންނަށް މިފެންނަ އެއްޗެތި،" ނަޝީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެހެން ނަމަވެސް އެ ގާނޫނާ މީޑިއާތަކުން ފެންނަ މަންޒަރާ ދިމާނުވާ ކަމަށެވެ. އަދި ވިދާޅުވީ ބްރޯޑްކާސްޓްކުރުމުގެ އުސޫލުތައް ގާނޫނުގައި ކަނޑައަޅައިދީފައި އެބަހުރި ކަމަށާ އެހެން ނަމަވެސް އެނިޒާމު އޭގެ ޒާތުގައި ހިންގަން ޖެހޭ ގޮތަށް ތަންފީޒުވަމުންދާތަން ފެނިވަޑައި ނުގަންނަވާ ކަމަށެވެ.

"... އަޅުގަނޑުމެން ހަމަ ފަހަރަކު ތަނެއް ބަލަމުންތާ ދާނީ ކޮންމެ ރެއަކު ވެސް، ދިމާ ނުވޭ މިދަންނަވާ އެއްޗަކީ، ރެޖީމް އޮތް ގޮތަށް އޮތިއްޔޭ، ބްރޯޑްކާސްޓް ކުރުމުގެ އުސޫލުތައް ކަނޑައަޅައިދީފައި ގާނޫނުގައި އެހެރީއޭ، އެނިޒާމު އޭގެ ޒާތުގައި ހިންގަން ޖެހޭ ގޮތަށް، ހިންގަން ޖެހޭ މިސްރާބަށް ހިންގަން ޖެހޭ ބާރުމިނުގައި ތަންފީޒުވާތަނެއް ނުފެނޭ،" ނަޝީދު ވިދާޅުވި އެވެ.