05 May 2013, 23:46
މިއަހަރުގެ ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި ހުސްވިއަހަރުގެ ރަނަރަޕް ޔުނައިޓެޑް ވިކްޓަރީއާއި މަހިބަދޫ ސްޕޯޓްސް ކުލަބް ކުޅޭ ގޮތަށް ގުރުއަތުން ދިމާވެއްޖެއެވެ.
އަންނަ ހޮނިހިރު ދުވަހު ހަވީރު ފެށުމަށް ހަމަޖެހިފައިވާ ދެވަނަ ޑިވިޝަންގެ ފުޓްބޯޅަ މުބާރާތުގައި މިއަހަރު ބައިވެރިވެފައި ވަނީ ޖުމުލަ ނުވަ ޓީމެކެވެ. ނުވަޓީމު ދެ ގްރޫޕަކަށް ބަހާލައިގެން މިއަދު ބޭއްވި ގުރުލުމުގައި ގްރޫޕް އެކެއްގައި ޔުނައިޓެޑް ވިކްޓަރީ އާއި މަހިބަދޫ ސްޕޯޓްސް ކުލަބުގެ އިތުރުން ލައްވައިލީ، ކުލަބު ރިވަސައިޑް، ކުލަބް ގްރީން ސްޓްރީޓް އަދި ޖޭޖޭ ސްޕޯޓްސް ކުލަބެވެ. އަދި ގްރޫޕް ދޭއްގައި ލައްވައިލި ޓީމުތަކަކީ، މިދިޔަ ސީޒަންގައި ދެވަނަ ޑިވިޝަނަށް ރެލިގޭޓުވި، ވިޔަންސާ، ކުލަބް ޒެފްރޯލް، ކުލަބް ގާމަގު އަދި ސްޕޯޓްސް ކުލަބް މެކާނޯއެވެ.
ދެގުރޫޕްގެ މެދުގައި ލީގު އުސޫލުން ކުޅެ ކޮންމެ ގުރޫޕަކުންވެސް އެންމެ ރަނގަޅު ނަތީޖާ ހޯދާ ދެޓީމެއް ދެވަނަ ބުރަށްދާނެއެވެ. އަދި އެ ހަތަރު ޓީމު ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ބައްދަލުކޮށް އެންމެ ރަނގަޅު ނަތީޖާ ނެރޭ ދެޓީމެއް ފައިނަލަށް ދާނެއެވެ. މުބާރާތުގެ ފައިނަލު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ޖޫން މަހުގެ 23 ވަނަ ދުވަހުއެވެ.
ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ ބުރުގެ ކުޅުން ނިމޭއިރު އެންމެ ދަށް ނަތީޖާ ހޯދާޓީމެއް ތިންވަނަ ޑިވިޝަނަށް ރެލިގޭޓް ވާނެއެވެ.
ކުރިން ފުރަތަމަ ޑިވިޝަންގައި ރަނގަޅު ކުޅުމެއް ދައްކުވައި ދީފައިވާ އަދި ފަހުން ދެވަނަ ޑިވިޝަނަށް ރެލިގޭޓުވެ އެ ޑިވިޝަންގައިވެސް ކުރިއެރުންތަކެއް ހޯދި މަޝްހޫރު ހުއްރިއްޔާ ސްޕޯޓްސް ކްލަބް މިއަހަރުގެ މުބާރާތުގައި ބައިވެރިވެފައެއް ނުވެއެވެ.