05 May 2013, 22:41
މޯލްޑިވްސް ބާސްކެޓް ބޯލް އެސޯސިއޭޝަންގެ ދެ މުބާރާތެއް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ހިޓާޗީ ބްރޭންޑުން ސްޕޮންސާކޮށްފި އެވެ.
އެސްޓީއޯއިން މިރޭ ސްޕޮންސާ ކުރި ދެ މުބާރާތަކީ އެމްބީއޭ ޗެމްޕިއަންޝިޕާއި އިންޓަ ކޮލެޖް ބާސްކެޓް ބޯޅަ މުބާރާތެވެ. އަދި މީގެ އިތުރުން އެމްބީއޭގެ ރަސްމީ ބްލޮގް ވެސް އެސްޓީއޯގެ ހިޓާޗީ ބްރޭޑުން މިރޭ ވަނީ ސްޕޮންސާ ކޮށްފަ އެވެ.
އެމްބީއޭގެ އެ ދެ މުބާރާތް ސްޕޮންސާ ކުރުމަށް އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި އެސްޓީއޯގެ ފަރާތުން އެ ސްޕޮންސާޝިޕް އެގްރިމެންޓުގައި ސޮއި ކުރެއްވީ އެކުންފުނީގެ ޖެނެރަލް މެނޭޖަރު އާދަމް އާޒިމް އެވެ. އަދި އެމްބީއޭގެ ފަރާތުން ސޮއި ކުރެއްވީ އެސޯސިއޭޝަންގެ ރައީސް އަހްމަދު ހާފިޒެވެ.
ސޮއި ކުރުމުގެ ރަސްމިއްޔާތަށް ފަހު އެސްޓީއޯގެ ޖެނެރަލް މެނޭޖަރު އާދަމް އާޒިމް ވިދާޅުވީ، އެމްބީއޭއާއެކު މިރޭ ކުރެވުނު ސްޕޮންސާޝިޕް އެގްރިމެންޓުގެ ދަށުން އެކުންފުނިން އެތެރެކުރާ ހިޓާޗީ ބްރޭޑް ޕްރޮމޯޓް ކުރުމަށް އިތުރު މަސައްކަތްތަކެއް ފެށިގެންދާނެ ކަމަށް ގަބޫލު ކުރާ ކަމަށެވެ.
އެމްބީއޭގެ ރައީސް ހާފިޒް ވިދާޅުވީ، އެސްޓީއޯއިން އެ އެސޯސިއޭޝަނަށް ދެއްވާ އެއްބާރުލުމާއި އެހީތެރިކަމަށް ޝުކުރު އަދާ ކުރާ ކަމަށާއި އަދި އެސްޓީއޯގެ ހިޓާޗީ ބްރޭންޑް އިތުރަށް ޕްރޮމޯޓް ކުރުމަށް އެ އެސޯސިއޭޝަނުން މަސައްކަތް ކުރައްވާނެ ކަމަށެވެ.