05 May 2013, 20:32
"ޕްރީޕެއިޑް ރިވޯޑްސް"ގެ ނަމުގައި ދިރާގުން އެކުންފުނީގެ ޕްރީޕެއިޑް ޚިދުމަތް ހޯއްދަވާ ފަރާތްތަކަށް "އެސްއެމްއެސް، ޓޯކް ޓައިމް އަދި ޑޭޓާ" ފަދަ ޚިދުމަތްތައް މުޅިން ހިލޭ ލިބޭނެ ވަރަށް ޚާއްސަ ސްކީމެއް މިއަދު ތައާރަފް ކޮށްފިއެވެ.
ދިރާގުން މިއަދު ރާއްޖެއަށް މުޅިން އަލަށް ތައާރަފް ކުރި ޕްރީޕެއިޑް ރިވޯޑްސް ސްކީމްގެ ޚިދުމަތާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެކުންފުނީގެ މާކެޓިން ކޮމިއުނިކޭޝަން އެންޑް ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު މިރުޝާން ހަސަން ވިދާޅުވީ މިއަދު މުޅިން އަލަށް ތައާރަފް ކުރި "ޕްރީޕެއިޑް ރިވޯޑްސް" ސްކީމް އަކީ އެކުންފުނިންދޭ ޚިދުމަތްތައް ކުންފުނީގެ ކަސްޓަމަރުން އެންމެ ބޭނުންވާ ގޮތަށް ބައްޓަން ކުރުމުގެ ގޮތުން ކަސްޓަމަރުންގެ ޚިޔާލުތައް ހޯއްދަވައިގެން ތައާރަފްކުރި ހިދުމަތެއް ކަމަށެވެ.
"އަޅުގަނޑުމެން މާކެޓް ރިސާޗު ހަދައި އަދި ކަސްޓަމާސް ފީޑްބެކް ނެގުމުގައި ވަރަށް މުހިއްމު ކަމަކަށް ވެގެންދިޔަ މިފަދަ ރިވޯޑް ޕްރޮގްރާމެއް އޮތުމަކީ ތިޔަ ބޭފުޅުންނަށް މުހިއްމު ކަމަކަށް ވެގެންދާނޭ ކަމަށް. އެހެންވީމަ އޭގެ އަލީގައި އަޅުގަނޑުމެން ތަފާތު ފޯކަސް ގުރޫޕުތަކާއި މަޝްވަރާކޮށް، އަދި ކަސްޓަމަރުންގެ ފީޑްބެކް ނަގައިގެން އަޅުގަނޑުމެން މި ރިވޯޑްސް ޕްރޮގްރާމް މި ޑިޒައިން ކުރީ" މިރުޝާން ވިދާޅުވިއެވެ.
ދިރާގު ޕްރީޕެއިޑް ރިވޯޑްސް ހޯއްދެވުމަށް ބޭނުންފުޅުވާ ފަރާތްތަކުން "ހިލޭ ލިބޭ" އެ ޚިދުމަތުގައި ބައިވެރިވުމަށްޓަކައި "Rewards" ކީވޯޑް ޖައްސަވާފައި ހިލޭ މެސެޖް ކުރެވޭ ނަންބަރު "454"އަށް އެސްއެމްއެސް އެއް ފޮނުއްވުމުން އިތުރު އެއްވެސް ހަރަދަކާ ނުލައި އެ ހިދުމަތުގައި ބައިވެރިވެވޭނެއެވެ. ނުވަތަ #1*7*123* އަށް ގުޅުއްވުމުން "ސެލްފް ކެއާ މެނޫ" މެދުވެރިކޮށްވެސް ޚިދުމަތުގައި ބައިވެރިވެ ވަޑައިގެންނެވޭނެއެވެ. ޚިދުމަތާ ގުޅޭ ގޮތުން އިތުރު މައުލޫމާތު ހޯއްދެވުމަށް ބޭނުންފުޅުވާ ފަރާތްތަކުން "Help" ކީވޯޑް ޖައްސަވާފައި "454"އަށް އެސްއެމްއެސް އެއް ފޮނުއްވުމުން އެ ހިދުމަތާ ގުޅޭ މައުލޫމާތުތައް ލިބިވަޑައިގަންނަވާނެއެވެ.
ދިރާގުން އަލަށް ތައާރަފް ކުރި "ޕްރީޕެއިޑް ރިވޯޑްސް" ޚިދުމަތާ ބެހޭގޮތުން މައުލޫމާތު ދެއްވަމުން އެ ކުންފުނީގެ ޕްރޮޑަކްޓް ޑިވެލޮޕްމަންޓް އެގްޒެކްޓިވް އަހުމަދު އިޝާން ވިދާޅުވީ މިއަދު އަލަށް ތައާރަފްކުރި އެ ޚިދުމަތަކީ ދިރާގުގެ ކަސްޓަމަރުން އެކުންފުނީގެ ޚިދުމަތް ބޭނުން ކުރާތީ އެފަރާތްތަކަށް އިތުރު ހަދިޔާތަކެއް ދިނުމުގެ ގޮތުން ކުންފުނިން ކުރަށްވާ މަސައްކަތްތަކުގެ ތެރެއިން ދެވުނު ހަދިޔާއެއް ކަމަށާއި އެކައުންޓުގައި ކްރެޑިޓް ހުސްވާ ވަގުތު އިތުރު ޚަރަދަކާ ނުލައި ހިދުމަތުގެ ބޭނުން ކުރެވޭނެ ކަމަށެވެ.
"ރާއްޖޭގެ އެންމެ ބޮޑު ޕްރީޕެއިޑް އާބާދީއަށް ތައާރަފް ކުރެވިގެންދާ ޕްރީޕެއިޑް ރިވޯޑްސްގައި ލިބިވަޑައިގަންނަވާ ފައިދާތައް ހަގީގަތުގައި ކަސްޓަމަރުންނަށް ލިބިވަޑައިގަންނަވަނީ، ދިރާގުގެ ޚިދުމަތްތައް ބޭނުން ކުރަމުން ދާއިރުގައި އެބޭފުޅުންނަށް ލިބިވަޑައިގަންނަވާ ޕޮއިންޓްސްގެ އެހީގައި ތަފާތު އިތުރު ބެނެފިޓްސް ތަކެއް ކަސްޓަމަރުންނަށް ފޯރުކޮށްދޭގޮތަށް" އިޝާން ވިދާޅުވިއެވެ.
ދިރާގުގެ ޕްރީޕެއިޑް ޚިދުމަތް ބޭނުން ކުރާ މީހުންގެ ތެރެއިން އެ ޚިދުމަތް ބޭނުން ކުރާތާ ހަމަސް ދުވަސް ވެފައިވާ ފަރާތްތަކަށް "ޕްރީޕެއިޑް ރިވޯޑްސް"ގައި ބައިވެރިވެ ވަޑައިގަތުމާއެކު ޚިދުމަތް ހޯދުމުގައި ހޭދަކުރެއްވި މުއްދަތަށް ބެލުމަށްފަހު ބޯނަސް ޕޮއިންޓު ލިބޭނެ އެވެ. އެގޮތުން 6 މަސްދުވަހަށް 50 ޕޮއިންޓު، 1 އަހަރު ދުވަހަށް 100 ޕޮއިންޓު، 2 އަހަރު ދުވަހަށް 200 ޕޮއިންޓު އަދި 3 އަހަރު ނުވަތަ އެއަށްވުރެ ގިނަދުވަހު ޚިދުމަތް ބޭނުން ކުރަށްވާފައިވާ ފަރާތްތަކަށް 300 ޕޮއިންޓު ބޯނަސްގެ ގޮތުގައި ލިބިވަޑައިގަންނަވާނެއެވެ.
"ޕްރީޕެއިޑް ރިވޯޑްސް"ގައި ބައިވެރިވާ ފަރާތްތަކަށް ޚިދުމަތުގައި ބައިވެރިވާ ވަގުތުން ފެށިގެން އެކައުންޓަށް ޖަމާވާ ޕޮއިންޓު ތަށް ބޭނުން ކުރެވޭނޭ މުއްދަތެއް ވާނެއެވެ. އެގޮތުން "ޕޮއިންޓު ވެލިޑިޓީ" ހަމަޖެހިފައިވަނީ ކޮންމެ 365 ދުވަހެއްގެ ތެރޭގައި ޖަމާވާ ޕޮއިންޓުތައް އެ މުއްދަތުގެ ތެރޭގައި ބޭނުން ކުރާ ގޮތަށެވެ. އަދި އެގޮތަށް އެކައުންޓަށް ޖަމާވާ ޕޮއިންޓުތައް ބޭނުން ނުކޮށް އެންމެ ގިނަ އަދަދަކަށް ބެހެއްޓޭނީ 10000 ޕޮއިންޓު ހަމަވަން ދެންނެވެ. އެ އަދަދު ހަމަވުމަށް ފަހު، ޕޮއިންޓު އިތުރަށް ލިބިވަޑައިގަންނަވާނީ، ޕޮއިންޓުތައް ބޭނުން ކުރައްވަން ފެއްޓެވުމުންނެވެ.
ލިބިވަޑައިގެންނެވި ޕޮއިންޓުތަކުގެ އަދަދު ބެއްލެވުމަށްޓަކައި 454 އަށް ހިލޭ އެސްއެމްއެސް އެއް ކުރައްވައިގެން ނުވަތަ #2*7*123* އަށް ގުޅުއްވައިގެން ސެލްފް ކެއާ މެނޫ މެދުވެރިކޮށްވެސް އަދަދު ބެއްލެވޭނެއެވެ.
ލިބިވަޑައިގަންނަވާ ޕޮއިންޓުގެ އަދަދު 200 ޕޮއިންޓަށްވުރެ އިތުރުވުމުން ހަދިޔާއަށް ބަދަލު ކުރެއްވޭނެއެވެ. އެގޮތުން ލިބޭ ޕޮއިންޓު 200 ޕޮއިންޓަށް 50 ހިލޭ އެސްއެމްއެސް ނުވަތަ 30 މިނެޓުގެ ހިލޭ ވަގުތު ނުވަތަ 50 އެމްބީގެ ހިލޭ ޑޭޓާ ހަދިޔާގެ ގޮތުގައި ލިބިވަޑައިގަންނަވާނެއެވެ. ހަދިޔާތަކުގެ ތަފްސީލު ބެއްލެވުމަށް #3*7*123* އަށް ގުޅުއްވުމުން ސެލްފް ކެއާ މެނޫއިން އެ މައުލޫމާތު ލިބިވަޑައިގަންނަވާނެ އެވެ. އަދި ލިބިވަޑައިގަންނަވާ ހަދިޔާ އިތުރު ކުރެއްވުމަށް، ޕޮއިންޓުތައް ވަގުތުން ބޭނުން ކުރުމުގެ ބަދަލުގައި ޕޮއިންޓުތައް ރައްކާ ކުރަމުން އިތުރު ކުރަމުން ގެންދެވިދާނެ އެވެ.
ރާއްޖޭގައި އޮތް އެންމެ ބޮޑު ޕްރީޕެއިޑް އާބާދީއަށް އަލަށް ތައާރަފު ކުރެވުނު ޚިދުމަތާ ބެހޭގޮތުން ދިރާގުގެ މާކެޓިން އެންޑް ޕީއާރް، އިބްރާހީމް އިމްޖާދު ޖަލީލު ވިދާޅުވީ 285000 އަށް ވުރެ ގިނަ ކަސްޓަމަރުންނަށް އަމާޒުކޮށްގެން މިއަދުފެށި ޚިދުމަތުގައި ބައިވެރިވެގެން ޕްރީޕެއިޑް ހިދުމަތަށް މަހެއްގެ ތެރޭގައި 100 ރުފިޔާ ހޭދަ ކުރަށްވައިފި ނަމަ ވަގުތުން 50 ޕޮއިންޓު ލިބިވަޑައިގަންނަވާނެ ކަމަށާއި އަދި އެ މަހުގެ ތެރޭގައި އިތުރަށް ހޭދަ ކުރަށްވާ ކޮންމެ 10 ރުފިޔާ އަކަށް 5 ޕޮއިންޓު ލިބިވަޑައިގަންނަވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.