05 May 2013, 17:23
ފުލުހުން ރާއްޖޭގައި ފުރަތަމަ ފަހަރަށް އުފައްދާ ރިޒާވް ފޯސް ނުވަތަ "ސްޕެޝަލް ކޮންސްޓެބްލަރީ" ފޯސް އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ފުލުހުން މިއަދު ބުނީ އެފޯސް އަށް ވަނުމާގުޅޭ ގޮތުން މައުލޫމާތު ހިއްސާކުރުމުގެ ސެޝަނެއް މިމަހުގެ 8 ވަނަ ދުވަހުގެ ރޭ 8:30ގައި އިސްކަންދަރު ކޮށީގައި ބޭއްވުމަށް ނިންމާފައިވާ އިރު އެ ފޯސް އަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 16 ވަނަ ދުވަހުގެ ހަވީރު 16:00އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.
ފުލުހުން އިތުރަށް ބުނީ އެފޯސް އަށް ވަދެވޭނީ ގްރޭޑް 10 ނިންމާފައިވާ އުމުރުން 18 އަހަރާއި 35 އަހަރާއި ދެމެދުގެ އުމުރެއްގެ ދެ ޖިންސުގެ ދިވެހިންނަށް ކަމަށެވެ. އަދި އެފޯސް އަށް ވަނުމަށް ކުރިމަތިލާ ފިރިހެނުންގެ އިސްކޮޅު ފަސް ފޫޓު ތިން އިންޗިއަށް ވުރެ ކުރުނުވާންޖެހޭ އިރު އަންހެނުންގެ އިސްކޮޅު ފަސް ފޫޓަށް ވުރެ ކުރުވެގެން ނުވާނެ ކަމަށް ބުންޏެވެ.
"ފުލުހުންގެ ރިޒާވް ފޯސްއަށް ރެކްރޫޓްކުރެވޭ ހުރިހާ ފަރާތްތަކުން ވެސް ފުލުހުންގެ އަސާސީ ތަމްރީނު ކޯސް ފުރިހަމަކުރަންޖެހޭނެ އެވެ. އަދި އެތަމްރީނު ކޯހުން ފާސްވާ ހުރިހާ ފަރާތްތަކަށް ޕޮލިސް ބޭސިކް ތަމްރީނު ކޯސް ފުރިހަމަކުރި ކަމުގެ ސެޓްފިކެޓް ލިބުމާ އެކު ފުލުހުންގެ ހުވާވެސް ކުރަންޖެހޭނެ އެވެ. މި ގޮތަށް ތައްޔާރުކުރެވޭ ފުލުހުން މަސައްކަތްކުރާނީ ހަމަޖެހިފައި އޮންނަ އުސޫލުގެ ދަށުން އެފަރާތަކާ ހަވާލުކުރެވޭ މަސައްކަތްތައް އެކަންޏެވެ. އަދި ރިޒާވް ފޯސް އުފެދިގެން ދިއުމަށް ފަހު ފުލުހުންގެ ތެރެއިން ހުސްވާ މަގާމުތަކަށް މީހުން އިތުރުކުރަން ބޭނުންވާ ހާލަތްތަކުގައި ފެންވަރު ބެލުމަށް ފަހު ފުލުހުންގެ ޚިދުމަތާ ދާއިމީކޮށް ގުޅުމުގެ ފުރުޞަތު ލިބޭނެ އެވެ." ފުލުހުން ބުންޏެވެ.