05 May 2013, 15:32
ދިރާގު ދިވެހި ލީގުގައި މާދަމާ ހަވީރު މާޒިޔާއާ ދެކޮޅަށް ނިއުއިން ނިކުންނާނީ ޓީމުގެ މުހިންމު ކުޅުންތެރިން ނުހިމަނާ ކަމަށް އެކުލަބުން ބުނެފި އެވެ.
ނިއުގެ މެނޭޖަރު ޝާޒް ހަބީބު މިއަދު ބުނީ، މާދަމާ ހަވީރު މާޒިޔާއާ ދެކޮޅަށް ނިއުއިން ނިކުންނާނީ ޒުވާން ޓީމެއް ކަމަށެވެ. އަދި މާދަމާގެ މެޗުގައި ޓީމުގެ މުހިންމު ކުޅުންތެރިން ނުހިމަނާން ނިންމީ އޭއެފްސީ ކަޕުގެ ދެވަނަ ބުރުގައި މިމަހުގެ 15 ވަނަ ދުވަހު އަމިއްލަ ދަނޑުގައި ކުޅޭ މެޗަށް އެކުޅުން ތެރިންނަށް ރެސްޓު ދިނުމުގެ ގޮތުން ކަމަށެވެ.
އޭއެފްސީ ކަޕުގެ ދެވަނަ ބުރުގައި ނިއުއާ ދެކޮޅަށް ނިކުންނަ ޓީމަކީ މެލޭޝިޔާގެ ސެލަންގޯރު އެފްސީ އެވެ.
ޝާޒް ބުނީ، ޓީމުގެ މުހިންމު ބައެއް ކުޅުންތެރިން މިހާރު ވެސް ތިބީ އެންޖެރީގައި ކަމަށެވެ. އެގޮތުން ހުނަރުވެރި ފޯވާޑް އަލީ އަޝްފާގް (ދަނގަޑޭ) އާއި އުމައިރު ވެސް އުޅެނީ އެންޖެރީގައި ކަމަށް ޝާޒް ވިދާޅުވި އެވެ.
އޭނާ ބުނީ މާޒިޔާ އަތުން މޮޅުވެއްޖެ ނަމަ ތާވަލުގެ ކުރީގައި ހަ ޕޮއިންޓުގެ ލީޑެއް ނިއުއަށް ލިބޭނެ ކަމަށާއި އެހެންވެ މާދަމާގެ މެޗަކީ ވެސް ނިއުއަށް ވަރަށް މުހިންމު މެޗެއް ކަމަށެވެ.
މާދަމާގެ މެޗެއް ނިއު ނިކުންނައިރު ލީގުގެ އެއް ވަނަ މަގާމްގައި 15 ޕޮއިންޓާ އެކު ނިއު އޮތްއިރު ދެ ވަނައިގައި 12 ޕޮއިންޓާ އެކު އޮތީ މާޒިޔާ އެވެ.