ނ. ކެނދިކުޅުދޫ ރަށު ކައުންސިލުން ހުސްވި ގޮނޑިއަށް މެމްބަރަކު ހޮވުމަށް އިއްޔެ ބޭއްވި ބައި އިލެކްޝަން، މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) އިން ކާމިޔާބުކުރުމުން ދިވެހި ރައްޔިތުންގެޕާޓީ (ޑީއާރުޕީ) އިން އެ ޕާޓީ އަށް މަރުހަބާ ކިޔައިފި އެވެ.

ޑީއާރުޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ "އެމްޑީއޭ އިން އަލަށް ވާދަކުރި އިންތިހާބުގައި ތަފާތުބޮޑު ބޮޑު ނަތީޖާއަކުން އެމްޑީއޭ ކާމިޔާބު ކުރީތީ އެމްޑީއޭ ލީޑަޝިޕަށާއި ކެންޑިޑޭޓު އަހުމަދު ރިޒްލީން އަށް، ޑީއާރުޕީގެ ލީޑަރު އަހުމަދު ތަސްމީނު އަލީ ފަރާތްޕުޅުންނާއި ޑީއާރުޕީގެ އާއްމު މެމްބަރުންގެ ފަރާތުން ތަހުނިޔާ ދަންނަވާ" ކަމަށެވެ.

ބަޔާނުގައި ބުނެފައި ވަނީ އެމްޑީއޭ އިން ކާމިޔާބު ހޯދީ އެމްޑީޕީ އަށް ދިވެހި ރާއްޖޭގެ ކަންކޮޅުތަކުގައި ވަރަށް ބޮޑަށް ތާއީދު އޮތްކަމަށް އަޑުފަތުރަމުންދާ ދުވަސްވަކޮޅެއްގައި އެމްޑީއޭއާ ވާދަކޮށް އެ ޕާޓީ ބަލިވުމަކީ އެޕާޓީ އަށް އޮތް ތާއީދު ކުޑަވަމުން އަންނަ ކަމުގެ ހެއްކެއް ކަމަށެވެ.

"އެމްޑީއޭ އިން ކާމިޔާބު މިހޯދީ އެމްޑީޕީ އަށް ދިވެހި ރާއްޖޭގެ ކަންކޮޅުތަކުގައި ވަރަށް ބޮޑަށް ތާއީދު އޮތްކަމަށް އަޑުފެތުރެމުންދާ ދުވަސްކޮޅެއްގައި ކަމުގައިވާ އިރު، އެންމެ ހަގު ސިޔާސީ ޕާޓީއާ ވާދަކޮށް، އެންމެ ދޮށީ ސިޔާސީ ޕާޓީ ބޮޑު ތަފާތަކުން ބަލިވުމަކީ 2008 ވަނަ އަހަރު އެމްޑީޕީ އަށް ދިވެހި ރައްޔިތުން ކުރި ތާއީދު ދުވަހެއް ދުވަހަކަށް ކުޑަވަމުން އަންނަކަމުގެ ހެއްކެކެވެ،" ޑީއާރުޕީގެ ބަޔާނުގައިވެ އެވެ.