ޕީޕީއެމްގެ ސެކެޓްރީ ޖެނެރަލް ކަމުގެ މަގާމަށް އެ ޕާޓީގެ ރަޖިސްޓްރާ ކަމުގެ މަގާމުގައި ހުންނެވި ޒަހާ ވަހީދު މިއަދު ހަމަޖައްސައިފި އެވެ.

ޕީޕީއެމްގެ ނައިބް ލީޑަރު އަދި ރައްުޔިތުންގެ މަޖިލީހުގެ ފުނަދޫ ދާއިރާގެ މެމްބަރު އަބްދުﷲ އަބްދުއްރަހީމް މިއަދު ވިދާޅުވީ ޒަހާ އެ މަގާމަށް ހަމަޖައްސާފައި ވަނީ ކައުންސިލުން ފާސްކޮށްގެން އެ މަގާމަށް ޝަރުތު ހަމަވާ ބޭފުޅެއް ކަމުގައި ޒަހާ ވެވަޑައިގެންފައިވާތީ ކަމަށެވެ.

އެ ޕާޓީގެ އަސާސީ ގަވާއިދު ބުނާ ގޮތުން އެ ޕާޓީގެ ސެކެޓްރީ ޖެނެރަލް ކަމުގެ މަގާމަށް ބޭފުޅަކު އައްޔަން ކުރުމަށް ޕާޓީގެ ރައީސް ހުށަހަޅުއްވާ ނަން ފުޅެއް ކައުންސިލުން ފާސްކުރަން ޖެހެ އެވެ.

ޒަހާއަކީ ޕީޕީއެމް އުފެދުނީއްސުރެ އެ ޕާޓީގައި މަސައްކަތް ކުރައްވާ އަދި މީޑިއާތަކާ ވެސް ގާތް ބޭފުޅެކެވެ.

ޕީޕީއެމްގެ ސެކްރެޓަރީއެއްގެ މަގާމު ހުސްވެފައި ވަނީ ކުރިން އެ ޕާޓީގެ ސެކެޓްރީ ޖެނެރަލްގެ މަގާމުގައި ހުންނެވި ޔުމްނާ މައުމޫން އާއިލާއަށް ވަގުތު ދެއްވުމަށް ކަމަށް ވިދާޅުވެ އެ މަގާމުން އަމިއްލަފުޅަށް އިސްތިއުފާދެއްވުމާ ގުޅިގެންނެވެ.