24 Oct 2010, 12:42
ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި މަސައްކަތް ކުރާ ބައެއް މުވައްޒަފުން ފުލުހުން ތަހުގީގަކަށް ގެންގޮސް ސުވާލު ކުރަމުން އެބަދެ އެވެ.
ކުޑަކުދިންގެ ހިޔާގެ މުވައްޒަފަކު ނަން ހާމަނުކުރުމަށް އެދި ސަންއެފްއެމް އޮންލައިނަށް މިއަދު މަޢުލޫމާތު ދެމުން ބުނީ ކުޑަކުދިންގެ ހިޔާގައި މަސައްކަތް ކުރާ ވެރިން ފެންވަރުގެ ދަށުން، ހުރިހާ މުވައްޒަފުން އިއްޔެއިން ފެށިގެން ފުލުހުންގެ ތަހުގީގަށް ގެންދަން ފަށާފައިވާ ކަމަށެވެ. އަދި އެމީހުންނާ ސުވާލު ކުރަނީ އެތަނުގައި ދިރިއުޅޭ ކުދިންނަށް އެއްވެސް ކަހަލަ ޖިންސީ އަނިޔާ އެއް ނުވަތަ އެހެން ވެސް އަނިޔާ އެއް ކޮށްފައިވޭތޯ ކަމަށެވެ.
މިކަން ކުޑަކުދިންގެ ހިޔާގެ އިސްވެރިޔަކު ވެސް މިއަދު ވަނީ ކަށަވަރު ކޮށްދެއްވައިފަ އެވެ. ނަން ހާމަކުރަން އުޒުވެރިވެ ވަޑައިގެންނެވި ވެރިޔާ ވިދާޅުވީ ފުލުހުން ކުޑަކުދިންގެ ހިޔަލަށް ގޮސް ކުދިންނާ ވެސް ސުވާލުތައް ކޮށްފައިވާ ކަމަށާއި މުވައްޒަފުންނާ ވެސް ސުވާލު ކުރަމުންދާ ކަމަށެވެ.
"އެކަމަކު އެއީ ކީއްވެގެން ކަމެއް އަޅުގަނޑަކަށް ނޭނގޭ. ސުވާލު ކުރަމުން އެބަދޭ،" އޭނާ ވިދާޅުވި އެވެ.
ހިޔާގައި ކުޑަކުދިން ބަނދެ އެކުދިން ލާނެ ގުދަނެއް ހުރޭތޯ އާއި އެފަދަ ބައިވަރު ސުވާލު ތައް ކުރާ ކަމަށް ވެސް އޭނާ ބުންޏެވެ. އޭނާ އަދި ބުނީ އެކަމާ ގުޅިގެން ބައެއް މުވައްޒަފުންނަށް ނަފްސާނީ ގޮތުން އަސަރުކޮށްފައިވާ ކަމަށެވެ.
"މިއަދު ވެސް އެކަމާ ގުޅިގެން ގެންދިޔަ އެކަކު ވަނީ ހޭނެތިގެން ވެއްޓިފައި" ނަން ނުޖެހުމަށް ޝަރުތު ކޮށް ވާހަކަ ދެއްކި ކުޑަކުދިންގެ ހިޔާގެ މުވައްޒަފު ބުންޏެވެ.
އޭނާ އަދި ބުނީ ފުލުހުންގެ ތަހުގީގަށް މުވައްޒަފުން ގެންދަން ފެށުމާއި ގުޅިގެން ބައެއް މުވައްޒަފުން އެ ޝަކުވާ އިސް ފަރާތްތަކަށް ވެސް ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް އެކަން އެތަނުގެ އިސްވެރިންނަށް ވެސް އެނގިފައިނުވާ ކަމަށް ބުނެފައިވާ ކަމަށާއި އަދި އެގޮތަށް ފުލުހުންގެ ތަހުގީގަށް ގެންދާ ނަމަ އަމުރަށް ކިޔަމަން ވުމަށް އެބޭފުޅުން ވިދާޅުވެފައިވާ ކަމަށެވެ.
އެކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލު ސަބް އިންސްޕެކްޓަރު އަހުމަދު ޝިޔާމް ވިދާޅުވީ އެމައްސަލައާ ގުޅިގެން އެއްވެސް އެއްޗެއް ވިދާޅުވާން ބޭނުންނުވާ ކަމަށެވެ.
އެކަމާ ގުޅިގެން ޖެންޑަރ މިނިސްޓްރީގެ އިސްބޭފުޅަކު ވިދާޅުވީ މިވަގުތު އިންނެވީ ބައްދަލުވުމެއްގައި ކަމަށްވާތީ އެކަމާ ގުޅޭ ގޮތުން އެއްޗެއް ވިދާޅުވާން ދަތި ކަމަށެވެ.