ކޮމަންވެލްތް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕުގައި ވާދަކުރުމަށް ރާއްޖޭގެ ގައުމީ ޓޭބަލް ޓެނިސް ޓީމް އިއްޔެ އިންޑިއާ އަށް ހިނގައްޖެ އެވެ.

އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި މިއަދު ފަށާ އެ މުބާރާތުގައި ވާދަކުރުމަށް ރާއްޖެ އިން ދިޔައީ ހަ ކުޅުންތެރިންގެ ސްކޮޑެކެވެ. އެއީ އަންހެން ތިން ކުޅުންތެރިންނާއި ފިރިހެން ތިން ކުޅުންތެރިންނެވެ.

މުބާރާތުގައި ވާދަކުރުމަށް އިއްޔެ ފުރި ޓީމުގައި ހިމެނޭ ފިރިހެން ކުޅުންތެރިންނަކީ މުހައްމަދު ޒީސްތު އާއި މުހައްމަދު މައިޒަރު އަދި މޫސާ މުންސިފް އަހުމަދެވެ. އަންހެން ކުޅުންތެރިން ނަކީ މުއީނާ މުހައްމަދާއި އައިމިނަތު ޝިއުރާ އަދި އައިޝަތު ނިޝާ އެވެ.

ރާއްޖޭގެ ޓީޓީ ޓީމާ ހަވާލުވެގެން ދިއްލީއަށް ދިޔައީ އެއެސޯސިއޭޝަންގެ ރައީސް އަހުމަދު ލަތީފެވެ.

ޓީޓީ އެސޯސިއޭޝަނުން ބުނީ، މުބާރާތަށް ފަހު ފްރާންސުގެ ޕެރިހުގައި މި މަހު 12 އިން 20 ވަނަ ދުވަހުގެ ނިޔަލަށް އޮންނަ ވޯލްޑް ޗެމްޕިއަންޝިޕުގައި ވެސް ރާއްޖެ އިން ވާދަކުރާނެ ކަމަށެވެ. އަދި އެ މުބާރާތުގައި ވެސް ވާދަކުރާނީ މިފަހަރުގެ ކޮމަންވެލްތް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕުގައި ވާދަކުރާ ކުޅުންތެރިން ކަމަށް ޓީޓީ އެސޯސިއޭޝަނުން ބުނެ އެވެ.