05 May 2013, 14:44
އަންނަ އަހަރު ރާއްޖޭގައި ބާއްވާ އޭއެފްސީ ޗެލެންޖްކަޕްގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވާ ދަނޑުތައް މަރާމާތުތައް ފަރުމާކުރުމަށް ދެ ފަރާތަކާ ހަވާލުކޮށްފި ކަމަށް ކުޅިވަރާ ބެހޭ މިނިސްޓްރީން ބުނެފި އެވެ.
ކުރިއަރަމުން އަންނަ ގައުމުތަކަށް އިސްކަން ދީގެން އޭއެފްސީ އިން ބާއްވާ އެ މުބާރާތުގެ މެޗްތައް ކުޅުމަށް ހަމަޖެހިފައި ވަނީ ގަލޮޅު ރަސްމީ ދަނޑާއި އައްޑޫ ޒޯން ސްޓޭޑިއަމްގަ އެވެ.
ޗެލެންޖް ކަޕް ކުޅުމަށް ކަނޑައަޅާފައިވާ ދެ ސްޓޭޑިއަމް، ގަލޮޅު ރަސްމީ ދަނޑާއި އައްޑޫ ޒޯން ސްޓޭޑިއަމް، ތަރައްގީ ކުރުމުގެ ގޮތުން ކުރަން ހުރި މަރާމާތުތައް ފަރުމާކުރުމާއި މަސައްކަތްތަކުގެ ކޮންސަލްޓެންސީ ދޭނެ ފަރާތެއް ހޯދުމަށް ބޭނުން ވާތީ، އެކަމަށް ޝައުގުވެރިކަން ހުރި ފަރާތެއް ހޯދުމަށް މިނިސްޓްރީން އެ ފުރުސަތު ހުޅުވާލާފައި ވަނީ ހުސްވި މާޗް މަހުގެ ފަހުކޮޅުގަ އެވެ. އެގޮތުން އެ ހުޅުވާލި ފުރުސަތުގެ މުއްދަތު ހަމަވިއިރު އެ މަސައްކަތް ކުރުމަށް ބިޑު ހުށައަޅާފައި ވަނީ ޖުމްލަ ފަސް ފަރާތަކުން ކަމަށް ވިއަސް، އެ ފަސް ފަރާތުގެ ބިޑްތައް އިވެލުއޭޓު ކުރުމުގެ މަސައްކަތް ނިންމުމަށް ފަހު ގަލޮޅު ދަނޑުގެ މަސައްކަތްތައް ކުރުމަށް ހަވާލު ކުރީ ހަންނާން ޔޫސުފް އާޓިޓެކްސް ކުންފުންޏާ އެވެ. އަދި އައްޑޫ ޒޯން ސްޓޭޑިއަމްގެ މަސައްކަތް ކުރުމަށް ހަވާލުކުރީ ކޮނިކްސް ފްރެވެއިޓް ލިމިޓެޑާ އެވެ.
އޭއެފްސީ ޗެލެންޖުކަޕަކީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ މުބާރާތް ކަމަށް ވާތީ ކުޅިވަރާ ބެހޭ މިނިސްޓްރީ އާއި ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގުޅިގެން މަސައްކަތް ކުރަމުން ގެންދަނީ އޭއެފްސީގެ ރެކޮމެންޑޭޝަންތަކަށް އެ ދެ ސްޓޭޑިއަމް ފެއްތުމަށެވެ. އެގޮތުން ގަޅޮޅު ރަސްމީ ދަނޑުގައި މީޑިޔާއަށާއި މެޗް ކޮމިޝަނަރަށް ހާއްސަ ރޫމުތަކެއް ހެދުމާއި ހިތަދޫ ޒޯން ސްޓޭޑިއަމްގައި ދެ ޗޭންޖިން ރޫމް ހެދުމަށް ވެސް ވަނީ ހަމަޖެހިފައި ކަމަށް މިނިސްޓްރީން ބުންޏެވެ.