05 May 2013, 14:21
މ. މުލަކުން ފުރައިގެން ދެ މީހުންނާ އެކު ދަތުކުރި "އަޒުމް" ނަމަކަށްކިޔާ މަސް ދޯންޏެއްގެ ޚަބަރެއްވެފައި ނުވާތީ އެދޯނި ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް އިން ފަށައިފި އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން ލ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު ވިދާޅުވީ އެ ދޯނިން ދަތުރު ކުރި ދެ މީހުންނަކީ އެ އަތޮޅު މާވަށު ހިޔަލީގޭ އަބްދުﷲ ވަހީދު، 27، އާއި އދ. މާމިގިއްޔަށް ނިސްބަތްވާ ހަސަން ކިޔާ މީހެއް ކަމަށެވެ.
އޭނާ ވިދާޅުވީ އެ މައުލޫމާތު މިހާރު އެމްއެންޑީއެފް އާ ހިއްސާ ކޮށްފައިވާނެ ކަމަށެވެ.
އެމްއެންޑީއެފްގެ މިޑިއާ އޮފިސަރު ކެޕްޓަން އަބްދުﷲ އަލީ ވިދާޅުވީ އެ ދޯނި ހޯދުމުގެ މަސައްކަތް ކޯސްޓްގާޑުން ކުރަމުން ގެންދާ ކަމަށާއި ނަމަވެސް މިހާތަނަށް އެ ދޯނި ފެނިފައި ނުވާ ކަމަށެވެ.
އޭނާ ވިދާޅުވީ އެ ދޯންޏަކީ އިއްޔެ ހެނދުނު 8:00 އެހައިކަންހާއިރު މ. މުލަކުން ފުރައިގެން މާވަށަށް ދަތުކުރު ކުރަމުންދިޔަ ގާތްގަނޑަކަށް 40 ފޫޓްގެ މަސް ދޯންޏެއް ކަމަށާއި އެންމެ ފަހުން އެ ދޯންޏާ ގުޅިފައި ވަނީ، އިއްޔެ 10:15 އެހައިކަންހާއިރު ކަމަށެވެ. އެވަގުތު އެ ދޯނި ދަތުރުކުރަމުން ގޮސްފައި ވަނީ މ. އަތޮޅު ހަކުރާހުރާ އާ ހިސާބުންކަމަށް ކަމަށް ވެސް އަބްދުﷲ އަލީ ވިދާޅުވި އެވެ.
އެ ދޯނި ހޯދުމުގެ މަސައްކަތުގައި ކޯސްޓްގާޑުން އިއްޔެއިން ފެށިގެން ކަނޑު މަގުން މަސައްކަތް ކުރަމުން އަންނައިރު، ތ. އަތޮޅާއި، މ. އަތޮޅާއި އަދި ލ. އަތޮޅުމުގެ ރަށްތައް ބެލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެމްއެންޑީއެފް އިން ބުންޏެވެ.
އަދި މީގެ އިތުރުން އައިލެންޑް އޭވިއޭޝަން ފްލައިޓެއްގެ އެހީގައި ވައިގެން މަގުން ވެސް އެ ދޯނި ހޯދުމުގެ މަސައްކަތުގައި ކޯސްޓްގާޑުން ހަރަކާތްތެރިވެފައިވާ ކަމަށް ވެސް އެމްއެންޑީއެފް އިން ބުންޏެވެ.
"އަޒުމް ނަކަމަށްކިޔާ ގާތްގަނޑަކަށް 40 ފޫޓް ދިގުމިނުގެ، މަޑުފެހި ކުލައިގެ ދަވާދުލާފައިވާ މި މަސްދޯންޏާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެ ނަމަ، ލަސްނުކުރައްވާ ކޯސްޓްގާޑް ހިލޭ ގުޅޭ ނަމްބަރު 191 ނުވަތަ 3395981 ،3398898 އަދި ފެކްސް ކުރައްވާ ނަމަ، 3391665 އަށް ފެކްސް ކުރެއްވުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން އެދިލައްވަ އެވެ،" އެމްއެންޑީއެފް އިން ބުންޏެވެ.