އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތައް ހިންގުމަށް 25 މިލިއަނަށްވުރެ ގިނަ ރުފިޔާ ބޭނުންވާ ކަމަށް ލޯކަލް ގަވަމެންޓް އެތޯރިޓީ (އެލްޖީއޭ) އިން ބުނެފި އެވެ.

ސަން އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި އެލްޖީއޭގެ ނައިބް ރައީސް ޝުޖާއު ހުސެއިން ވިދާޅުވީ ގިނަ އަދަދެއްގެ އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލް ތަކުގެ ކަރަންޓާއި ފޯނުގެ ޚިދުމަތް މެދުކެނޑިފައިވާ ކަމަށާއި އެކަމުގެ ސަބަބުން ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ކައުންސިލް ތަކަށް ވަރަށް ބޮޑެތި ދަތިތަތަކާއި ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. އެކަން އެގޮތަށް ދިމާވެފައި ވަނީ އެކަށީގެންވާ ވަރަށް ބަޖެޓު ލިބިފައި ނެތުމުން ކަމަށް ވެސް ޝުޖާއު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ކައުންސިލް ތަކުގެ ހާލަތު ވަރަށް ދަށް. ގިނަ ކައުންސިލް ތަކުގެ ކަރަންޓާއި ފޯނުގެ ޚިދުމަތް ވަނީ މެދުކެނޑިފައި. 40 އަށްވުރެ ގިނަ ކައުންސިލް ތަކުގެ ކަރަންޓާއި ފޯނުގެ ޚިދުމަތް ވަނީ މެދުކެނޑިފައި. އޭގެ ސަބަބުން ކައުންސިލް ތަކުން ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތް ދިނުމަށް ކައުންސިލްތަކަށް ވަނީ ވަރަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެފައި. ކައުންސިލް ތަކުގެ ބެލުމުގެ ދަށުން ހިންގާ ޕްރީ ސްކޫލް ތަކުގެ ޓީޗަރުންގެ މުސާރަ ވެސް ނުދެވޭ. އެހެންވީމަ އަޅުގަނޑު މިދަންނަވަނީ ކައުންސިލްތައް ހިންގުމަށް 25 މިލިޔަނަށްވުރެ ގިނަ ރުފިޔާ ބޭނުންވޭ،" ޝުޖާއު ވިދާޅުވި އެވެ.

ކައުންސިލްތަކުން ސަރުކާރަށް އެއްބާރުލުން ނުދޭ ކަމަށް ބުނެ ދެކެވޭ ވާހަކަތަކަށް އިޝާރާތް ކުރައްވައި ޝުޖާއު ވިދާޅުވީ އެއީ އެއްވެސް ހަގީގަތެއް އެކުލެވޭ ވާހަކައެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ ތަކުރާރުކޮށް އެދުމުން ވެސް ކައުންސިލްތަކަށް ބޭނުންވާ ބަޖެޓު ފިނޭންސް މިނިސްޓްރީން ހަމަޖައްސާދީފައި ނުވާއިރު ސަރުކާރަށް އެއްބާރުލުން ނުދޭ ކަމުގެ އިލްޒާމް ކައުންސިލްތަކުގެ ބޮލުގައި އަޅުވާތީ އެކަމާ ހިތާމަ ކުރައްވާ ކަމަށެވެ.

"އަޅުގަނޑުމެން އެލްޖީއޭގެ ފަރާތުން ވަރަށް ކަންބޮޑުވޭ ސަރުކާރުން ރައީސުލްޖުމްހޫރީއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވާތީ ކައުންސިލް ތަކުން ސަރުކާރަށް އެއްބާރުލުން ނުދޭ ވާހަކަ. ރައީސް ވަނީ ވިދާޅުވެފައި ސަރުކާރުން ރައްޔިތުންނަށް ދޭން ބޭނުންވާ ޚިދުމަތްތަކަށް ކައުންސިލް ތަކުން ހުރަސް އަޅާވާހަކަ. އެއީ އެއްވެސް ހަގީގަތެއް ހުރި ވާހަކަ އެއް ނޫން. ކައުންސިލްތައް ހިންގުމަށް ބޭނުންވާ ފައިސާ ކައުންސިލް ތަކަށް ނުލިބި އެއްވެސް ކައުންސިލަކަށް ސަރުކާރަށް ވެސް އަދި ރައްޔިތުންނަށް ވެސް ޚިދުމަތެއް ވެސް އަދި އެއްބާރުލުން ވެސް ދޭން ވަރަށް ދަތި ވާނެ. އެހެން ވީމަ ރައީސް އެ ދެއްކެވި ވާހަކަފުޅު އެލްޖީއޭގެ ފަރާތުން ކުއްވެރި ކުރަން،" ޝުޖާއު ވިދާޅުވި އެވެ.

ކައުންސިލް ތަކަށް ދިމާވެފައިވާ ބަޖެޓުގެ ދަތިކަން ހައްލުކުރުމަށް ތަކުރާރުކޮށް ފިނޭންސް މިނިސްޓަރާ ބައްދަލުކުރެއްވުމުން އެކަން ހައްލުކޮށްދެއްވާނެ ކަމަށް ވިދާޅުވި ކަމަށާއި ނަމަވެސް މިއަދާ ހަމައަށް ވެސް އެކަން ހައްލުކޮށްދެއްވާފައި ނުވާތީ އެކަމާ ހިތާމަ ކުރައްވާ ކަމަށް ވެސް ޝުޖާއު ވިދާޅުވި އެވެ.

ހދ. ވައިކަރަދޫ ބަނދަރު އިއްޔެ ހުޅުއްވައިދެއްވުމަށް ފަހު އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ ބައެއް ރަށްރަށުގައި ވަކި ޕާޓީއެއްގެ ކައުންސިލެއް އޮތުމުން ބައެއް މަޝްރޫއުތައް ނުހިންގައި ދޫކޮށްލާފައި އެބަހުރި ކަމަށެވެ.

ރައީސް ވިދާޅުވީ ސަރުކާރުގެ ވަޒީފާތަކުގައި ތިބެ ތަފާތު އެކި ސިޔާސީ ސަބަބުތަކާ ހެދި ރައްޔިތުންނަށް ދޭން ޖެހޭ ޚިދުމަތްތައް ލަސްކުރުމަކީ އެމަނިކުފާނަށް ދެވޭ ގެއްލުމެއް ނޫން ކަމަށާއި އެކަމުގެ ގެއްލުން ލިބެނީ ރައްޔިތުންނަށް ކަމަށެވެ.