ގއ. ކޮލަމާފުށީ ފަރުމައްޗަށް ރާޅާއަޅަން ނުކުމެ އުޅެނިކޮށް ގެއްލުނު ޒުވާނާ އަދިވެސް ނުފެންނަ ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފި އެވެ.

ކޮލަމާފުށީ ކުނާވިޔާގޭ، މުހައްމަދު ސައްމޫން ޝަރީފު، 21، ގެއްލިގެން ރިޕޯޓުކޮށްފައި ވަނީ އިއްޔެ ހަވީރު 16:30 އެހާކަންހާއިރު ކަމަށެވެ.

ކޮލަމާފުށި ރައްޔިތުންނާއި އެމްއެންޑީއެފް ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ކޯސްޓުގާޑުން ބުންޏެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު އަބްދުﷲ އަލީ ވިދާޅުވީ މޫސުން ގޯސްވުމުގެ ސަބަބުން އޭނާ ހޯދުމަށް ވަރަށް ބޮޑަށް ހުރަސްއެޅިފައިވާ ކަމަށެވެ. އެގޮތުން ހެލިކޮޕްޓަރު ބޭނުންކޮށްގެން ވެސް އަދި އެ ސަރަހައްދު ބެލޭވަރު ވެފައިނުވާ ކަމަށް ވެސް އަބްދުﷲ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ކަނޑުގެ އަޑިވެސް ބަލަންވާ ވަރަށް ނުބެލެވޭ ކަމަށެވެ.

ކޮލަމާފުށީގެ ކައުންސިލުން ބުނެފައި ވަނީ އެ ޒުވާނާ މޫދަށް ގޮސް އުޅުނީ އިތުރު ދެ ކުއްޖަކާ އެކު ކަމަށާއި އެ ކުދިން ބުނާ ގޮތުގައި ގެއްލިގެން އުޅޭ ޒުވާނާ އަތުގައި ރާޅާ އާޅާ ބޯޑެއް ވެސް އޮތް ކަމަށެވެ.

"އެ ތިން ކުދިން އެކުގައި މޫދަށް އެރި އުޅުނީ. މި ގެއްލިގެން އުޅޭ ކުއްޖާ އޮޔާ ދަމައިގަތީ ތަންކޮޅެއް ބޭރަށް ދެވިގެން ކަމަށް އަނެއް ދެ ކުދިން ބުނަނީ،" ކޮލަމާފުށީގެ ކައުންސިލުން ބުންޏެވެ.