05 May 2013, 13:23
އައިޖީއެމް ހޮސްޕިޓަލްގެ ވޯޑްތަކުން ފަހަކަށް އައިސް ވަރަށް ގިނައިން ވައްކަން ކުރަމުންދާ ކަމަށް އެ ވޯޑްތަކުގައި ތިބި ބަލި މީހުންނާ ހަވާލުތިބޭ މީހުން ބުނެފި އެވެ.
ސަންގެ ނޫސްވެރިން އައިޖީއެމްއެޗްއަށް ގޮސް އެތަނުގައި ތިބި ބައެއް ބަލިމީހުންގެ އެހީތެރިންނާ ވާހަކަ ދައްކާލުމުން އެމީހުން ބުނީ މިހާރަކަށް އައިސް އައިޖީއެމްއެޗްގެ ވޯޑްތަކުން ވައްކަންކުރާ މައްސަލަ އިންތިހާ ދަރަޖައަށް އިތުރުވެފައިވާ ކަމަށެވެ. އަދި ކޮންމެ ރެއަކުހެން ޒުވާން އުމުރުފުރައިގެ މީހުން ވޯޑްތަކަށް ވަދެ ވައްކަން ކުރަމުންދާ ކަމަށް އެ މީހުން ބުންޏެވެ.
"އަޅުގަނޑުމެން މިހާރު މިތާ ތިބެން މިޖެހެނީ ބިރުވެރިކަމެއްގެ ތެރޭގައި ވަރަށް ގިނައިން ވައްކަން ކުރޭ، މިތިނުގައި ގިނައިން މިތިބެނީ މުސްކުޅި އުމުރުގެ މީހުން ބަލި މީހުންނާއި ހަވާލުވެ، ދެން އެއުޅޭ ގްރޫޕުތަކުން ވަދެ ތަކެތި ގެންދަނީ،" އައިޖީއެމްއެޗްގެ ކުޑަކުދިންގެ ވޯޑްގައި އިން އެހީތެރިއަކު ބުންޏެވެ.
އެމީހުން ބުނީ އެ ވޯޑްތަކުން ފޯންތަކާއި އައިޕެޑް ފަދަ ތަކެތި ވެސް ވަގަށް ގެންދާ ކަމަށެވެ. އަދި އައިޖީއެމްއެޗް ހޮސްޕިޓަލުގައި ސެކިއުރިޓީ މައްސަލަތަކެއް ހުރި ކަމަށް އެފަރާތްތަކުން ބުނެ އެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ޒީނަތު އަލީ ހަބީބު މިއަދު ސަން އޮންލައިނަށް ވިދާޅުވީ ވޯޑްތަކުން ވައްކަންކުރާ މައްސަލަތައް ހުށައަޅަމުންދާ ކަމަށެވެ. އަދި އެފަދަ މައްސަލަތައް ފުލުހުނަށް ހުށައަޅާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ ހޮސްޕިޓަލުގެ ސެކިއުރިޓީގައި މަސައްކަތްކުރާ މީހުންގެ އަދަދު މަދުކަމުން ސެކިއުރިޓީގެ ކަންތަކުގައި ދަތިތަކެއް ދިމާވާކަމަށް އޭނާ ވިދާޅުވި އެވެ.
އައިޖީއެމްއެޗް ހޮސްޕިޓަލުން ވައްކަން ކުރާ މައްސަލާގައި ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެފަދަ މައްސަލަތަކަކީ ދޭތެރެދޭތެރެއިން ފުލުހުނަށް ހުށައަޅާ މައްސަލަތަކެއް ކަމަށާއި ނަމަވެސް ފަހަކަށް އައިސް ވަކި އިތުރަށް މައްސަލަތަކެއް އެހޮސްޕިޓަލުން ހުށަނާޅާ ކަމަށެވެ.