މަސްވެރިންގެ ޕާކްގައި އުސްކޮށް ނަގާފައި ހުރި އިޝްތިހާރު ބޯޑުތައް އިއްޔެ ހަވީރު މާލެ އަށް އައި ކޮޅިގަނޑެއްގައި ވެއްޓިއްޖެ އެވެ. މަސްވެރިން ޕާކް ސަރައްދު ބޭރު ތޮށި ގަނޑުކައިރި ހުރި އިޝްތިހާރު ބޯޑުތަކަކީ 20 ފޫޓުގެ ދިގު ދަނގަޑުތަކެއްގައި ހަރުކޮށްފައި ހުރި އިޝްތިހާރު ބޯޑުތަކެވެ.

ނެސްކެފޭ ކޮފީގެ އިޝްތިހާރާއި ދުބާއީ އަށްކުރާ ދަތުރުތަކާއި ގުޅޭ އިޝްތިހާރު ދެއްކުމަށް ފްލައިވޫޑް ފިލައިން ހަދާފައި ހުރި ދެ ބޯޑުގެ ތެރެއިން ކޮންމެ ބޯޑެގައި ވެސް 30 ފޫޓަށް ވުރެ ދިގުމިން ހުރި އިރު އެ ބޯޑުތައް ވެއްޓިފައި ވަނީ ބޯޑުތައް ހަރުކޮށްފައި ހުރި ހޮޅިތައް ބިންދައިގެން ގޮސްގެންނެވެ.

އެ ބޯޑުތައް ވެއްޓުމުގެ ސަބަބުން މަސްވެރިންގެ ޕާކްގައި ހުރި ގިނަ ގަސްތަކަކަށް ވެސް ވަނީ ގެއްލުންވެފަ އެވެ.

މާލެ ސިޓީގެ މޭޔަރު މައިޒާން އަލިމަނިކު ވިދާޅުވީ މަސްވެރިންގެ ޕާކުގައި އެ ބޯޑުތައް ބެހެއްޓުމަށް ހުއްދަ ދޫކޮށްފައި ހުންނަނީ މާލެ ޒީނަތްތެރިކުރުމަށް ޓަކައި އިޝްތިހާރު ބޯޑު ހަރުކުރާ މީހުންނާއި އެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ކަމަށެވެ.