މި އަހަރުގެ ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރެއްވުމުގެ ގޮތުން ސިޔާސީ ބޭފުޅުން ތައާރަފްކުރަމުންދާ ބައެއް ސިޔާސަތުތަކުގެ ސަބަބުން ރާއްޖޭގެ ތިމާވައްޓަށް ބޮޑެތި ގެއްލުންތަކެއް ލިބިގެންދާނެ ކަމަށް އެންވަރަމަންޓް މިނިސްޓަރު ޑރ. މަރިޔަމް ޝަކީލާ މިއަދު ވިދާޅުވެއްޖެ އެވެ.

ނަސަންދުރާ ޕެލެސް ހޮޓެލްގައި ކުރިއަށްދާ "އެންޖީއޯ ފޯރަމް އޮން އެންވާރަމަންޓަލް އެންޑް ސަސްޓެއިނެބަލް ޑެވެލޮޕްމަންޓް" ގެ އިފްތިތާހީ ސެޝަންގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޝަކީލާ ވިދާޅުވީ ކުރިއަށް އޮތް ފަސް އަހަރަށް ގައުމު ހިންގަން ލިބިއްޖެ ނަމަ ކުރިއަށް ގެންދާނެ މަޝްރޫއުތަކުގެ ވާހަކަ ހުރިހާ ސިޔާސީ ފަރާތްތަކަކުން ވެސް ދައްކަމުންދާ ކަމަށެވެ.

ނަމަވެސް އެއްވެސް ފަރާތެއްގެ މެނިފެސްޓޯގައި މިހާތަނަށް ތިމާވެށި ރައްކާތެރިކުރުމުގެ ގޮތުން ކުރިއަށް ގެންދާނެ އެއްވެސް ކަމެއް ހާމަކޮށްފައި ނުވާ އިރު، ބައެއް ފަރާތްތަކުން ކަނޑައަޅާފައިވާ ސިޔާސަތުތަކުގެ ސަބަބުން ތިމާވެއްޓަށް ބޮޑެތި ގެއްލުންތަކެއް ލިބިގެންދާނެ ކަމަށެވެ.

"އެއްބައި ފަހަރު މިގޮތަށް ރޭވޭ ޕްލޭންތަކަކީ ވަގުތީ ގޮތުން ގިނަ ފައިދާތަކެއް ލިބުނު ނަމަވެސް، ނުވަތަ ފައިސާތަކެއް ލިބިގެންދިޔަ ނަމަވެސް. ދިގުމުއްދަތުގައި ބޮޑެތި ގެއްލުންތަކެއް ލިބޭ ޕުލޭންތަކެއް ކަމުގައި ވެސް ވެގެން ހިނގައިދާނެ. އެކަމަށް ފާރަވެރިވުމަކީ ވެސް ކޮންމެހެން ކުރަން މުހިއްމު ކަމެއް،" މިނިސްޓަރު ޝަކީލާ ވިދާޅުވި އެވެ.

ނަސަންދުރާގައި މިއަދު ކުރިއަށްދާ ނަން-ގަވަމަންޓަލް އޯގަނައިޒޭޝަންސް (އެންޖީއޯ) ނުވަތަ މަދަނީ ޖަމިއްޔާތަކުގެ ފޯރަމަކީ ރާއްޖޭގައި ތަރައްގީއަށް ކުރާ މަސައްކަތްތަކަކީ ދެމެހެއްޓެނިވި އަދި ތިމާވެއްޓާ ރައްޓެހި މަސައްކަތްތަކެއް ކަން ޔަގީންކުރުމަށް މަދަނީ ޖަމިއްޔާތަކަށް ކުޅެވޭނެ ރޯލާ ގުޅޭ ގޮތުން ކުރިއަށް ގެންދާ ފޯރަމެކެވެ.

މިނިސްޓަރު ޝަކީލާ ވިދާޅުވީ ތަރައްގީއަށް ޓަކައި ކުރެވޭ ޕުލޭންތަކަކީ ތިމާވެއްޓަށް ގެއްލުންވާ ޕުލޭންތަކެއް ނަމަ ސަރުކާރު ޖަވާބުދާރީކޮށް، އެފަދަ ޕުލޭންތައް ހުއްޓުވުމުގައި މަދަނީ ޖަމިއްޔާތަކަށް މުހިއްމު ދައުރެއް ކުޅެވޭނެ ކަމަށެވެ.

"ކޮންމެ ފަރާތަކުން ތައްޔާރު ކުރިޔަސް، އެތައްޔާރުކުރާ ޕުލޭންތަކަކީ ތިމާވެއްޓަށް ގެއްލުން ލިބިގެންދާ ޕުލޭންތަކެއް ނަމަ، އެކަމަށް ފާރަވެރި، އެފަދަ ކަންކަން ހުއްޓުވުމުގައި މަސައްކަތްކުރުމަކީ މަދަނީ ޖަމިއްޔާތަކުން ކުރަން ޖެހޭ މަސައްކަތެއް،" މިނިސްޓަރު ވިދާޅުވި އެވެ.

މިއަދު ފެށި ބައްދަލުވުމުގައި ރާއްޖޭގައި ތިމާވެށި ރައްކާތެރިކުރުމަށް މަސައްކަތްކުރާ ގިނަ އަދަދެއްގެ މަދަނީ ޖަމިއްޔާތަކުން ދަނީ ބައިވެރިވަމުން ނެވެ.