05 May 2013, 12:09
މާލޭގެ މަގުމަތީގައި ޕާކްކޮށްފައި އޮތް ތިންކާރެއްގެ ބިއްލޫރިގަނޑު ތަޅާލައި ރޭ ވައްކަން ކޮށްފި އެވެ.
ރޭ ވައްކަން ކޮށްފައިވާ ކާރުތަކުގެ ތެރެއިން އެއް ކާރު ފަޅާލާފައިވަނީ ކުރީގެ އަރަބިއްޔާ ސްކޫލް ކައިރީގައި ޕާކް ކޮށްފައި އޮއްވަ އެވެ. ޓެކްސީ ނަމްބަރު 3681 ކާރުގެ ކުރީ ދެ ސީޓްގެ ތެރެއިން ޑުރައިވަރު ސީޓާއި ޖެހިގެން އިން ސީޓްގެ ބިއްލޫރި ގަނޑު ތަލާލާފައިވާއިރު އެކާރުގެ އެކިއެކި ވަތްގަނޑުތައް ހާވާފައިވެ އެވެ.
މީގެއިތުރުން ސީއެޗްއެސްސީ ސްކޫލް ކައިރީ ޕާކްކޮށްފައި އޮތް ޕްރައިވެޓް ކާރެއް ކަމުގައިވާ 4197 ނަމްބަރު ކާރުގެ ޑުރައިވަރު ސީޓާއި ޖެހިގެން އިންޝީޓްގެ އަރިމަތީ ބިއްލޫރި ގަނޑު ވެސް ތަޅާލައި އެކާރުގެ ކުރީ ކަބަޑުގައި ހުރިތަކެތި ހާވައި އޭގެތެރެއިން ބައެއް ތަކެތި ކާރުގެ ތެރެއަށް އުކާލާފައި ވެސް ހުއްޓެވެ.
ރޭ ބިއްލޫރިތައް ތަޅާލި ކާރުތަކުގެ ތެރެއިން މާފަންނު ސުޓާ ސިނަމާ ކައިރި އޮތް 4538 ނަމްބަރުގެ ޓެކްސީގެ ޑުރައިވަރު ސީޓާއި ޖެހިގެން އިން ސީޓްގެ އަރިމަތީ ބިއްލޫރި ގަނޑު ވެސް ވަނީ ތަޅާލާފަ އެވެ.
އެތިން ކާރުގެ ވެރިފަރާތާ ގުޅޭގޮތް ވެފައިނުވާތީ އެކާރުތަކުން ވަގަށް ގެންގޮސްފައި ވަނީ ކޮންތަކެއްޗެއް ކަމެއް އަދި އެނގޭގޮތެއް ނުވެ އެވެ.
މިއަދު ސަން އޮންލައިނާ ވާހަކަ ދެއްކި ބައެއް ޓެކްސީ ޑުރައިވަރުން ބުނީ ކާރުތަކުގެ ބިއްލޫރިތައް ތަޅާލައި ވައްކަން ކުރުމަކީ މިހާރު ވަރަށް އާންވެފައިވާ ކަމެއް ކަމަށެވެ. އެގޮތުން ކޮންމެ ރެއަކުހެން އެސެންޓަރުތަކުން ތިން ކާރު ނުވަތަ ހަތަރު ކާރުގެ ބިއްލޫރިތައް ތަޅާލައި ވައްކަން ކުރަމުންގެންދާ ކަމަށެވެ. އަދި އެގޮތަށް ވައްކަން އިތުރުވާތީ އެމީހުން މިހާރު ޓެކްސީގައި ބޭނުން ކުރާ ސެޓް ފަދަ ތަކެތި ޓެކްސީގައި ބެހެއްޓުމުގެ ބަދަލުގައި ދަތުރުތައް ނިމުމުން ބަހައްޓަނީ ގޭގައި ކަމަށް ވެސް އޭނާ ބުންޏެވެ.
އެމައްސަލާގައި ފުލުހުންގެ ބަހެއް އަދި މިހާތަނަށް ލިބިފައެއް ނުވެ އެވެ.