24 Oct 2010, 12:25
ޖިނާއީ ބޮޑެތި މައްސަލަތަކުގައި ތުހުމަތު ކުރެވޭ، މީހުންގެ ތެރެއިން ގާނޫނީ ވަކީލުން ހޯދޭ ފަދަ ގާބިލުކަން ނެތް މީހުންނަށް ވަކީލު ހޯދައި ދިނުމަށް މައްސަލައަކަށް 5000ރ. ދޭ ގޮތަށް ވަކީލުން ހޯދަން ބަންޑާރަ ނައިބުގެ އޮފީހުން މަސައްކަތް ފަށައިފި އެވެ.
އެ އޮފީހުން ބުނީ ގާނޫނު އަސާސީގެ 53 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން ޖިނާއީ ބޮޑެތި ކުށްތަކުގައި ވަކީލުން ބޭނުންވާ މީހުންނަށް ވަކީލުން ހޯދައި ދިނުމަށް ކުރާ މަސައްކަތުގައި އެކަން ކޮށްދެވޭނެ ވަކީލުންނާއެކު ދެ ފަރާތް އެއްބަސްވާ ގޮތެއްގެ މަތިން މަސައްކަތް ކުރަން އެ އޮފީހުން ތައްޔާރަށް އޮތް ކަމަށެވެ.
އެކަމަށް ޝައުގުވެރިކަން ހުރި ގާނޫނީ ވަކީލުން މިމަހުގެ 28ގެ ކުރިން ބަންޑާރަ ނައިބުގެ އޮފީހުން މައުލޫމާތު ސާފު ކުރުމަށް ވެސް ބަންޑާރަ ނައިބު އޮފީހުން ވަނީ އެދިފަ އެވެ.