17 Mar 2010, 11:20
14:30
ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އުފައްދަވާފައިވާ 368 ސިޔާސީ މަގާމަށް، ދައުލަތުގެ ބަޖެޓުން މަހަކު 9.1 މިލިޔަން ރުފިޔާ ހޭދަވާ ކަމަށް ފިނޭންސް މިނިސްޓަރު އަލީ ހާޝިމް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، މެންބަރުން ކުރިމަތިކުރެއްވި ބައެއް ސުވާލުގެ ޖަވާބުގައި، ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ، ސިޔާސީ މަގާމުތަކާއި އެ މަގާމުތަކަށް ކަނޑައަޅާފައިވާ މުސާރައިގެ ތަފްސީލް މަޖިލީހަށް އިއްވަވަމުން، ފިނޭންސް މިނިސްޓަރު އަލީ ހާޝިމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ސިޔާސީ މަގާމުތަކުގެ އަދަދު ގިނަ ކަމަށް ވިދާޅުވެ އެމަނިކުފާނަށް ލަފާއަރުވާފައިވާނެ ކަމަށެވެ. އަދި ސިޔާސީ މަގާމުތަކުގެ ތެރޭގައި ހިމެނޭ ބައެއް މަގާމުތައް ފަހުން އެހެން ގޮތަކަށް ބަދަލުވެގެންދާނެ ކަމަށް ވެސް މެންބަރުން ކުރެއްވި ސުވާލްތަކުގެ ޖަވާބުގައި އަލީ ހާޝިމް ވިދާޅުވި އެވެ.
މި ދަނޑިވަޅަކީ ރާއްޖެއަށް ހާއްސަ ހާލަތެއް ދިމާވެފައިވާ ދަނޑިވަޅަކަށް ވާތީ، ސިޔާސީ މަގާމުތައް އިތުރުނުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަށް ލަފާދެއްވާފައިވާނެތޯ، މެންބަރަކު ސުވާލު ދެންނެވުމުން މިނިސްޓަރު ވިދާޅުވީ، މުވައްޒިފުން އިތުރުނުކުރުމަށް އެދި އެ މިނިސްޓްރީން އާއްމުކޮށްފައިވާ އިއްލާނުގައި އެކަން ވެސް ހިމެނިގެން ގޮސްފައިވާނެ ކަމަށެވެ. އަދި މިހާރު އަމަލުކުރަމުންދާ ގާނޫނު އަސާސީ ތަސްދީގު ކުރެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، އޭރުގެ ރިޔާސީ ގަނޑުވަރު ތީމުގޭގައި ތިބި އާއްމު ހުރިހާ މުވައްޒިފުންނަކީ ސިވިލް ސާވިސް މުވައްޒިފުން ނޫން ކަމަށް، އޭރުގެ ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވާފައިވާއިރު މިހާރު ހުންނެވި ރައީސުލްޖުމްހޫރިއްޔާ އެކަން ހަމަޖައްސަވާފައި ވަނީ ކޮން ގޮތަކަށްތޯ މެންބަރަކު ސުވާލު ދެންނެވުމުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މަގާމުތަކުގެ ލިސްޓު ޗެކް ކުރެއްވުމަށް އިތުރު ފުރުސަތު ދެއްވުމަށް މިނިސްޓަރު އެދިވަޑައިގެންނެވި އެވެ. އަދި އެއްވެސް ބިދޭސީއަކަށް ސިޔާސީ މަގާމެއް ދެއްވައިފައިވޭތޯ ކުރެއްވި ސުވާލުގެ ޖަވާބުގައި ވެސް މިނިސްޓަރު ވިދާޅުވީ ލިސްޓުގައި އެފަދަ މަގާމެއް ނެތް ކަމަށާއި، އެކަން ވެސް ޗެކްކުރައްވަން ބޭނުންފުޅުވާ ކަމަށެވެ.
ސިޔާސީ މަގާމުތަކާ ބެހޭގޮތުން މެންބަރުން ކުރެއްވި ގިނަ ސުވާލުތަކެއްގެ ޖަވާބުގައި މިނިސްޓަރު ވަނީ އެ ކަންތައްތައް ޗެކުކުރައްވަން ބޭނުން ކަމަށް ވިދާޅުވެ، ޗެކް ކުރެއްވުމަށްފަހު އެ މައުލޫމާތުތައް ހިމެނޭ ފުރިހަމަ ލިސްޓެއް މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވެފަ އެވެ.
ވެރިކަން ކުރާ ރަށްތައް ކަނޑައެޅުމުގެ ބިލުގެ ބަހުސް ވެސް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ފައްޓަވައިފަ އެވެ. އެބިލު މަޖިލީހަށް ހުށަހަޅުއްވަމުން ޑީއާރުޕީ އަށް ނިސްބަތްވެވަޑައިގަންނަވާ ފުނަދޫ ދާއިރާގެ މެންބަރު އަލީ ސަލީމް ވިދާޅުވީ، މި ބިލަކީ، މިވަގުތު ރާއްޖޭގެ ކަން ހިނގާ ގޮތަށާއި މިއަދުގެ ހާލަތަށް ބަލައި ވަރަށް އަވަހަށް ފާސްކުރަންޖެހޭ ގާނޫނެއް ކަމަށެވެ. އަދި ސަރުކާރާއި އިދިކޮޅު ޕާޓީތަކުގެ މެންބަރުންނާއި، އެ މެންބަރުން ތަމްސީލުކުރާ ދާއިރާތަކުގެ ރައްޔިތުންނަށް ދަތިކުރުމަށްޓަކައި ސަރުކާރު ބޭނުންވާ ގޮތަކަށް، އަތޮޅުވެރިކަން ކުރާ ރަށްރަށް ބަދަލުކުރަމުންދާ ކަމަށާއި، ށ. ފުނަދޫ އާއި ކ. ތުލުސްދޫގައި ކުރަމުން އައި އަތޮޅުވެރިކަން އެހެން ރަށަކަށް ސަރުކާރުން ބަދަލުކޮށްފައި ވަނީ ވެސް އެ ދާއިރާތަކަށް ނިސްބަތްވާ މެންބަރުންނާއި އެ މެންބަރުންނަށް ތާއީދުކުރާ ރައްޔިތުންނަށް ފިއްތުންތައް ކުރިމަތިކޮށް، ސަރުކާރުގެ ކުރިމަތީގައި ކުޑަކަކޫ ޖެއްސުމަށް ކަމަށް ވެސް ސަލީމް ވިދާޅުވި އެވެ. ނަމަވެސް މި ބިލުގެ ސަބަބުން އެ ކަންތަކަށް ހައްލެއް އަންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މި ބިލަށް ރައްދު ދެއްވަމުން، ވެރިކަންކުރާ އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުން ވިދާޅުވީ، މި ބިލަކީ ގާނޫނު އަސާސީން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިގެންވާ ބާރުތަކަށް އަރައިގަނެ، ވެރިކަން ހިންގާ ބާރުތައް ރައްޔިތުންގެ މަޖިލީހުގެ ބާރުގެ ދަށަށް ގެނައުމަށް އިދިކޮޅު ފަރާތްތަކުން ކުރާ މަސައްކަތުގެ ތެރެއިން ހުށަހަޅާފައިވާ ބިލެއް ކަމަށެވެ. އަދި މިއީ ގާނޫނުއ ަސާސީއާ ތައާރަޒުވާ ބިލެއް ކަމަށާއި، މެންބަރެއްގެ އަމިއްލަ މަސްލަހަތު ހިމެނޭ ބިލެއް ހުށަނޭޅޭނެ ކަމަށް ބުނާ، ގާނޫނު އަސާސީގެ 75 ވަނަ މާއްދާއާ މި ބިލް ތައާރަޒުވާ ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ. އަދި މި ބިލު ހުށަހެޅުމަށް ރިޔާސަތުން ފުރުސަތު ދެއްވައިގެންނުވާނެ ކަމަށް ވިދާޅުވެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަމުން ގެންދެވި މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދަށް ވެސް ބައެއް މެންބަރުން ފާޑުވިދާޅުވި އެވެ.
ނަމަވެސް މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ މި ބިލަކީ ގާނޫނު އަސާސީގައި ބުނާ ޝަރުތުތައް ހަމަވެގެން މަޖިލީހަށް ހުށަހެޅުމަށް ފުރުސަތު ދެއްވާފައިވާ ބިލެއް ކަމަށެވެ. އަދި ބިލަށް ބަހުސް ކުރުމަކީ ރިޔާސަތަށް ލިބިގެންވާ ފުރުސަތެއް ނޫން ކަމަށާއި، ބިލް ބަލައިގަނެ ބިލާ ބެހޭގޮތުން ގޮތެއް ނިންމުމަކީ މެންބަރުންނަށް ލިބިގެންވާ ފުރުސަތެއް ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.
މި ބިލް ދިފާއުކުރައްވައި ވާހަކަ ދެއްކެވި އިދިކޮޅު ޑީއާރުޕީގެ މެންބަރުން ވިދާޅުވީ، މިފަދަ ބިލުތައް މަޖިލީހަށް ހުށަހަޅަންޖެހެނީ ސަރުކާރުން ކަންތައް ކުރަމުންގެންދާ ގޮތުން ކަމަށެވެ. އަދި ސަރުކާރުން ރައްޔިތުންނަށް ގެންދަނީ އޮޅުވާލަމުން ކަމަށާއި، ސަރުކާރާއި ސަރުކާރުގެ ސިޔާސަތު ފެއިލްވެފައިވާއިރު މިފަދަ ބިލެއް ހުށަހަޅައިގެން ކުރިއަށް ގެންދިއުމަކީ މުހިއްމު ކަމެއް ކަމަށާއި، މިހާރު ވެސް މި ބިލު ހުށަހެޅުން ލަސްވެފައިވާ ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ.