އެމްއެންޑީއެފް ސެންޓްރަލް އޭރިއާ އާއި އެމްއެންޑީއެފް މެޑިކަލް ސާވިސް ގުޅިގެން ތ. އަތޮޅާއި ލ. އަތޮޅުގެ ބައެއް ރަށްރަށުގައި "މެޑިކަލް ކޭމްޕް މަދަދު"ގެ ނަމުގައި މެޑިކަލް ކޭމްޕެއް ފަަށައިފި އެވެ.

އެމްއެންޑީއެފުން ބުނީ މިއަދުން ފެށިގެން މި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިކޭމްޕް ކުރިއަށް ގެންދާނެ ރަށްތަކަކީ ތ. އަތޮޅުން ހިރިލަންދޫ، ވޭމަންޑޫ، ތިމަރަފުށި، ގުރައިދޫ އަދި ވިލުފުށީގައި ކަމަށެވެ. އަދި ލ. އަތޮޅުގައި މިކޭމްޕް ކުރިއަށް ގެންދާނީ ލ. ގަމުގައެވެ. ލ. ގަމުގައި މިކޭމްޕް، އެ ރަށުގައި ހުންނަ ރީޖަނަލް ހޮސްޕިޓަލުގައި ބާއްވަން ހަމަޖެހިފައިވާ އިރު، ވޭމަންޑޫގައި ކޭމްޕް ބާއްވާނީ އެރަށުގައި ހުންނަ ތ. އަތޮޅު ހޮސްޕިޓަލްގައި ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ. މީގެއިތުރުން ހިރިލަންދޫ އާއި ތިމަރަފުށްޓާއި ވިލުފުށީގައި ކޭމްޕް ބޭއްވުމަށް ހަމަޖައްސާފައި ވަނީ އެރަށްރަށުގެ ސިއްހީ މަރުކަޒުތަކުގަ އެވެ.

އެމްއެންޑީއެފުން ކުރިއަށް ގެންދާ މިކޭމްޕްގައި ކުޑަކުދިންގެ ޑޮކްޓަރަކާއި ދަތުގެ ޑޮކްޓަރަކާއި ކަރުންމަތީގެ ޑޮކްޓަރަކާއި ލޮލުގެ ޑޮކްޓަރެއްގެ އިތުރުން ހަމުގެ ޑޮކްޓަރެއް ބަލި މީހުން ބެލުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި މިއިން ކޮންމެ ޑޮކްޓަރަކާ އެކު ޕެރަމެޑިކެއް ވެސް ހަރަކާތްތެރިވާނެ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

މިކޭމްޕްގެ މަގުސަދަކީ އެމްއެންޑީއެފް ސެންޓްރަލް އޭރިއާގައި ހިމެނޭ ލ. އަތޮޅާއި ތ. އަތޮޅުގެ ރައްޔިތުންނަށް، ހާއްސަ ޑޮކްޓަރުންގެ ޓީމަކުން ލުއި ފަސޭހަކަމާ އެކު ސިއްހީ ފަރުވާ ފޯރުކޮށްދީ، ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް މަގުފަހިކޮށްދިނުމާއި ކުއްލި ހާލަތުގައި ފޯރުކޮށްދޭން ޖެހޭ މެޑިކަލް އިވެކްއޭޝަންތައް މަދުކުރުން ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

މި ޕްރޮގްރާމަކީ މިނިސްޓަރު އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ މުހައްމަދު ނާޒިމް ހުސްވި އޭޕްރީލް މަހުގެ 14 އިން 19 އަށް އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުފުޅުގައި އިންޑިޔާ ސަރުކާރާ އެކު ބޭއްވެވި މަޝްވަރާތަކުގެ ދަށުން އިންޑިއާގެ ސަރުކާރުގެ އެހީތެރިކަމާ އެކު ހިންގާ ޕްރޮގްރާމެއް ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.