ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން މިދިޔަ އަހަރު ބަދަލުވެފައި ވަނީ ގާނޫނީ ހަމަތަކުގެ މަތިން ނޫން ކަމަށާއި ރައީސުލްޖުމްހޫރިއްޔާގެ ގޮނޑި ހުސްވެއްޖެކަން ކަނޑައެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ސާހިދު ކަމަށް ވާތީ، ޝާހިދުގެ މައްޗަށް ދައުވާކޮށްދެއްވުމަށް އެދި ކުރީގެ ބަންޑާރަ ނައިބު ފާތުމަތު ދިޔާނާ ސައީދު ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅުއްވައިފި އެވެ.

ދިޔާނާ ސައީދު މިއަދު ސަން އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ސިވިލް ކޯޓަށް މިދިޔަ ހަފްތާގައި އޭނާ ހުށަހަޅުއްވާފައިވާ އެ މައްސަލަ ބަލައިގެންފައިވާކަން ސިވިލް ކޯޓުން މިއަދު އަންގާފައިވާ ކަމަށެވެ.

އެ މައްސަލައިގެ ދައުވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުގެ މައްޗަށް އުފުއްލަވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ ގޮނޑި ހުސްވެއްޖެ ކަން ގާނޫނީ ގޮތުން ކަނޑައަޅުއްވާ ބޭފުޅަކީ ރައްޔިތުންގެ މަޖިލީސް ރައީސް ކަމަށް ގާނޫނު އަސާސީގައި ބުނެފައިވާތީ ކަމަށް ދިޔާނާ ވިދާޅުވި އެވެ.

"ގާނޫނު އަސާސީގެ 121 ވަނަ މާއްދާގައި މިބަޔާން ކުރަނީ ރައީސުލްޖުމްހޫރިއްޔާ އިސްތިއުފާ ދެއްވަން 'ބޭނުންވެއްޖެ ހިނދެއްގާ' ސިޓީފުޅަކުން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ފޮނުއްވާ ސިޓީއަކުން އިސްތިއުފާ ދެއްވިދާނެއޭ. އެހެންކަމުގައިވާ އިރު މަޖިލީހުގެ ރައީސްގެ މައްޗަށް ގާނޫނީ އަސާސީން އެބަ ލާޒިމު ކުރޭ އެ ގޮނޑި ހުސްވެއްޖެ ކަމަށް ކަނޑައެޅަން. އެ މައްސަލާގައި މަޖިލީހުގެ ރައީސްގެ މައްޗަށް ދައުވާ އުފުލާފައި ވަނީ، އޮޅުމަކުން ނަމަވެސް ނުވަތަ އިސްތިއުފާ ދެއްވީ މަޖުބޫރެއް އޮވެގެންކަން ވެސް މަޖިލީހުގެ ރައީސަށް އެނގިވަޑައިނުގެން ނަމަވެސް އެ ގޮނޑި ހުސްވެއްޖެކަން ކަނޑައެޅުއްވީ މަޖިލީސްގެ ރައީސް ކަމުގައި ވާތީ. އޭގެ މާނައަކީ ކޮންމެހެން މަޖިލީހުގެ ރައީސް ކުށެއް ކުރެއްވީއެކޭ ނޫން. ނުވަތަ އެކަމުގައި ބައިވެރިވެވަޑައި ގެންނެވީއެކޭ ނުވަތަ އޮޅުވައިލައްވައިގެން ގަސްދުގައި ކަމެއް ކުރެއްވިއްޔެކޭ ނޫން،" ދިޔާނާ ވިދާޅުވި އެވެ.

ދިޔާނާ ސިވިލް ކޯޓަށް ހުށަހެޅުއްވި މައްސަލާގައި ތިން ކަމެއް ކަނޑައަޅުއްވައި ދެއްވުމަށް ހުށަހެޅުއްވި ކަމަށް އޭނާ ވިދާޅުވި އެވެ. އެ އޭގެ ތެރޭގައި ވޯޓް ލުމުގެ ހައްގު ރައްުޔިތުންގެ ކިބައިން ނިގުޅައިގެންފައިވާ ކަމާއި ރައީސް ނަޝީދު އިސްތިއުފާ ދެއްވާފައި ވަނީ މަޖުބޫރު ހާލަތެއް މެދުވެރިވެގެން ކަމަށާއި ވެރިކަން ބަދަލުވެފައި ވަނީ ގާނޫނީ ހަމަތަކުގެ މަތިން ނޫން ކަމުގައި ކަނޑައަޅައިދެއްވުން ކަމަށް ދިޔާނާ ވިދާޅުވި އެވެ.

ރައީސް ނަޝީދުގެ ވެރިކަން ބަދަލުވެފައި ވަނީ މަޖުބޫރީ ހާލަތެއް މެދުވެރިވެގެން ގާނޫނީ ހަމަތަކުން ބޭރުން ކަމުގައި ކަނޑައިދެއްވުމަށް އެދިވަޑައިގެން މީގެ ކުރިން ދިޔާނާ ހައިކޯޓަށް ހުށަހެޅުއްވި މައްސަލަ އެކޯޓުން އެ މައްސަލަ ވަނީ ބަލައިނުގެންފަ އެވެ. ނަމަވެސް އެފަހަރު މަދަނީ ހައްގުތަކުގެ ބައި އެ މައްސަލާގައި ހިމަނާފައެއް ނުވެ އެވެ.

ރައީސް ނަޝީދު ވެރިކަން ބަދަލުވުމާ ބެހޭ ގޮތުން ދިޔާނާ ސައީދު ވަނީ "ސައިލެންޓް އިންކުއަރީ"ގެ ނަމުގައި ރިޕޯޓެއް ވެސް ނެރުއްވައިފަ އެވެ. އަދި އެ ރިޕޯޓްގައި ވެސް ނަޝީދު އިސްތިޢުފާދެއްވާފައި ވަނީ މަޖުބޫރުން ކަމަށް އޭނާ ދެކެވަޑައިގަންނަވާ ކަމަށް ލިއުއްވާފައިވެ އެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީ މަހު 7 ވަނަ ދުވަހު މުހައްމަދު ނަޝީދު ސޮއިކުރައްވައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދަށް ފޮނުވި ސިޓީގައި ވިދާޅުވެފައި ވަނީ "ރާއްޖެ ހާލަތު މިއަދު އޮތް ގޮތުން، އަޅުގަޑު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ގޮތުގައި އިތުރަށް ހުރެއްްޖެ ނަމަ ރާއްޖެ އަށާއި ރައްޔިތުންނަށް ނުހަނު ގެއްލުން ދެވިދާނެ ކަމަށް އަޅުގަޑަށް ފެންނަ ކަމުން، އަޅުގަނޑު ރައީސުލްޖުމްހޫރިއްޔާގެ މަގާމުން އިސްތިއުފާދީފި"ން ކަމަށެވެ.

ނަޝީދު އިސްތިއުފާ ދެއްވި އިރު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ހުންނެވީ ޑީއާރުޕީގަ އެވެ. ނަމަވެސް ފަހުން އޭނާ ވަނީ ނަޝީދު ނިސްބަތްވެވަޑައިގަންނަވާ އެމްޑީޕީއާ ގުޅިވަޑައިގެންފަ އެވެ.