ޖަރުމަނު ލީގުގައި ރޭ ބޮރޫޝިއާ ޑޯޓަމަންޑާއި ބަޔާން މިޔުނިކް ބައްދަލު ކުރި ފޯރިގަދަ، އަދި ޗެމްޕިއަންސް ލީގުގެ ފައިނަލުގެ ކުރިން ދެޓީމު ބައްދަލުކުރި ވޯމްއަޕް މެޗް އެކެއް އެކަކުން އެއްވަރު ވެއްޖެއެވެ.

ރޭގެ މެޗަށް ނުކުތްއިރު ދެޓީމުގެވެސް މުހިންމު ކުޅުންތެރިންތަކެއް ފުރަތަމަ އެގާރައިގައި ހިމަނާފައެއް ނުވެއެވެ. އެގޮތުން އަންގާރަ ދުވަހުގެ ރޭ ރެއާލް މެޑްރިޑް އަތުން 2-0ން ބަލިވި ޑޯޓްމަންޑުގެ މުހިއްމު ފަސް ކުޅުންތެރިއަކު ބަދަލު ކޮށްފައިވާއިރު ބުދަ ދުވަހުގެރޭ 4-0 ބާސެލޯނާ ބަލިކުރި ޔުޕް ހެއިންކެސް ވަނީ ބަޔާންގެ މުހިންމު ހަތް ކުޅުންތެރިއަކު ރޭގެ މެޗަށް ފުރަތަމަ އެގާރައިން ބާކީ ކޮށްފައެވެ.

މެޗުގެ 11 ވަނަ މިނިޓުގައި ޑޯޓްމަންޑަށް ކުރި ހޯދައިދިނީ ކެވިން ގްރޮސްކުރަޒްއެވެ. އެހެން ނަމަވެސް އޭގެ 12 މިނިޓު ފަހުން ލަނޑެއް ކާމިޔާބުކޮށް މާރިއޯ ގޮމޭޒް ވަނީ ބަޔާން އަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. މެޗުގެ 60 ވަނަ މިނިޓުގައި ޑޯޓްމަންޑަށް ޕެނަލްޓީއެއްވެސް ލިބުނެވެ. ރޮބާޓް ލުވަންޑޯސްކީ ޖެހި ޕެނަލްޓީ ބަޔާންގެ ތަޖުރިބާ ކާރު ކީޕަރު މެނުއަލް ނޮޔާ ވަނީ ވަރަށް ހުށިޔާރު ކަމާއެކު ދިފާއު ކޮށްފައެވެ.

މެޗުގެ 64 ވަނަ މިނިޓުގައި ބަޔާންގެ ބްރެޒިލް ޑިފެންޑަރު ރަފިންހާ އަށްވަނީ ދެވަނަ ރީނދޫ ކާޑަކާއެކު ރަތްކާޑެއް ދައްކައި ދަނޑުން ފޮނުވާލާފައެވެ. އަދި އޭނާ ދަނޑު ފައިބައިގެން ދިޔަ ވަގުތު ޑޯޓްމަންޑުގެ ކޯޗާ ދިމާއަށްވެސް ބަހުގެ ހަމަލާތަކެއް ވަނީ ދީފައެވެ.

މިމަހުގެ 25 ވަނަ ދުވަހު އިނގިރޭސި ވިލާތުގެ ވެމްބްލީ ސްޓޭޑިއަމްގައި އޮންނަ ފައިނަލު މެޗުގައި މިދެކުލަބު ބައްދަލު ކުރަން ޖެހޭއިރު މިސީޒަންގައި ޑޯޓްމަންޑާ ހަތަރު ފަހަރު ބައްދަލު ކޮށް އެންމެ މެޗަކުންވެސް ބަޔާން ބަލިވެފައެއް ނުވެއެވެ. އެގޮތުން ޖަރުމަނު ލީގުގައި މިދެކުލަބު ބައްދަލު ކުރި ދެމެޗުވެސް އެއްވަރު ވެފައިވާއިރު ސުޕަކަޕާއި ޖަރުމަނު ކަޕްގައި ބަޔާން ވަނީ ޑޯޓްމަންޑުގެ މައްޗަށް ކުރިހޯދާފައެވެ.

މެޗަށްފަހު ޑޯޓްމަންޑުގެ ކޯޗު ކްލޮޕް ބުނީ ދެ ޓީމުގެވެސް މުހިއްމު ކުޅުންތެރިންތަކެއް ނުހިމަނައި ކުޅެން ނުކުތް މެޗު ފެށުމުގެ ކުރިން ބައެއްމީހުން އެމެޗަކީ ވަރަށް ފޫހި މެޗަކަށް ވާނޭކަމަށް ބުނެފައިވީ ނަމަވެސް މެޗު ނިމިގެން ދިޔައީ ދެފަރާތުގެވެސް ވަރުގަދަ ކުރިމަތިލުމަށްކަށް ފަހު ފޯރިގަދަ މެޗެއް ދައްކުވައިދީފައި ކަމަށެވެ.

ބަޔާންގެ ކޯޗު ހެއިންކެސް ބުނީ ޗެމްޕިއަންސް ލީގު މެޗަށްފަހު ދެކުލަބުންވެސް ކުޅުންތެރިންތަކެއް ނުލައި ކުޅުނު މެޗު މީހުން ހީކުރި ގޮތާ ހިލާފަށް ނިމިގެންދިޔައީ ވަރަށް ފޯރިގަދަކޮށް ކަމަށެވެ.