ދިމިޝްޤު (މޭ 5): ސޫރިޔާގެ ވެރިރަށް ދިމިޝްޤުގެ ކައިރީގައިވާ ހަތިޔާރާބެހޭ ސައެންޓިފިކް ރީސާޗް ސެންޓަރަކަށް މިއަދު ހެނދުނު އިސްރާއީލުން ވައިގެ ޙަމަލާތަކެއް ދީފައިވާ ކަމަށް ސޫރިޔާ އިން ބުނެފި އެވެ. ސޫރިޔާގެ ރަސްމީ ނޫސް އެޖެންސީ "ސާނާ" ބުނި ގޮތުގައި މިމަރުކަޒަށް އިސްރާއީލުން ދީފައި ވަނީ މިސައިލް ޙަމަލާއެއް ކަމުގަ އެވެ.

ދިމިޝްޤުގެ ރައްބޭރުގައިވާ ސަރަހައްދެއް ކަމަށްވާ ޖަމްރާޔާގައި ހުންނަ މިމަރުކަޒަށް މިދިޔަ ޖަނަވަރީ މަހު ވެސް އިސްރާއީލުން ޙަމަލާތަކެއް ދީފައިވެ އެވެ. މިއަދުގެ ޙަމަލާއާބެހޭ ގޮތުން އިސްރާއީލުން އަދި ވަކިއެއްޗެއް ނުބުނެ އެވެ. ނަމަވެސް ސޫރިޔާއަށް ވައިގެ ޙަމަލާތަކެއް ދިންކަން އިސްރާއީލުން އިއްޔެވަނީ ކަށަވަރުކޮށްދީފަ އެވެ. އިސްރާއީލުގެ ސަރުކާރުން އިއްޔެ ބުނެފައި ވަނީ އެގައުމުގެ ޢަސްކަރީ މަތިންދާބޯޓުތަކުން ސޫރިޔާއަށް މިދޔަ ހުކުރުވިލޭރޭގެ ދަންވަރުގެ ވަގުތެއްގައި ވައިގެ ޙަމަލާތަކެއް ދިން ކަމަށާއި މިޙަމަލާތައް އަމާޒުކުރީ ސޫރިޔާ އިން ލުބްނާނުގެ ސަރަޙައްދީ ރޮނގުގެ ކައިރިއަށް ދަތުރުކުރި ހަތިޔާރުގެ ޝިޕްމަންޓަކަށް ކަމުގަ އެވެ.

މިޙަމަލާ ދިން ކަމަށް އިސްރާއީލުން އެއްބަސްވެފައި ވަނީ ސޫރިޔާއަށް ވައިގެ ޙަމަލާތަކެއް ދިން ކަމަށްބުނެ އެމެރިކާގެ މީޑިޔާ އިން ޚަބަރުތަކެއް އިއްޔެ ފަތުރާފައިވަނިކޮށެވެ. އިސްރާއީލުން ޙަމަލާދިން ސޫރިޔާގެ ހަތިޔާރުގެ ޝިޕްމަންޓަކީ ސޫރިޔާއިން ލުބްނާނުގެ ހިޒްބުﷲ ޖަމާއަތަށް އެއްގަމު މަގުން ފޮނުވި މިސައިލްގެ ޝިޕްމަންޓެއް ކަމަށް ބެލެވޭކަމަށް ވެސް އިސްރާއީލުގެ ސަރުކާރުން ބުނެފައިވެ އެވެ. ނަމަވެސް އިސްރާއީލުގެ މިޙަމަލާގައި މިޝިޕްމަންޓަށް ލިބުނީ ކިހާވަރެއްގެ ގެއްލުމެއްކަން އަދި ޙަމަލާ ދިން ސަރަޙައްދާއި ހަމަލާއަށް ފަހު ހަތިޔާރުގެ މިޝިޕްމަންޓަށްވީގޮތެއް ވެސް އިސްރާއީލުން ސާފުކޮށް ދީފައެއްނުވެ އެވެ.

އިސްރާއީލުން ވަނީ ސޫރިޔާގައިވާ ކެމިކަލް ހަތިޔާރުތައް ހިޒްބުﷲ ޖަމާއަތާއި ސޫރިޔާ ހަނގުރާމަވެރިންގެ ތެރޭގައި ހިމެނޭ އަލްޤާޢިދާ އަށް ނިސްބަތްވާ ހަނގުރާމަވެރިންގެ އަތްމައްޗަށް އަރާތަން ބަލަންނޯންނާނެ ކަމަށް ބުނެ މިކަން ހުއްޓުވުމަށް ޓަކައި ސޫރިޔާއަށް ޢަސްކަރީގޮތުން ޙަމަލާދޭނެ ކަމަށާ އަދި ސޫރިޔާ އަށް ވަދެގަންނަން ޖެހޭ ނަމަ އެކަންވެސް ކުރާނެކަމުގެ އިންޒާރު ކުރިން ދީފަ އެވެ. ކުރިން ސޫރިޔާއަކީ އިސްރާއީލު ޖެހިލުންވާފަދަ ބާރު ގަދަ ގައުމެއް ނަމަވެސް މިހާރު ކުރިޔަށްދާ އަހްލީ ހަނގުރާމައިގާ ސޫރިޔާގެ ޢަސްކަރީ ބާރު ބަލިކަށިވެ އެގައުމުގެ ބޮޑުބައެއް ވަނީ ވީރާނާވެފަ އެވެ.
ހިޒްބުﷲ ޖަމާއަތަކީ އިސްރާއީލު އެންމެބޮޑަށް ބިރުގަންނަ އަދި ޖެހިލުންވާ ޖަމާއަތެވެ. މިޖަމާއަތުން ވަނީ 2005 ވަނަ އަހަރު އިސްރާއީލުން ކުރި ހަނގުރަމާއިގާ އިސްރާއީލުގެ މައްޗަށް ޢަސްކަރީ ގޮތުން ނަސްރު ހޯދާފަ އެވެ.(ނޫސްއެޖެންސީތައް)