05 May 2013, 09:58
އެއްގަމު މަހުގެ ވިޔަފާރި ކުރުމުގައި އޮޅުވާލައި މީދަލާއި ހިޔަޅާއި މުގޮށިމީދާ ފަދަ ތަކެތީގެ މަސް، ގެރިމަހާއި ބަކަރި މަހުގެ ގޮތުގައި ވިއްކިކަމުގެ ކުށުގައި ޗައިނާގައި 900 މީހުން ހައްޔަރުކޮށްފި އެވެ.
ޗައިނާ ސަރުކާރުގެ ރަސްމީ ނިއުސް އެޖެންސީ ޒިންހުއާ އިން ބުނީ ޗައިނާގެ މިނިސްޓްރީ އޮފް ޕަބްލިކް ސެކިއުރިޓީ އިން ހިންގި ހާއްސަ ކެމްޕޭނެއްގައި ކާބޯތަކެތީގެ ވިޔަފާރީގައި މަކަރުހަދުމުގެ 382 މައްސަލަ ފަޅާއަރުވާލާފައިވާ ކަމަށެވެ.
ޗައިނާގެ އޮފިޝަލުންނަށް ހޯދުނު މައްސަލަތަކުގެ ތެރޭގައި ދޮގުމައުލޫމާތާ އެކު އެއްގަމު މަސް ވިއްކުމުގެ އިތުރުން ކާނާ ޕްރޮސެސްކުރުމުގައި ބޭނުންކުރުން މަނާކޮށްފައިވާ ކެމިކަލްތައް ބޭނުންކުރުމާއި އެކިއެކި ބަލިތައް ޖެހިފައިވާ ޖަނަވާރުތަކުގެ މަސް ވިއްކުމާއި މަހުގެ ބަރުދަން އިތުރުކުރުމަށް މަސްގަނޑުގެ ތެރެއަށް ފެން އިންޖެކްޓް ކުރުން ފަދަ މައްސަލަތައް ހިމެނެ އެވެ.
ޗައިނާގެ އޮފިޝަލުން ހިންގި ކެމްޕޭނުގައި ގާނޫނާ ހިލާފަށް އުފައްދާފައިވާ 20،000 ޓަނުގެ އެއްގަމު މަސް އަތުލައިގެންފައިވާ ކަމަށާ ހައްޔަރުކުރި މީހުން، އެފަދަ ތަކެތި ވިއްކައިގެން 10 މިލިއަން ޔުއާން ( 1.62 މިލިޔަން ޔޫއެސް ޑޮލަރު) ހޯދާފައިވާ ކަމަށް ޒިންހުއާ ނިއުސް ބުންޏެވެ.
ކާބޯތަކެތީގެ ވިޔަފާރީގައި ހިންގަމުންދާ ޖަރީމާތައް ހުއްޓުވުމަށް ކުރާ މަސައްކަތް ދެން އަމާޒުކުރާނީ ކިރާއި ކިރުން އުފައްދާ ބާވަތްތަކަށް ކަމަށް ޗައިނާސަރުކާރުން ބުނެފައިވެ އެވެ.
އެއްގަމުމަހުގެ ވިޔަފާރީގައި އޮޅުވާލުމަކީ ހަމައެކަނި ޗައިނާއަށް ހާއްސަ މައްސަލައެއް ނޫނެވެ. އާއްމުކޮށް ވިއްކަން ހުންނަ ގެރިމަހަށް ވުރެ އަގުބޮޑު ގެރިމަހުގެ ގޮތުގައި އަހުގެ މަސް ވިއްކި މައްސަލައެއް ދާދިފަހުން ޔޫރަޕްގައި ވެސް ފެންމަތިވި އެވެ.