05 May 2013, 09:41
ކުއާލަލަންޕޫރު (މޭ 5): މެލޭޝިޔާގައި މިއަދު ފެށިފައިވާ ޢާންމު އިންތިޚާބުގައި ވެރިކަންކުރާ 'ޔުނައިޓެޑް މެލޭސް ނެޝަނަލް އޮގަނައިޒޭޝަން'"އުމްނޯ" އާއިއިދިކޮޅު ކޯލިޝަނަށް ވެސް ތާއީދު އޮތީ ދާދި އެއް ހަމައެއްގައި ކަމަށާއި ފަހަރުގައި "އުމްނޯ"ގެ މައްޗަށް ކުޑަތަފާތަކުން އިދިކޮޅު ކޯލިޝަން ކާމިޔާބު ހޯދުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް އެންމެ ފަހުގެ ޚިޔާލު ހޯދުމުގެ ސަރވޭއިން ހާމަވެއްޖެ އެވެ.
މިރްޑިކާ މަރުކަޒުން ކުރި މިސާވޭގެ ނަތީޖާ ދައްކާގޮތުން މެލޭޝިޔާގެ ޕާލަމެންޓްރީ އިންތިޚާބުގައި "އުމްނޯ"އަށް ލިބޭނެ ކަމަށް ބެލެވިފައި ވަނީ ޕާލަމެންޓްގެ 85 ގޮނޑި އެވެ. އިދިކޮޅު ކޯލިޝަނަށް 89 ގޮނޑި އެވެ. ނަމަވެސް އެހެން ސާވޭތަކުގެ ނަތީޖާ މިއާ ކުޑަކޮށް ތަފާތުވެ ކުޑަތަފާތަކުން "އުމްނޯ" ކާމިޔާބު ކުރާނެކަން ހާމަވެފައިވެ އެވެ. ބާކީ ގޮނޑިތައް އެހެން ޕާޓީތަކަށާއި އަދި މުސްތަޤިއްލު ފަރާތްތަކަށް ބެހިގެންދާނެތީ މީގެތެރެއިން އެންމެ ގިނަގޮނޑި ކާމިޔާބު ކުރާނެ ފަރާތްތައް ދެނެގަތުން ވަނީ އުނދަނގޫ ކަމަކަށް ވެފަ އެވެ. އިދިކޮޅު ކޯލިޝަންގެ ލީޑަރަކީ ކުރީގެ ބޮޑުވަޒީރުގެ ނައިބު އަންވަރު އިބްރާހީމެވެ. އޭނާއަކީ ވެސް ކުރިން "އުމްނޯ" އަށް ނިސްބަތްވެ ވަޑައިގެންނެވި ބޭފުޅެކެވެ.
ނަމަވެސް ކުރީގެ ބޮޑުވަޒީރު މަހާތީރު މުޙައްމަދާ އަންވަރާ ދެމެދު ޚިޔާލު ތަފާތުވެ ދެބޭފުޅުން ހަތުރުންނަށް ވުމުން އަންވަރު ވަނީ އިދިކޮޅު ކޯލިޝަންގެ ލީޑަރަށް ވެވަޑައިގެންފަ އެވެ. ތިން ޕާޓީ އެކުލެވޭ މެލޭޝިޔާގެ އިދިކޮޅު ކޯލިޝަން ބޮޑުވެ ފުޅާވެ ވަރުގަދަ ވެފައި ވަނީ އަންވަރުގެ ޒަޢާމަތުގަ އެވެ. މެލޭޝިޔާގެ ޕާލަމެންޓްގައި ހިމެނޭ 222 ގޮނޑީގެ ތެރެއިން މިހާރު 135 ގޮނޑި ކޮންޓްރޯލް ކުރަނީ އުމްނޯ އިންނެވެ. "އުމްނޯ" އަކީވެސް ހަޤީޤަތުގައި ކޯލިޝަންއެކެވެ. އިދިކޮޅު ކޯލިޝަނުން ކޮންޓްރޯލް ކުރަނީ އެންމެ 75 ގޮނޑި އެވެ. (ބީ.ބީސީ)