ވާހަކައަކީ، ކީރިތި ރަސޫލާ މުހައްމަދު (ސައްލަﷲ އަލައިހި ވަސައްލަމް)، މާތް ﷲގެ އަމުރުފުޅަށް އިސްލާމްދީނަށް ގޮވާލެއްވުމުގެ މަސައްކަތް ފެއްޓެވި ދުވަސްކޮޅުގެ ވާހަކައެކެވެ.

އެއީ މީގެ 1400 އަހަރު ކުރީގެ ވާހަކައެކެވެ.

ކީރިތި ރަސޫލާ (ސައްލަﷲ އަލައިހި ވަސައްލަމް)ގެ މަސައްކަތަށް ހުރަސް އެޅުމަށް ގުރައިޝް ވަންހައިގެ މުޝްރިކުން ނުކުތް އިރު، އެމީހުންގެ އެންމެ ކުރީގައި ހުރި އެއް ފަހުލަވާނަކީ އުމަރު ބިން ހައްތާބެވެ.

އިސްލާމްދީނާ މެދު އޮތް ނަފުރަތާއި ރުޅިވެރިކަން އިތުރުވެގެން ގޮސް، އެންމެ ފަހުން އުމަރު ބިން ހައްތާބު ނިންމީ އިސްލާމީ ފިކުރު ނެއްތާލުމަށް ޓަކައި ކީރިތި މާތް ރަސޫލާ މުހައްމަދުގެފާނު އަވަހާރަކޮށްލުން ނޫން ގޮތެއް ނެތް ކަމަށެވެ.

ކީރިތި ރަސޫލާ އަވަހާރަކޮށްލުމަށް ނިންމައި ކަނޑިއެއް ހިފައިގެން ދަނިކޮށް އެކަލޭގެފާނާ ދިމާވަނީ ނުއައިމް ބިން އަބްދުﷲ އާ އެވެ. ރަސޫލާ އަވަހާރަކޮށްލަން އުޅޭ ކަމުގެ ހަބަރު ނުއައިމް ބިން އަބްދުﷲއަށް ދިނުމުން، ނުއައިމް އުމަރު ބިން ހައްތާބަށް ބުނަނީ މުޅި ގަބީލާގެ ކަންކަން އިސްލާހުކުރަން ނުކުތުމުގެ ކުރިން އަމިއްލަ ގޭގެ ކަންކަން އިސްލާހުކުރުމަށެވެ.

ނުއައިމް ބިން އަބްދުﷲއާ ސުވާލުކުރުމުން، އުމަރު ބިން ހައްތާބުގެ ކޮއްކޮ ފާތިމާ އިސްލާމްދީން ގަބޫލުކުރައްވާފައިވާ ކަމުގެ ހަބަރު ދިނެވެ.

މިއާ އެކު، ގަދަ ރުޅިއާ އެކު ފާތިމާގެ ގެކޮޅަށް ދިޔަ އިރު، ފާތިމާ އިންނެވީ ކީރިތި ގުރުއާން ކިޔަވައިވިދާޅުވުމަށެވެ. އަދި އިސްލާމްވީތޯ ސުވާލުކުރުމުން ފާތިމާ ދެއްވި ޖަވާބުގެ ސަބަބުން އައި ރުޅީގައި ފާތިމާގެ ގައިކޮޅުގައި ޖަހަ އެވެ.

ދެވަނަ ފަހަރަށް ޖެހުމަށް އަތް އުފުލައިލުމާ އެކު، ފާތިމާގެ ގައިކޮޅުން އޮހެރެމުން ދިޔަ ލޭފޮދު ފެނި، މަޑުމައިތިރި ވި އެވެ. އަދި ތި ކިޔަވަނީ ކޯންޗެއްތޯ ސުވާލުކޮށް، އެ ކިޔަވާ އެއްޗެއް ދެއްކުމަށް އެދުނެވެ.

ފާތިމާ ކިޔަވަން އިންނެވި ގުރުއާނުގެ އާޔަތްތައް އުމަރު ބިން ހައްތާބަށް ދެއްވުމުން، އެ އާޔަތްތަކަށް ބަލައި، އޭގައިވާ ތެދުވެރިކަމާ ހަގީގަތް އެނގުމުން ނިންމީ އިސްލާމް ވުމަށެވެ.

ކީރިތި ރަސޫލާ (ސައްލަﷲ އަލައިހި ވަސައްލަމް) އަވަހާރަކޮށްލަން ނުކުތް ނުކުތުން ނިމިގެން ދިޔައީ އުމަރު ބިން ހައްތާބު އިސްލާމް ވެވަޑައިގެންނެވެ.

މިވާހަކައިގެ ބާކީ ބަޔަކީ އިސްލާމީ ތާރީހުގައި ރަން އަކުރުން ފަވާލެވިފައިވާ ވާހަތަކެކެވެ.

ތާރީހު އެކި ގޮތް ގޮތަށް، އެކި ފަހަރު އިޔާދަވެގެންދެ އެވެ.

ތަނަކީ ހަމަ މައްކާ އެވެ. ހަމައެކަނި ތަފާތަކީ، 1400 އަހަރު ފަހުން އައިސްފައިވާ އުމްރާނީ ތަރައްގީއާ އެކު އިމާރާތްތައް ބަދަލުވެގެން ގޮސްފައިވާ ކަމެވެ. މީހުންގެ މާލީ ފުދުންތެރިކަމާ ގުޅިގެން މީހުންގެ ގައިދޮރު މައްޗަށް އައިސްފައިވާ ބަދަލުތަކެވެ.

މިދިޔަ ހަފުތާގެ ތެރޭގައި މައްކާއަށް ޒިޔާރަތްކުރެއްވީ ހުލަފާއުއްރާޝިދޫންގެ ދެވަނަ ހަލީފާ އުމަރުގެފާނު އިސްލާމްވީ ގޮތުގެ ވާހަކައާ އެއްގޮތް ތަޖުރިބާތަކެއް ކޮށްފައިވާ ނެދަލެންޑްސްގެ ރައްޔިތެކެވެ.

އާނޫޑް ވެން ޑޫން އަކީ ނެދަލެންޑްސްގެ ތައުލީމީ އަދި މަތީ ފެންވަރުގެ އާއިލާއަކަށް ނިސްބަތްވާ، އަދި އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުކަން ކުރައްވަމުން ވަޑައިގަންނަވާ ބޭފުޅެކެވެ. އަދި މީގެ އަހަރުތަކެއް ކުރިން ނެދަލެންޑްސްގެ މަޝްހޫރު ފްރީޑަމް ޕާޓީގެ ނައިބު ރައީސް ކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

ފްރީޑަމް ޕާޓީ އަކީ ނެދަލެންޑްސްގައި އިސްލާމްދީނާ މެދު ފިތުނައާއި ހަސަދަވެރިކަން، އެއްވެސް ފޮރުވުމެއް ނެތި ފަތުރަމުންދާ ޕާޓީއެކެވެ. އަދި އިސްލާމްދީން ނެދަލެންޑްސްއިން ފޮހެލުމަށް މަސައްކަތްކުރާ ޕާޓީއެކެވެ.

ބައެއް ތަޖުރިބާކާރުން ދެކޭ ގޮތުގައި ފްރީޑަމް ޕާޓީއަކީ ދެވަނަ ބޮޑު ހަގުރާމައަށް ފަހު ޔޫރަޕުގައި ފެނިގެން ގޮސްފައި ނުވާ މިންވަރަށް ރުޅިވެރިކަމާއި ފިތުނަ އުފައްދަން މަސައްކަތްކުރާ ޕާޓީއެކެވެ.

ކީރިތި ރަސޫލާ މުހައްމަދު (ސައްލަﷲ އަލައިހި ވަސައްލަމް) އަށް ފުރައްސާރަކޮށް އުފެއްދި ފިލްމު "ފިތުނަ" އުފެއްދުމުގައި ފްރީޑަމް ޕާޓީއިން އެހީވިއިރު، އާނޫޑު ވެން ޑޫން އަކީ މިފިލްމު ދުނިޔޭގެ އެކިކަންކޮޅުތަކަށް ފޮނުވުމަށް އެހީވި މީހެކެވެ.

މިހާރު އާނޫޑު ވެން ޑޫން އަކީ މުސްލިމެކެވެ.

"އަހަރެން އިސްލާމްވީ ގޮތުގެ ވާހަކައަކީ އެހާ މޮޅު ވާހަކައެއް ނޫން" އާނޫޑް ވެން ޑޫން ވިދާޅުވި އެވެ.

"ފިތުނަ" ފިލްމާ ހެދި މުސްލިމުންގެ މެދުގައި އުފެދުނު ދެކޮޅުވެރިކަމާ، އެފިލްމާ ދެކޮޅަށް ކުރެވުނު މުޒާހަރާތަކަށް ފަހު، ވެން ޑޫން ނިންމީ އިސްލާމްދީނާ ބެހޭ ގޮތުން އިތުރު މައުލޫމާތު ހޯދުމަށެވެ.

މިގޮތުން ކީރިތި ގުރުއާނާއި ރަސޫލާގެ ހަދީސްތަކާއި ކީރިތި މާތް ރަސޫލާގެ ސިޔަރަތު އޭނާ ދިރާސާކުރި އެވެ.

މިހުރިހާ ކަމަކަށް ފަހު، އިސްލާމްދީނަކީ ކުރިން ވެން ޑޫން ހީކުރި ހީކުރުންތަކާ މުޅިން ތަފާތު ދީނެއް ކަން އެނގުމުން، އޭނާ ނިންމީ އިސްލާމް ވުމަށެވެ.

ވެން ޑޫން ވިދާޅުވި ގޮތުގައި އޭނާ ކުރިން އިސްލާމްދީނާ މެދު ގެންގުޅެފައިވާ ވިސްނުމަކީ މީގެ 15 ނުވަތަ 10 ވަރަކަށް އަހަރު ކުރިން މީޑިއާގެ ތެރޭގައި އިސްލާމްދީނޭ ކިޔައިގެން ފަތުރަމުންދާ ވާހަކަތައް ކަމަށެވެ. އެވާހަކަތައް ގަބޫލުކޮށް، އިސްލާމްދީނަކީ އަނިޔާވެރި ދީނެއްގެ ގޮތުގައި އޭނާއަށް ސިފަކުރެވުނު ކަމަށް ވެން ޑޫން ވިދާޅުވެ އެވެ.

ކެނެޑާގައި މަސައްކަތްކުރާ ކެނެޑާ ދާވާ އެސޯސިއޭޝަންގެ އެހީގައި އިސްލާމްވުމަށް ފަހު، ވެން ޑޫން ވަނީ މިދިޔަ ހަފުތާގައި ސައުދީ އަރަބިއްޔާއަށް ޒިޔާރަތްކޮށް އުމްރާގެ އަޅުކަމުގައި ބައިވެރިވެފަ އެވެ. މައްކާގެ އިތުރުން ވެން ޑޫން ވަނީ މަދީނާގައި ހުންނަ ރަސޫލާގެ މިސްކިތް ކަމަށްވާ މަސްޖިދުއްނަބަވީ އަށް ވެސް ޒިޔާރަތްކޮށްފަ އެވެ.

ވެން ޑޫންގެ ދަތުރުގައި އޭނާ ވަނީ މަސްޖިދުލް ނަބަވީ އަދި މިސްޖިދުލް ހަރަމްގެ އިމާމު އަދި އެ ދެ ހަރަމްފުޅު ބެލެހެއްޓުމުގެ އެންމެ އިސް ވެރިޔާ ކަމަށްވާ ޝެއިހު އަބްދުއްރަހުމާން އައްސުދެއިސްއާ ބައްދަލުކުރައްވާފަ އެވެ. އަދި އިސްލާމްވުމުގެ ކުރިން އިސްލާމްދީނާ މެދު ނަފްރަތު އުފެއްދުމަށް ކުރި މަސައްކަތަށާއި ރަސޫލާއަށް މަލާމާތްކުރާ ފިލްމު "ފިތުނަ" ބެހުމުގައި ކުރެވުނު މަސައްކަތްތަކަށް ޓަކައި އޭނާ ވަނީ މުސްލިމުންގެ ކިބައިން މައާފަށް އެދި ތައުބާވެފަ އެވެ.

އަދިވެސް ނެދަލެންޑްސްގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ވެން ޑޫން ވަނީ ކީރިތި ރަސޫލާ މުހައްމަދު (ސައްލަﷲ އަލައިހި ވަސައްލަމް)ގެ ހަޔާތްޕުޅު ދައްކުވައިދޭ، އަދި އިސްލާމްދީނުގެ ހަގީގަތް އަންގައިދޭ ފިލްމެއް އުފެއްދުމަށް މަސައްކަތްކުރާނެ ކަމަށް ވިދާޅުވެފަ އެވެ.

އިސްލާމް ދީން ނައްތައިލުމަށް ވެން ޑޫން ފެށި މަސައްކަތް ނިމިގެން ދިޔައީ އެ މަސައްކަތް ނެތިގެން ގޮސް ވެން ޑޫން އިސްލާމް ވެގެންނެވެ.