24 Oct 2010, 11:55
ހއ. ފިއްލަދޫ ގޭ ގޭގެ ކޮޓަރިތަކާއި ގިފިލިތަކުގައި ކެމެރާ ހަރުކޮށް ޒުވާން އަންހެން ކުދިންގެ ބަރަހަނާ މަންޒަރުތަކާއި ދެމަފިރިކަމުގެ ގުޅުންތައް ރިކޯޑު ކުރަމުންދިއުމުގެ ތުހުމަތުގައި ހައްޔަރު ކުރި ތިން މީހުން ތަހުގީގަށް ފަހު ދޫކޮށްލައިފި
ފުލުހުންގެ މީޑިއާ އޮފިޝަލު، ސަބް އިންސްޕެކްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވީ އެ ތިން މީހުން ދޫކޮށްލީ މިއަދު ކަމަށާއި އެ މީހުން ދޫކޮށްލީ ތަހްގީގު ފުރިހަމަ ކުރުމަށް ފަހު އެ މީހުން އިތުރަށް ބަންދުގައި ބޭތިއްބުމަށް ގާޒީ އަށް ފެނިވަޑައިނުގަތުމުން ކަމަށެވެ.
ފިއްލަދޫ ގޭ ގޭގެ ގިފިލިތަކުގައި ކުޑަ ކެމެރާ ޑިވައިސްއެއް ހަރުކޮށްގެން މީހުންގެ ބަރަހަނާ މަންޒަރުތައް ރިކޯޑު ކުރަމުންދިޔަ ކަމަށް ބުނެ، ބަޔަކު ކުރި ރިޕޯޓަކާ ގުޅިގެން، މި މަހު ކުރީ ކޮޅު ހައްޔަރުކުރީ އެ ރަށު ވީސަންގޭ އަބްދުއްރަހުމާން ޝަރީފާއި ރައީބީއީމަންޒިލް އަހުމަދު ޝަހީމާއި ވޮޝިންޓަން ހައުސް އަހުމަދު ވަހީދެވެ.
ހައްޔަރު ކުރި ތިން މީހުންނަކީ ވެސް އެ ރަށުގެ އިންޖީނުގޭގައި މަސައްކަތްކުރާ ތިން މީހުންނެވެ.
އެ ރަށު މީހަކު ބުނީ ރަށުގެ ގޭ ގޭގެ ކޮޓަރިތަކާއި ފާހާނާ އާއި ގިފިލިތަކުގައި އެ މީހުން ކެމެރާ ހަރު ކުރަނީ ކަރަންޓް ރީޑީން ނަގަން ވަންނަ ވަގުތުތަކުގައި ކަމަށާއި އެ ގޮތަށް ވަދެ އެމީހުން ބޭނުންވާ ގެއެއްގެ ވަކި ތަނެއްގައި ތިން ހަތަރު ދުވަސް ވަންދެން ޑިވައިސް ހަރުކޮށްގެން އުޅޭ ކަމަށެވެ.
އެއްހާހަށް ވުރެ ގިނަ މީހުން އުޅޭ ފިއްލަދޫގައި 200 އެއްހާ ގެ ހުރެ އެވެ. އެ ރަށުގެ ބައެއް މީހުން ކުރިން ބުނެފައި ވަނީ، ގާތްގަނޑަކަށް ހުރިހާ ގެއެއްގައި ކަހަލަ ގޮތަކަށް އެމީހުން ކެމެރާ ހަރުކުރި ކަމަށާއި އެކަން ފަޅާއަރައި ތިން މީހުން ހައްޔަރު ކުރުމުން ވަރަށް ގިނަ ބަޔަކަށް ނަފުސާނީ ގޮތުން އަސަރުކޮށްފައިވާ ކަމަށެވެ.