ފުޅާދާއިރާއެއްގައި ރާއްޖޭގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހެއްކަމަށް ފުލުހުން ބުނާ ހ. ރީދޫގޭ އާދަމް ނަސީރު އަބޫބަކުރުގެ އަތުން ފުލުހުން އަތުލި ގިނައަދަދެއްގެ ފައިސާ އާއި އެހެނިހެންތަކެތި އޭނާއާ ހަވާލުކުރުމަށް ސިވިލް ކޯޓުން ހުކުމް ކޮށްފި އެވެ.

ސިވިލް ކޯޓުން އެ ހުކުމް ކުރި އިރު އޭގެތެރެއިން ބައެއް ފައިސާ ފުލުހުން ވަނީ މިދިޔަ މަހުގެ ތެރޭގައި އޭނައާ ހަވާލުކޮށްފަ އެވެ.

ސިވިލް ކޯޓުން އެ ހުކުމް ކުރީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

ސިވިލް ކޯޓުގެ ހުކުމާ ގުޅިގެން އެއްމަސް ދުވަހުގެ ތެރޭގައި އޭނާއާ ހަވާލުކުރަން ޖެހޭ ތަކެތީގެ ތެރޭގައި ގިނަ އަދަދެއްގެ ޑޮލަރާއި ރުފިޔާގެ އިތުރުން ލެޕްޓޮޕަކާއި ޗެކްފޮތްތަކަކާއި ކްރެޑިޓް ކާޑްތަކެއް ވެސް ހިމެނެއެވެ.

ވިޔަފާރި ކުރުމަށް މަސްތުވާތަކެތި ގެންގުޅުނު ކަމަށް ބުނެ ދައުލަތުން އޭނާގެ މައްޗަށް ކުރި ދައުވާ ސާބިތު ނުވާކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައިކޯޓުން ވެސް ވަނީ ތާއީދު ކޮށްފަ އެވެ.

އާދަމް ނަސީރުގެ ގެއިން 5.5 މިލިއަނަށްވުރެ ގިނަ ރުފިޔާ ފުލުހުން ހޯދިއިރު އެ ފައިސާތަކަކީ މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން އޭނާ ހޯދި ފައިސާއެއްކަން ސާބިތު ކުރެވޭނެ އެއްވެސް ހެއްކެއް ހޯދިފައެއް ނުވެއެވެ.