ގޫގްލްގެ ފަލަސްތީނު އެޑިޝަންގެ ހޯމްޕޭޖުގައިވާ ޓެގްލައިން "ޕަލެސްޓައިން" ނުވަތަ "ފަލަސްތީން" އަށް ގޫގްލްއިން ބަދަލުކޮށްފި އެވެ.

މީގެ ކުރިން މިޕޭޖުގައި ގޫގްލް އިން ބޭނުންކޮށްފައިވާ ޓެގްލައިނަކީ "ޕަލެސްޓީނިއަން ޓެރިޓަރީސް" ނުވަތަ "ފަލަސްތީނުގެ ސަރަހައްދުތައް" އެވެ.

މިި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ގޫގްލް އިން ގެނައި މިބަދަލާ އެކު ގޫގުލްގެ ލޯގޯ ނުވަތަ ނަމުގެ ދަށުގައި އަރަބިންނާއި އިނގިރޭސިން ދެން ފެނިގެންދާނީ "ފަލަސްތީން" މިލަފުޒެވެ.

"ފަލަސްތީނު" ކިޔުމަކީ އިޒްރޭލުން ދެކޮޅު ހަދާ ކަމެކެވެ. އިޒްރޭލުން ބުނީ ފަލަސްތީނުގެ ސަރަހައްދީ ރޮނގުތައް އަދި ކަނޑައެޅިފައި ނުވާތީވެ، އެއް ނަމެއް ނުކިޔޭނެ ކަމަށެވެ. އޭގެ ބަދަލުގައި "ފަލަސްތީނުގެ ސަރަހައްދުތައް" ބޭނުންކުރުމަށް އިޒްރޭލުން ބާރު އަޅަ އެވެ.

މިދިޔަ ނޮވެމްބަރު މަހުގެ އދއިން ވަނީ ފަލަސްތީނަށް "ނޮން މެމްބާ އޮބްޒާވާ ސްޓޭޓް" ނުވަތަ އޮބްޒާވާ ދައުލަތެއްގެ ދަރަޖަ ދީފަ އެވެ. ނޮވެމްބަރުގެ ކުރިން ފަލަސްތީނުގެ ދަރަޖައަކީ "އޮބްޒާވާ އެންޓިޓީ"ގެ ދަރަޖަ އެވެ.

ގޫގްލްއިން ބުނީ "ޕަލެސްޓީނިއަން ޓެރިޓަރީސް"ގެ ބަދަލުގައި "ޕަލެސްޓައިން" ގޫގްލްގެ ހުރިހާ ޕްރޮޑަކްޓެއްގައި ވެސް މީގެ ފަހުން ބޭނުންކުރަން ނިންމާފައިވާ ކަމަށެވެ. އަދި މިބަދަލު ގެނެސްފައި ވަނީ އދ. އާއި އައިކެން (ދަ އިންޓަނެޓް ކޯޕަރޭޝަން ފޯ އެސައިންޑް ނޭމްސް އެންޑް ނަމްބާސް) އާއި އައިއެސްއޯ (އިންޓަނޭޝަނަލް ސްޓެންޑާޑްސް އޯގަނައިޒޭޝަން) ފަދަ ބައިނަލްއަގުވާމީ އޯގަނައިޒޭޝަންތަކުގެ ނިންމުންތަކަށް ބެލުމަށްފަހުގައި ކަމަށް ގޫގްލް އިން ބުނެ އެވެ.

ފަލަސްތީނުގެ ސަރުކާރުން ވަނީ ގޫގްލްގެ މިނިންމުމަށް މަރުހަބާ ކިޔާފަ އެވެ.