އެމްޑީޕީ ސަރުކާރެއްގައި ދިވެހި މަސައްކަތްތެރީނާ މެދު ގެންގުޅޭނެ ސިޔާސަތުތައް ރާއްޖޭގެ 21 ރަށެއްގައި މިއަދު އިފްތިތާހްކޮށްފި އެވެ.

މިއަދު ހަވީރު މައްޗަންގޮޅި އުތުރު ޖަގަހައިގައި ބޭއްވި ރަސްމިޔާތުގައި މާލެގައި އެ ސިޔާސަތު އިފްތިތާހްކޮށްދެއްވީ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމެވެ. އެ ރަސްމިޔާތުގައި އަސްލަމް ވިދާޅުވީ އެމްޑީޕީން މިއަދު އިފްތިތާހު ކުރި މަސައްކަތްތެރިންގެ ސިޔާސަތުގެ ތެރޭގައި އެމްޑީޕީ ސަރުކާރެއްގައި މަސައްކަތްތެރީން އުފެއްދުމަށް ތަމްރީން ޕްރޮގުރާމްތައް އިތުރުކުރުމާއި ވަޒީފާގެ ފުރުސަތު އިތުރުކޮށްދިނުމާއި އަދި މަސައްކަތްތެރިންގެ ހައްގުތައް ރައްކާތެރިކުރުމަށް ކުރަން ޖެހޭ ކަންކަން ހިމެނޭނެ ކަމަށެވެ.

އެގޮތުން 34000 ވަޒީފާގެ ފުރުސަތު މުޅިރާއްޖެ އަށް ހުޅުވާލާނެ ކަމަށް އެމްޑީޕީގެ ސިޔާސަތުގައި އެކުލެވިގެންވާ ކަމަށާއި އަދި ވަޒީފާ ހޯދުމަށް ފަސޭހައިން މަގުފައިވާނެ ގޮތަށް ހަމަ ޖެއްސުމަށް ރާއްޖޭގެ އެކި ހިސާބުތަކުގައި "ޖޮބް ސެންޓަރު"ގާއިމުކުރުން ވެސް އެ ސިޔާސަތުގެ ތެރޭގައި ހިމެނޭ ކަމަށް އަސްލަމް ފާހަގަކުރެއްވެވި އެވެ.

ްމަސައްކަތްތެރީންގެ ސިޔާސަތު އިފްތިތާހް ކުރުމަށް ފަހު އެ ސިޔާސަތުތަކާ ބެހޭ ގޮތުން އާންމު ކުރި ސުވާލުތަކަށް ޖަވާބުދިނުން ވެސް މިއަދު ކުރިއަށްގެންގޮސްފައިވެ އެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު މުހައްމަދު ނަޝީދު މަސަކަތްތެރީން ސިޔާސަތު އިއްފިތިތާހު ކޮށްދެއްވީ ގދ. ތިނަދޫގައި ބޭއްވި ރަސްމިޔާތުގަ އެވެ. އެމްޑީޕީން ވަނީ އެ ޕާޓީގެ ރިޔާސީ މެނިފެސްޓޯގައި އެކުލެވޭ މެރިކަލްޗާ ސިޔާސަތާއި ގެސްޓްހައުސް ފިޔަފާރި ސިޔާސަތު އިފްތިތާހްކޮށްފަ އެވެ.