އިންޑިއާ ކަނޑުގެ ސަރަހައްދުގައި އެންމެ ގިނައިން ވަގަށް މަސްވެރިކަން ކުރަނީ ސްރީލަންކާގެ އުޅަނދުތަކުން ކަމަށް ތިމާވެށީގެ ރައްކާތެރިކަމަށް ވަކާލާތުކުރާ "ގްރީންޕީސް" އިން ބުނެފި އެވެ.

ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ގްރީންޕީސް އިން ބުނީ އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައިއޯޓީސީ)ގެ މެމްބަރުން، އިންޑިއާ ކަނޑުގައި މަސްވެރިކަންކުރާ އުޅަނދުތައް ކޮންޓްރޯލްކުރުމުގައި ފެއިލްވެފައިވާ ކަމަށާއި މިކަމުގެ ސަބަބުން އިންޑިއާ ކަނޑުގައި ވަގަށް މަސްވެރިކަން ކުރާ މިންވަރު އިތުރުވެގެން ގޮސްފައިވާ ކަމަށެވެ.

ގްރީންޕީސް އިން ބުނީ އެ ޖަމިއްޔާގެ އުޅަނދެއް ކަމަށްވާ "އެސްޕެރެންޒާ" ދަނީ އިންޑިއާ ކަނޑުގައި މަސްވެރިކަން ކުރަމުންދާ އުޅަނދުތައް މޮނިޓާކުރަމުން ކަމަށާއި މޮނިޓާކުރުމުގެ ތެރޭގައި ޗާގޮސް (ފޯޅަވަހި)ގެ ވަށައިގެންވާ ކަނޑުގެ ސަރަހައްދުގައި ލަންކާގެ މަސްބޯޓުތައް ވަގަށް މަސްވެރިކަން ކޮށްފައިވާ ކަމަށެވެ.

މިގޮތުން މާޗު މަހުގެ 24 ވަނަ ދުވަހު އެކަނި ވެސް ފޯޅަވަހީގެ ހިމާޔަތްކުރެވިފައިވާ ކަނޑުގެ ސަރަހައްދުގެ ތެރޭގައި ލަންކާގެ ހަތް އުޅަނދަކުން މަސްވެރިކަން ކޮށްފައިވާ ކަމަށާއި މިކަންކަން ލަންކާގެ ކަމާ ބެހޭ އިދާރާތަކަށް ރިޕޯޓުކޮށްފައިވާ ކަމަށް ގްރީންޕީސްއިން ބުނެ އެވެ.

މޮރިޝަސްގައި މަސައްކަތްކުރާ ގްރީންޕީސް އިންޓަނޭޝަނަލްގެ ކެމްޕެއިނަރެއް ކަމަށްވާ ސާރީ ޓޮލްވަނެން ވިދާޅުވީ ލަންކާގެ ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކުގެ ސަބަބުން ވަގަށް މަސްވެރިކަން ކުރާ އުޅަނދުތަކަށް ވަރަށް ފަސޭހައިން އެކަން ކުރެވޭ ކަމަށެވެ.

"ސްރީލަންކާގެ އުޅަނދުތަކުން ގަވާއިދާ ހިލާފަށް ކުރާ މަސްވެރިކަން ހުއްޓުވުމަށްޓަކައި ލަންކާގެ ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ. ގަވާއިދާ ހިލާފަށް ބާނާ މަސް ލަންކާ އަށް ވެއްދެނީ ބާނާ މަސްތައް ޗެކުކޮށް، މަސްބޭނި އުޅަނދުތައް ޗެކްކުރެވޭނެ އުސޫލުތަކެއް ނެތުމުން." ޓޮލްވަނެން ވިދާޅުވި އެވެ.

ގްރީންޕިސް އިން ބުނީ މިއަންނަ ހަފުތާގައި މޮރިޝަސްގައި ކުރިއަށްދާ އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައިއޯޓީސީ)ގެ ބައްދަލުވުމުގައި ގުރީންޕީސްގެ ހޯދުންތައް ހުށަހަޅާނެ ކަމަށެވެ.