ށ. ނަރުދޫން ހދ. ކުޅުދުއްފުށްޓަށް ލޯންޗެއްގައި ގެންދިޔަ މީހަކު އެމްބިއުލާންސް ލަސްވުމުން ފުޅުތެރޭގައި އޮތް ލޯންޗު ތެރެއަށް ވިހައިފި އެވެ.

ސަންގެ އެފިލިއޭޓެޑް ޕާޓްނާ، ކުޅުދުއްފުށީ އޮންލައިނުން ބުނީ އިއްޔެ ހަވީރު ނަރުދޫން އެމަޖެންސީކޮށް ކުޅުދުއްފުއްޓަށް ގެންދިޔަ މީހާ ލޯންޗުތެރެއަށް ވިހޭއީ އެއްވެސް ސިއްހީ އެހީތެރިއަކާ ނުލައި ކަމަށެވެ. އަދި ނަރުދޫން އަންހެން މީހާ ފޮނުވާލި އިރު ވެސް އެއްވެސް ސިއްހީ އެހީތެރިއަކު ފޮނުވާފައިނުވާ ކަމަށް ވެސް ކުޅުދުއްފުށީ އޮންލައިނުން ބުންޏެވެ.

ނަމަވެސް އެކަން ނަރުދޫން ދޮގުކުރެ އެވެ. އެ ރަށުން ބުނީ އެ މާބަނޑު މީހާ ކުޅުދުއްފުއްޓަށް ފޮނުވީ ސިއްހީ އެހީތެރިއެކާ އެކު ކަމަށެވެ.

އަންހެން މީހާ ލޯންޗު ތެރެއަށް ވިހެއީ އެހީތެރިއެއްގެ ގޮތުގައި އޭނާ ގޮވައިގެން ކުޅުދުއްފުށްޓަށް ދިޔަ، އެ އަންހެންމީހާގެ ކޮއްކޮ އާއި ދައްތަގެ އެހީތެރިކަމާ އެކު ކަމަށް އުޅުދުއްފުށީ އޮންލައިނުން ބުންޏެވެ. އަދި އެ އަންހެންމީހާ ވިހެއީ ފިރިހެން ކުއްޖެއް ކަމަށާއި ދެ މައިންގެ ހާލު ވެސް ރަނގަޅު ކަމަށްވެ އެވެ.

ކުޅުދުއްފުށިން މައުލޫމާތު ދިން މީހަކު ބުނީ ކުއްލި ގޮތަކަށް ނަރުދޫއިން ކުޅުއްފުށްޓަށް ގެނައި އަންހެން މީހާ ބަލައި ހޮސްޕިޓަލުގެ އެމްބިއުލާސް ލޯންޗު ކައިރިއަށް ދިޔައީ 30 މިނިޓް ފަހުން ކަމަށެވެ.

"ކުޅުދުއްފުއްޓަށް ފޮނުވާލަމުން ވެސް ރަށުން ގުޅި އެ ކަމަކު މިތަނަށް އައި އިރު އެމްބިއުލާންސެއް ނެތް. ދެން އަހަރެމެން ހޮސްޕިޓަލަށް ގުޅާ ގުޅާ ފޯނެއް ނުނަގާ. އެތައް އިރަކު ގުޅިފަހުން ހޮސްޕިޓަލުން ފޯނު ނެގީ. އެމްބިއުލާންސަށް އާދެވުނީ ގުޅުނު ފަހުން ބައިގަޑިއިރަށް ވުރެ ގިނަ އިރުވީ ފަހުން. އެމްބިއުލާންސް އައިރު ވިހައިފި،" އަންހެން މީހާގެ އާއިލާއިން ކުޅުދުއްފުށީ އޮންލައިނަށް މައުލޫމާތު ދިން މީހާ ބުންޏެވެ.

ކުޅުދުއްފުށި ހޮސްޕިޓަލް ހިންގެވުމާ ހަވާލުވެ ހުންނެވި އިބްރާހިމް ވަހީދު ވިދާޅުވީ ލޯންޗު ފަޅުތެރެއަށް ވަންނަމުން ގުޅި ކަމަށެވެ. އަދި އެމީހުން އެދުނީ ނަރުހުންނާ އެކު އެމްބިއުލާންސް ފޮނުވުމަށް ކަމަށާއި އޭރު ހއ. ހޯރަފުށިން ކުޅުދުއްފުއްޓަށް ގެންދިޔަ އުމުރުން ދުވަސްވީ ބަލި މީހަކު ބަލާ އެމްބިއުލާންސް ދިޔަ ކަމަށެވެ. އަދި ތިން ނަރުހަކާ އެކު ވީ އެންމެ އަވަހަށް އެމްބިއުލާންސް ފޮނުވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އިބްރާހިމް ވަހީދު ވިދާޅުވީ ބަނދަރާއި ހޮސްޕިޓަލާއި ދޭތެރޭ ފަނަރަވަރަކަށް މިނެޓް ނަގާނެ ކަމަށެވެ. އަދި އެކަމުގައި ހޮސްޕިޓަލުން ކޮށްދެވެން ހުރި އެންމެ ރަނގަޅަށް މަސައްކަތްކޮށްދީފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.