24 Oct 2010, 10:51
ޑީއާރުޕީން ރޭ ފުވައްމުލަކުގައި ބޭއްވި ޖަލްސާއަކާ ދެކޮޅަށް ޝުއޫރު ފާޅުކުރި ދިރާގު މުވައްޒަފަކު ފުވައްމުލަކުން އައްޑުއަށް ފުރިޔަ ނުދީ ހިފަހައްޓައިފި އެވެ.
ފުވައްމުލަކުން މައުލޫމާތު ދިން މީހަކު މިއަދު ނަން ހާމަނުކުރުމަށް އެދި ބުނީ ރޭ ޑީއާރުޕީން ބޭއްވި ބައްދަލުވުމާ ދެކޮޅަށް ޝުއޫރު ފާޅުކުރި މީހާ އައްޑުއަށް ގެންދިއުމަށް ދިރާގުން އަންނަނީ މަސައްކަތް ކުރަމުން ކަމަށާއި ނަމަވެސް އެ ސަރަހައްދަށް އެއްވެ ތިބި މީހުން ދަނީ އޭނާގެ ދަތުރަށް ހުރަސް އަޅަމުން ކަމަށެވެ.
ސަންއެފްއެމް އަށް މައުލޫމާތު ދިން މީހާ ބުނީ އެއްވެފައި ތިބި މީހުން ގޮވަމުން އަންނަނީ ޑީއާރުޕީގެ ޖަލްސާ އާ ދެކޮޅަށް ޝުއޫރު ފާޅުކުރި މީހާގެ މައްސަލަ ބަލަން ޖެހޭނީ ފުވައްމުލަކުގައި ކަމަށެވެ.
"ދިރާގުން އުޅެނީ އޭނަ އައްޑުއަށް ގެންދިއުމަށް. އެއްވެ ތިބި މީހުން ބުނަނީ މައްސަލަ ބަލަން ޖެހޭނީ މި ރަށުއޭ،" ފުވައްމުލަކުން މައުލޫމާތު ދިން މީހާ ބުންޔެވެ.
ދިރާގުގެ މާކެޓިން ކޮމިއުނިކޭޝަންސް އެންޑް ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު މިރުޝަން ހަސަން މިއަދު ވިދާޅުވީ ފުވައްލަމުގައި ހުރި އެ ކުންފުނީގެ މުވައްޒަފަކު "ޖަލްސާއަކާ ދެކޮޅުހަދައިގެން ކަހަލަ ކަމެއް ކޮށްގެން" ބައެއް މީހުން ދިރާގު މުވައްޒަފަކާ މެދު ހިތްހަމަނުޖެހުން ފާޅުކޮށްފައިވާ ކަމަށެވެ.
"ވަޒީފާ އިން ބޭރުން މުވައްޒަފަކު ކުރާ ކަމަކާ ދިރާގުން ޒިންމާއެއް ނުވާނެ. އެމީހުން ހިތްހަމަ ނުޖެހިގެން އުޅެނީ ދިރާގާ މެދަކު ނޫން. މުވައްޒަފަކާ މެދު ކޮންޕްލޭނެއް [ޝަކުވާއެއް] އަތުވެއްޖެ ނަމަ ދިރާގުން އެ މައްސަލައެއް ބަލަމުން ގެންދާނީ،" މިރުޝާން ވިދާޅުވި އެވެ.
ފުލުހުންގެ މީޑިއާ ކޯޑިނޭޓަރު ސަބް އިނިސްޕެކްޓަރު އޮފް ޕޮލިސް އަހުމަދު ޝިޔާމް ވިދާޅުވީ ފުވައްމުލަކު ބަނދަރު ސަރަހައްދަށް ބަޔަކު އެއްވެގެން އުޅޭ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. ނަމަވެސް ހަމަނުޖެހުމެއް ހިނގިކަމުގެ މައުލޫމާތެއް ނުލިބޭ ކަމަށެވެ.