04 May 2013, 13:34
ފިހާރައަކީ އެއަރކޯން ކޮށްފައި ހުރި ފިހާރައެކެވެ. މާލޭ މެދުތެެރޭގައި ހުރި ފިހާރައެކެވެ. އަންހެނުންނާ ގުޅޭ ތަފާތު އެއްޗެހި ވިއްކާ ފިހާރައެކެވެ. ފޮއްޗާއި، ޖަރީގެ ބާވަތްތަކާއި، އެކިކަހަލަ ރީތިވާ ސާމާނެވެ. ފިހާރައިގައި އަބަދުވެސް މީހުން އޮންނަނީ ގާތްގަނޑަކަށް ފުރިފަ އެވެ. ގިނައީ އަންހެނުންނެވެ.
ދާދިފަހުގެ ދުވަހެކެވެ. ތަނަކީ މިދެންނެވި ފިހާރަ އެވެ. ވާހަކައަކީ އެފިހާރައަށް ޒިޔާރަތްކުރި މީހަކު ކިޔައިދިން ވާހަކައެކެވެ. އޭނާވެސް ފިހާރައަށް ޒިޔާރަތްކޮށްލީ އެއްޗެއް ގަނެލާށެވެ. ގޮސް ވަންއިރު އާންމު އުސޫލުން ފިހާރައިގައި ކަސްޓަމަރުން ބައިވަރެވެ. އެހެންނަމަވެސް ކަސްޓަމަރުންގެ އަޑަށްވުރެ ގަދަވެފައި ބާރީ، ފިހާރައިގެ ކޮށިގަނޑުގައި ކަސްޓަމަރުންނަށް ޚިދުމަތްދޭން ތިބި ދެމީހުންގެ އަޑެވެ. ފުރަތަމަ ވާހަކަ ބައްޓަންވަމުން، އެތުރެމުން ދިޔައީ ސަމާސާ ރަހަތަކާއެކު، އެކަކު އަނެކަކަށް ދިމާކުރާ ރާގުގައެވެ. އެހެންކަމުން އަޑު ތަންކޮޅެއް ބާރަށް ހުއްޓަސް ކަސްޓަމަރުންގެ މާބޮޑު ސަމާލުކަމެއް އެކަމަކަށް ނެތެވ
ކަސްޓަމަރުންގެ ސަމާލުކަމުގެ ކަށި އެ ދެސޮރާ ދިމާއަށް ހުއްޓޭ ގޮތްވީ، ކުރަމުން ދިޔަ ސަމާސާ ވިހަވާހެން ހީވުމުންނެވެ. އޭރު އެ ދެސޮރުގެ ވާހަކައިގެ ރާގާއި، ބަހުރުވަ ވެސް ތަފާތުވެއްޖެ އެވެ. އެއީ ފިހާރައެއް ކަމާއި އެތަނުގައި ފުރޭންދެން ކަސްޓަމަރުން ތިބިކަންވެސް ހަނދާން ނެތިއްޖެ އެވެ. އެކަކު އަނެކަކާ ދިމާއަށް ފާޑަކަށް ހަޅޭއްލަވައި، ޒުވާބެއްގެ ސިފަ ޖެހިއްޖެ އެވެ. އޭރު ފައިސާ ދައްކަން އައި މީހުން ކައުންޓަރު ދޮށުގައި، އެމީހުންގެ ޒުވާބު ނިމޭނޭ އިރެއްގެ އިންތިޒާރުގައި މަޑުކޮށްލައިގެން ތިއްބެވެ. އެއްކަލަ ދެ ސޮަރަކަށް މިކަން ކަމަކަށް ނުވެ އެވެ.
އެހެން ދުވަހެކެވެ. އެހެން ފިހާރައެކެވެ. މިފަހަރު މާޓެކެވެ. މާލެއަށް ނަން މަޝްހޫރު މާޓެކެވެ. ކަސްޓަމަރުން ގިނަ ތަނެކެވެ. ކޮށިގަނޑުތަކުގައި ފައިސާއާ ހަވާލުވާން ތިބެނީ، ޒުވާން އަންހެން ކުދިންނެވެ. މިކުދިންގެ މެދުގައި ސަމާސާގެ އޮއިވަރެއް ފެތުރިފައިވާ ވަގުތެކެވެ. ވަރަށް މަޖަލެވެ. ހީނލާފައި ހުއްޓެވެ. ކަސްޓަމަރަކާއި ކަސްޓަމަރެކެވެ. މިވެރީން މުޅީން އެހެން ދުނިޔެއެއްގަ އެވެ. ސަމާސާއާއި މަޖަލުގެ ދުނިޔެއްގަ އެވެ. ކަސްޓަމަރުންނަށް ޖެހުނީ ކިޔު ހަދައިގެން އެވެރީން، އެވެރީންގެ ދުނިޔެއިން ނިކުންނާނޭ އިރަކަށް އިންތިޒާރުކޮށްގެން ތިބޭށެވެ.
މިފަހަރު ކެފޭއެކެވެ. ހަލަބޮލި މާޙައުލެކެވެ. މޭޒުދޮށުގައި ޖައްސާލައިފީމެވެ. ކެފޭގައި ހުރީ ކޭބަލްޓީވީ އަޅުވާފައެވެ. ދައްކަނީ ކްރިކެޓެވެ. ވޭޓަރުން ތިބީ އޭގެ ފޯރީގައި ޖެހި ހުސްވެފައެވެ. ވަގުތުތައް ގުނެމުންދެ އެވެ. ފަސްމިނެޓް ވެއްޖެ އެވެ. އެންމެފަހުން ޖެހުނީ ގޮވާށެވެ. ކަހާތަން ހިރުވައިލީވެސް ތިންހަތަރު ފަހަރު ގޮވުމުންނެވެ. އަތުވެއްޖެ އެވެ. ކޮފީއަށް އޯޑަރު ދިނުމުން ކޮފީ ގެނެސްފި އެވެ. އެ ނިމުނީ އެވެ. ކޮފީތަށި ހުސްވެއްޖެ އެވެ. ފެނެއް ނެތެވެ. ދުފާ އެއްޗެެއް ނެތެވެ. ޖެހުނީ ބުނާށެވެ. ބުނި އެއްޗެއް ނޫނީ ނުގެނެއެވެ. އެދުވަސް ދިޔައީ އެފަދަ ގޮތަކަށެވެ.
ފިހާރައެއް ހުޅުވުމަކުން، ކެފޭއެއް ހިންގަން ފެށުމަކުން އަދި ނުފުދެ އެވެ. އެތަނަށް މުވައްޒަފުން ލުމަކުން ފަރަކު ނުޖެހެ އެވެ. ކޮންމެ މީހަކުވެސް މިފަދަ ކަމެއް ކުރަނީ ފައިސާ ހޯދާށެވެ. ފައިސާ ދެނީ އެތަނަށް ވަންނަ ކަސްޓަމަރުންނެވެ. ކަސްޓަމަރުން އެތަނަކަށް ވަނުން ގިނަފަހަރަށް ބިނާވެފައި އޮންނަނީ އެތަނަކުން އެމީހުންނަށް ދެވޭ ޚިދުމަތެއްގެ މައްޗަށެވެ. ޚިދުމަތް ފެންވި ވަރަކަށް، ވަންނަ މީހުން ދާނީ މަދުވަމުންނެވެ. މީހުން މަދުވި ވަރަކަށް ކޮށިގަނޑުގެ ވަތްގަނޑު ފަޤީރުވާނެ އެވެ.
އެހެންކަމުން ތަނުގެ ވެރިން، މިކަންކަން ވަރަށް ގާތުން ބަލާން އެބަޖެހެ އެވެ. ތިމާގެ ފިހާރައިން، ނުވަތަ ހޮޓާ ކެފޭ ފަދަ ތަންތަނުން ޚިދުމަތް ހޯދަން އަންނަ ކަސްޓަމަރަށް ޚިދުމަތް ދެވެނީ، އެންމެ ރަނގަޅަށްތޯ އެވެ. މިކަންކަމަށް ނުބަލައި، މުވައްޒަފުންގެ އަތް މައްޗަށް ހުރިހާ ކަމެއް ދޫކޮށްލައިފިނަމަ، ކުރީން މިދެންނެވިފަދަ އެތައް ކަމަކާ ވިޔަފާރު ކުރާން އަންނަ މީހާއަށް ކުރިމަތިލާން ޖެހިދާނެ އެވެ. އެކަމުގެ ނަތީޖާ އެންމެ ފަހުން ހިތިގޮތަކަށް ފެނިވެސްދާނެ އެވެ.