ހދ. ކުޅުދުއްފުށީގެ މަގުތައް ހެދުމުގެ މަޝްރޫއާ ގުޅޭ ގޮތުން ސީދާ ރައްޔިތުންގެ ހިޔާލު ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ކުޅުދުއްފުށްޓަށް ވަޑައިގެންފި އެވެ.

ހދ. އަތޮޅުގެ ބައެއް ރަށްރަށަށް ރައީސުލްޖުމްހޫރިއްޔާ މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު މެންދުރު ކުޅުދުއްފުއްޓަށް ވަޑައިގަތީ ކުޅުދުއްފުށީގެ މަގުގެ ހެދުމުގެ މަޝްރޫއާ ގުޅޭގޮތުން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވީހާ ވެސް ފުޅާ ދާއިރާއެއްގައި ރައްޔިތުންގެ ހިޔާލު ހޯއްދަވައިގެން، ރައްޔިތުންގެ ވިސްނުމާ އެއްގޮތަށް އެކަންކަން ނިންމަވަން ރައީސް ބޭނުންފުޅުވާތީ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ކުޅުދުއްފުށީގެ މަގުތައް ހެދުމުގެ މަސައްކަތް ރަސްމީ ގޮތުން އިފްތިތާޙުކޮށްދެއްވީ މިއަހަރުގެ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހު ރައީސް ވަހީދު އެވެ. އެ މަސައްކަތް ފުރަތަމަ ފެއްޓީ ކުޅުދުއްފުށީ އަމީނީމަގުގައި ގާ އެތުރުމުގެ މަސައްކަތް ކުރެއްވުމެވެ.

މަގު ހެދުމުގެ މަޝްރޫއު އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކުކުޅުދުއްފުށީގެ ތަރައްގީއަށް ޓަކައި ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމެއް ކަމަށާއި ރައްޔިތުންނަށް އެކަމުން ވަރަށް ބޮޑު ލުއި ފަސޭހަ ކަމެއް ލިބިގެންދާނެ ކަމުގައި ރައީސް ވަނީ ވިދާޅުވެފަ އެވެ.