04 May 2013, 13:08
އަޅުގަނޑުމެންގެ ތެރެއަށް ޑިމޮކްރަސީ އާއި މިނިވަންކަން އައީ އުޚުވަތްތެރިކަން ކެނޑޭ ގޮތަށް ނޫން ކަމަށް ހޯމް މިނިސްޓަރު ޑރ. އަހުމަދު ޖަމީލު މުހައްމަދު ވިދާޅުވެއްޖެ އެވެ.
ތ. މަޑިފުށްޓާއި އެ އަތޮޅު ކިނބިދޫގައި ޕޮލިސް ސްޓޭޝަން ހުޅުވުމުގެ ގޮތުން މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރު ޑރ. ޖަމީލް ވިދާޅުވީ ރަށްތަކުގައި ތިބި ރައްޔިތުންނަށް ބޭނުންވާ ރައްކާތެރިކަން ފޯރުކޮށްދޭން ޖެހިފައިވާ ކަމަށާއި އެމީހަކު ބޭނުން ނުވާ އަޑެއް އިވިގެންނުވާނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އާންމުގޮތެއްގައި ރަށްތަކުގައި އަޑުގަދަކުރާ ބޭނުންކޮށްގެން މީހުންނަށް އުނދަގޫވާ ގޮތަށް އަޑުގަދަ ކުރުމަކީ ރާއްޖޭގެ ގާނޫނުތައް ތަންދޭ ކަމެއް ނޫން ކަމަށެވެ.
މަޑިފުށްޓާއި އެ އަތޮޅު ކިނބިދޫގައި ޕޮލިސް ސްޓޭޝަން ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކޮމިޝަނަރު އޮފް ޕޮލިސް އަބުދުﷲ ރިޔާޒު ވިދާޅުވީ ފުލުހުންގެ ޚިދުމަތް ކޮންމެ ރަށަކުން ވެސް ބޭނުންވާ ކަމަށް. ފުލުހުންގެ ޚިދުމަތް ކޮންމެ ރަށަކަށް ވެސް ބޭނުންވާ ކަމަށެވެ. އަދި އަމާން ވެއްޓެއް ގާއިމުވެ އޮތުމަށް ވުރެ މުހިންމު ކަމެއް އޮންނާނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ވެސް ކޮމިޝަނަރު ވިދާޅުވި އެވެ.
ރިޔާޒު ވިދާޅުވީ ފުލުހުންގެ މަސްއޫލިއްޔަތުގެ ތެރޭގައި ވެސް ހިމެނޭ ކަމެއް ކަމަށް ވާ އަމާން ވެއްޓެއް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް، ވަސީލަތްތައް ހުރި މިންވަރަކުން މަސައްކަތް ކުރުން މަތީ ދެމިތިބޭނެ ކަމަށެވެ.